ގައުމީ ކޯޗު ސްޓެވާޓުގެ އެއްބަސްވުން އާ ނުކުރަން އެފްއޭއެމުން ނިންމައިފި

ގައުމީ ފުޓް ބޯޅަ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓަށް އިތުރު ފުރުސަތެއް ނުދިނުމަށް އެފްއޭއެމުން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓްގެ ކޮންޓްރެކްޓްގެ މުއްދަތު އާ ނުކުރަން ދިވެހި ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމުން ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 51 އަހަރުގެ ސްޓެވާޓް ރާއްޖޭގެ ގައުމީ ޓީމާ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ވަގުތީގޮތުން އޭނާ ޓީމާ ހަވާލުވީ ތިންމަހުގެ މުއްދަތަށެވެ. އޭނާ ރަސްމީކޮށް ޓީމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހަމަވާނެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަންއަށް ވިދާޅުވީ، ގައުމީ ޓީމުގެ ކޯޗު ސްޓެވާޓްގެ ކޮންޓްރެކްޓް އާނުކުރަން އެފްއޭއެމުން ނިންމާފައިވާ ކަމަށެވެ. އަދި އާ ކޯޗަކާއި އެސިސްޓެންޓް ކޯޗުން ހޯދުމުގެ މަސައްކަތްވެސް އެފްއޭއެމުން މިހާރު ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"ޑަރެން ސްޓެވާޓްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާފައި ވަނީ، އަދި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ،" ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ވިދާޅުވިއެވެ.

ސްޓެވާޓުގެ އެއްބަސްވުން އާނުކުރަން އެފްއޭއެމުން ނިންމާފައި މިވަނީ، އޭނާގެ ކޯޗު ކަމުގައި ގައުމީޓީމުން ނެރެމުން އަންނަ ނަތީޖާތަކާ މެދު ވަރަށް ބޮޑަށް ފާޑުކިޔުންތައްވެސް އަމާޒުވެފައި ވަނިކޮށެވެ. ހަމަ އެހެންމެ، އޭނާގެ ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ރާއްޖެއަށް މުހިއްމު މެޗެއްވެސް އަދި މުބާރާތެއް ވެސް ކުޅެން ނެތް ދަނޑިވަޅެއްގައެވެ.

ގައުމީ ޓީމުން ކޯޗެއްގެ އިތުރުން އެސިސްޓެންޓް ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ، ސްޓެވާޓާއެކު ގައުމީ ޓީމުގައި މަސައްކަތްކުރަމުން އައި އިސްމާއީލް މަހެފޫޒް (އިންމަ) އޭނާގެ ކުރީގެ ޓީމު މާޒިޔާގެ ކޯޗު ކަމާ ހަވާލުވުމަށް ގައުމީ ޓީމުން ވަކިވުމުންނެވެ.

ސްޓެވާޓްގެ ކޯޗު ކަމުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އޭނާއާ ހަވާލުކުރީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމެވެ. އެފަހަރު އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވަނީ، ލާއޯސް އަތުން މޮޅުވެ ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފައެވެ.

ބައްސާމް ރައީސް ކަމަށް ހޮވުމަށް ފަހު ސްޓެވާޓަށް ވަނީ ރަސްމީކޮށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އަދި އޭނާއާ ހަވާލުވި ދެ ޓާސްކަކީ، ގައުމީ ޓީމު އޭޝިއަން ކަޕަށް ކޮލިފައިކޮށް ދިނުމާއި، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. ނަމަވެސް ކޮލިފައިންގައި ރާއްޖެ ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން މިހާރު ވަނީ ރާއްޖެއަށް ފުރުސަތު ގެއްލިފައެވެ.

އެންމެ ފަހުން ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅުނު ކޮލިފައިން މެޗުގައި 8-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވުމާއެކު ސްޓެވާޓް ވަނީ، އެފްއޭއެމުން ބޭނުން ނަމަ އޭނާ އިސްތިއުފާ ދޭނޭކަމަށް ވެސް ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ބޫޓާނާ ދެކޮޅަށެވެ. އަންނަ އަހަރުގެ މާޗް މަހު ކުޅޭ އެ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ. އެމެޗާ ކުރިމަތިލާއިރު ރާއްޖެއާއި ބޫޓާނަށް ވެސް ވަނީ ކޮލިފައިންގެ ޖާގަ ގެއްލިފައެވެ.

ޑަރެން ސްޓެވާޓަކީ 1992ގައި އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ، ސިންގަޕޫރު ސުޕަރ ލީގުގެ ކްލަބެއް ކަމަށްވާ ބަލެސްޓިއާ ޚަލްސާގެ ކޯޗެއްގެ ގޮތުގައެވެ. އެއަށް ފަހު 2008-2011އަށް މެލޭޝިއާގެ ގޮމްބަކް ޔުނައިޓެޑްގެ ކޯޗު ކަމާއި، 2012-2013އަށް ބަލެސްޓިއާ ޚަލްސާއަށް، އަދި ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރީން 2014-2015އަށް ސްޓެވާޓް ވަނީ ސިންގަޕޫރުގެ ވުޑްލޭންޑްސް ވެލިންޓަނަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ސްޓެވާޓްގެ ކޯޗު ކަމުގައި ރާއްޖެ އެންމެ ފުރަތަމަ ކުޅުނު މެޗަކީ ބަނގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެމެޗުން ރާއްޖެ ވަނީ 5-0 ނަތީޖާއަކުން މޮޅުވެފައެވެ. އެއަށް ފަހު، އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭއޯފްގައި ލާއޯސް އަތުން ފުރަތަމަ ލެގުގައި 4-0 އަދި ދެވަނަ ލެގުގައި 1-1 އެއްވަރުވެ (5-1)ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެއަށް ކޮލިފައިންގެ ފުރުސަތު ލިބުނެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން ބަލިވީ، 3-0 ލަނޑުންނެވެ. އަދި ބޫޓާން އަތުން 2-0 ލަނޑުން މޮޅުވި ނަމަވެސް އޮމާން އަތުން ރާއްޖެ ވަނީ 5-0 ލަނޑުން ބަލިވެފައެވެ.

comment ކޮމެންޓް