އައިފޯން "އެސްއީ"ގެ އާ ވާޝަންއެއް އަންނަ އަހަރު؟

އައިފޯން އެސްއީ---

އެޕަލްގެ އުފެއްދުންތަކަކީ އަގުބޮޑު އުފެއްދުންތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އައިފޯނަށް މަރުދޭ އެތައް ބަޔަކު، އައިފޯންގެ އާ މޮޑެލް ގަންނަން އެތައް މަހެއް ކުރިން ފައިސާ ރައްކާ ކުރަން ފަށައެވެ.

އެޕަލްގެ އުފެއްދުންތަކަށް، ހާއްސަކޮށް އައިފޯނަށް ލޯބިކުރާ މީހުންގެ ތެރެއިން އަގުބޮޑު ފޯނުތައް ނުގަނެވޭ މީހުންނަށް ހާއްސަކޮށްގެން އެޕަލް އިން ވަނީ "އައިޕޯން އެސްއީ" ގެ ނަމުގައި އަގުހެޔޮ އައި ފޯނެއް ބާޒާރަށް ނެރެފައެވެ. މިދިޔަ އަހަރުގެ މާޗްމަހު ބާޒާރަށް ނެރުނު އައިފޯން އެސް އީގެ ފަހުގެ ވާޝަން އެއް އަންނަ އަހަރު ނެރޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

ވިޔަފާރީގެ ހަބަރުތަކާ ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ވެބްސައިޓްތައް ބުނާގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެސްއީގެ އާ ވާޝަން ނެރުމަށް އެޕަލް އިން އަންނަނީ ތައްޔާރުވަމުންނެވެ. ހަތަރު އިންޗީގެ އެސްއީ އަކީ އެޕަލްގެ އެހެން އައިފޯންތަކާ އަޅާ ބަލާއިރު އަގުހެޔޮ، ފީޗާސްތައް މަދު ފޯނެކެވެ. އެސްއީއަށް އަޕްޑޭޓް އަންނަ މިންވަރު އެހެން ފޯނުތަކާ އަޅާ ބަލާއިރު މަދުވާނެއެވެ.

މިއީ އޭޝިއާގެ މާކެޓްތަކަށް، ހާއްސަކޮށް އިންޑިއާ ފަދަ މާކެޓްތަކަށް ހާޢްސަ ކޮށްގެން އެޕަލުން ނެރޭ ފޯނެކެވެ. މިފަހަރުގެ އެސްއީގައި އައިފޯން 7 ގައި ހިމެނޭ އޭ 10 ގެ ޕްރޮސެސާ ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް