ގޫގުލްގެ ޖެމިނައި އޭއައި، އައިފޯންގައި ހިމަނަން މަޝްވަރާކުރަނީ

ގޫގުލްގެ ޖެމިނައި ތައާރަފު ކުރުން: އައިފޯންގައި ޖެމިނައި ހިމެނުމަށް އެޕަލްއިން ދަނީ މަޝްވަރާކުރަމުން -- ފޮޓޯ/ ގޫގުލް

ގޫގުލްގެ އާދަޔާ ޚިލާފު އޭއައި ޗެޓްބޮޓް "ޖެމިނައި" އައިފޯނުގައި ހިމެނުމަށް އެޕަލްއިން ގޫގުލްއާ ވާހަކަ ދައްކަމުންދާ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްއިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެޕަލްއިން ގޫގުލްއާ އެކު މަޝްވަރާ ކުރަނީ މުސްތަގުބަލުގައި ނެރޭނެ އައިފޯން މޮޑެލްތަކުގައި ޖެމިނައި އިންޓަގްރޭޓް ކުރެވިދާނެ އެއްބަސްވުމެއް ހެދުމާ ބެހޭ ގޮތުންނެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޖެނެރޭޓިވް އޭއައި ދާއިރާގައި ސެމްސަންގް ފަދަ ވާދަވެރިންނާ އެއްހަމައެއްގައި ކުރިއަށް ދިއުމަށް އެޕަލްއިން މަސައްކަތް ކުރާއިރު، މި މަޝްވަރާތަކަކީ އެޕަލްއަށް ބޮޑު ސްޓްރެޓެޖިކް ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެކެވެ.

އެޕަލްއިން ގޫގުލްގެ ޖެމިނައި ލެންގުއޭޖް މޮޑެލް އެކުންފުނީގެ ޕްރޮޑަކްޓް ލައިންއަޕްގައި ގެންގުޅެން މަސައްކަތް ކުރަމުން އަންނަ އިރު، މިއީ އޭއައި އިންޑަސްޓްރީ ހަލަބޮލިކޮށްލާނެ ފިޔަވަޅެއް ކަމަށް އެޕަލްއިން ބުނެއެވެ. މި މަޝްވަރާތައް އަދި ފަށައިގެންއުޅޭއިރު، މިފަދަ އެއްބަސްވުމެއްގެ ސަބަބުން ކުންފުނިތަކަށާއި ކަސްޓަމަރުންނަށް ވެސް އޭގެ އަސަރު ކުރާ މިންވަރު ވަރަށް ބޮޑުވާނެ ކަމަށް އެނަލިސްޓުން ބުނެއެވެ.

އެޕަލްއިން ޒަމާނުއްސުރެ ވަނީ ޕްރައިވެސީ ހިމާޔަތް ކުރުމުގެ ބޭނުމުގައި އެ ކުންފުނީގެ އަމިއްލަ އުފެއްދުންތަކަށް ނޫނީ ޖާގަ ނުދީފައެވެ. ނަމަވެސް އެޑްވާންސް އޭއައި ގާބީލުކަން އިތުރުކުރާނަމަ އެހެން ކުންފުނިތަކުގެ އެހީ ހޯދަން ޖެހޭ ކަމަށް އެޕަލްއިން ބުނެއެވެ.

އައިފޯނުތަކުގައި އޭއައި އިންޓަގްރޭޓް ކުރުމާ ބެހޭގޮތުން އެޕަލްއިން ވާހަކަ ދައްކަނީ ހަމައެކަނި ގޫގުލްއާ އެކަންޏެއް ނޫނެވެ. އެޕަލްއިން ވަނީ ޗެޓްޖީޕީޓީގެ ފަހަތުގައިވާ ކުންފުނި އޯޕަންއޭއައިއާއެކު ވެސް އެ ކުންފުނީގެ ލެންގުއެޖް މޮޑެލްތަކުގެ ބޭނުން ހިފުމުގެ ގޮތުން މަޝްވަރާކޮށްފައެވެ. އެޕަލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް އެ ކުންފުނީގެ ޕްލެޓްފޯމްތަކާއި ޑިވައިސްތަކަށް ޒަމާނީ ޖެނެރޭޓިވް އޭއައި ގެނައުމަށް ގިނަ މަގުތަކެއް ހޯދުން ކަމަށް ބެލެވެއެވެ.

ސްމާޓްފޯންތަކުގެ ތެރެއިން އެޕަލްގެ އެންމެ ބޮޑު ވާދަވެރިޔާ ސެމްސަންގުން މިހާރު ވަނީ ވީޑިއޯ އެޑިޓިން އާއި އޯޑިއޯ ޓްރާންސްކްރިޕްޝަން ފަދަ އޭއައި ބޭނުންވާ ފީޗާތަކަށް ޖެމިނައި އިންޓަގްރޭޓްކޮށްފައެވެ.

ރެގިއުލޭޓަރީ ނަޒަރަކުން ބަލާއިރު، އޭއައި އިންޓެގްރޭޝަނާ ގުޅޭ ގޮތުން އެޕަލް އާއި ގޫގުލްއާ ދެމެދު ވިޔަފާރީގެ އެއްވެސް އެއްބަސްވުމެއް ހަދައިފި ނަމަ، އެންޓިޓްރަސްޓް ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން ފާޑުކިޔުން އަމާޒުވެދާނެ ކަމަށް އެނަލިސްޓުން ބުނެއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މި ދެ ކުންފުންޏަށް މިހާރު ވެސް ފެޑެރަލް ދައުވާއެއް ކުރިމަތިވެފައި ވަނީ އެ ދެ ކުންފުނީގެ ޒަމާންވީ ޕާޓްނަޝިޕްގެ ސަބަބުން ޑިފޯލްޓް އައިފޯން ސާޗް އިންޖީނަކީ ވާދަވެރިކަމަށް ހުރަސްއެޅޭ އެއްޗެއް ކަމަށް ބުނެއެވެ.

comment ކޮމެންޓް