ސައޫދީ ހިމެނޭ ގޮތަށް ގަލްފުގެ ގައުމުތަކާ ގުޅުންތައް އުފައްދާފައިވާކަން އިސްރާއީލުން ކަށަވަރުކޮށްދީފި

ގަލްފުގެ ގައުމުތަކުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާކަން ކަށަވަރުކޮށް ދެއްވި އިސްރާއީލުގެ ވަޒީރު ޔޫފާލް ސްޓައިންޓިސް

ޓެލްއަވީވް (ނޮވެމްބަރު 20): އިސްރާއީލުން ގަލްފުގެ ގައުމުތަކާއެކު ސިއްރު ގުޅުންތަކެއް ގާއިމްކޮށްފައިވާ ކަމަށާއި އިސްރާއީލުން ސިއްރު ގުޅުންތައް ގާއިމް ކުރި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާ ހިމެނޭކަމަށް އިސްރާއީލުގެ ހަކަތައާބެހޭ ވަޒީރު ޔޫފާލް ސްޓައިންޓިސް ކަށަވަރުކޮށް ދެއްވައިފިއެވެ.

އިސްރާއީލުގެ ރޭޑިޔޯއަށް ދެއްވި ބަސްދީގަތުމެއްގައި ސްޓައިންޓިސް ވިދާޅުވީ ހުރިހާ ކަމަކަށްވުރެ އީރާނުގެ ނުރައްކާ އިސްރާއީލަށް ބޮޑުކަމަށާ އީރާނުގެ ނިއުކްލިޔަރ އަދި ޓެކްނޮލޮޖީގެ ބާރުތަކާ ކުރިމަތިލުމަށްޓަކައި އިސްރާއީލާ ގުޅިގެން މަސައްކަތްކުރުމަށް ގަލްފުގެ އަރަބި ގައުމުތައް އެއްބަސްވެފައިވާ ކަމުގައެވެ. ނަމަވެސް ސްޓައިންޓިސް ވިދާޅުވީ ގަލްފުގެ ގައުމުތަކުން އިސްރާއީލާއެކު ބާއްވާ ސިއްރު ގުޅުންތައް ހާމަކުރަން ބޭނުން ނުވަނީ ފަލަސްތީނުގެ މައްސަލާގައާއި މަސްޖިދުލްއަގްސާގެ މައްސަލާއާ ގުޅިގެން ކަމުގައެވެ.

އިސްރާއީލާ ގުޅުންތައް ބާއްވާކަން ހާމަކުރުމަކީ ދީނީ އަދި ގައުމީ ސަބަބުތަކާ ގުޅިގެން ގަލްފުގެ އަރަބި ގައުމުތައް ލަދުވެތިވާ ކަމެއް ކަމަށާ ނަމަވެސް މި ގުޅުންތައް އޮންނަކަން ހާމަކުރުމަކީ އިސްރާއީލަށް ލިބޭ އުފަލެއްކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލާ ގުޅުންތައް އުފައްދާފައިވާކަން ހާމަކުރުމަށް ގަލްފުގެ ގައުމުތަކުން ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި އެގައުމުތަކުގެ ރައްޔިތުންގެ އިހްސާސްތައް ހިމެނޭކަމަށްވެސް އިސްރާއީލުގެ ވަޒީރު ވިދާޅުވިއެވެ.

އަރަބިންނާ ގުޅުންތައް އޮންނަކަން ހާމަކުރުމަކީ އިސްރާއީލަށް ލިބޭ ފަޚްރެއްކަމަށާ އަރަބިންނާ ގުޅުންތައް ގާއިމް ކުރުމަކީ އިސްރާއީލު އުފެއްދުމަށްފަހު މިއަދާ ހަމައަށްވެސް އިސްރާއީލު އެންމެ ބޮޑަށް ބޭނުންވާ ކަންތައްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ފަލަސްތީނާއި ގުދްސުގެ މައްސަލާގައި ދުލެއްނުދީ އެކަން އެގޮތަށް އޮއްވައި އަރަބިންނާ ސުލްހަވުމުގެ ފުރްސަތު ލިބުމަކީ އިސްރާއީލަށް ލިބުނު ބޮޑު ކާމިޔާބީ އެއްކަމަށްވެސް އިސްރާއީލުގެ ހަކަތައާބެހޭ ވަޒީރު ސްޓައިޓިސް ސިފަކުރެއްވިއެވެ.

އަނެއްކޮޅުން ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގެ ދިފާއީ ވުޒާރާގެ ވަކީލް އަބްދުﷲ އަލްހާޝިމީ ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލަކީ ޔޫއޭއީ އަށް އެއްވެސް ނުރައްކަލެއް އޮތް ގައުމެއް ނޫންކަމަށާ އިސްރާއީލާ ގުޅުންތައް ބޭއްވުމަކީ މައްސަލަ އެއްކަމަށް ނުދެކޭ ކަމުގައެވެ.

އިސްރާއީލާ ސިއްރު ގުޅުންތައް ބާއްވަން ފަށާފައިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އާއި ޔޫއޭއީގެ އިތުރުން ބަހްރައިން ވެސް ހިމެނެއެވެ. ސައޫދީ އަކީ ޑިމޮކްރެޓިކް ގައުމަކަށް ނުވިނަމަވެސް މިފަހަކަށް އައިސް ސައޫދީ ލީޑަރޝިޕުން ދީނީގޮތުން މެދުމިނުގެ ސިޔާސަތެއް ގެންގުޅެން ފަށާފައިވުމާއި ސައޫދީ ހުޅުވާލުމާއި އީރާނުގެ ބާރާއި ނުފޫޒާ ދެކޮޅަށް ސައޫދީން ތެދުވުމަކީ ސައޫދީއާއި އިސްރާއީލު ގެ މަސްލަހަތު އެކަށްޗަކަށްވެ ދެގައުމު ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް އުފެދިގެން ދިޔަކަމެއްކަމަށް އިސްރާއީލުގެ ވަޒީރު ވިދާޅުވިއެވެ.

އީރާނަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ، ފަލަސްތީނުގެ ހަމާސް ޖަމާއަތަށްވެސް އަސްކަރީ ގޮތުން އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ. އަދި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތާއި ޔަހޫދީ ޒަޔަނިސްޓުންނާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ އެހެން ޖަމާއަތްތަކަށްވެސް ވާގިވެރިވަނީ އީރާނުންނެވެ.

އީރާންދެކެ އިސްރާއީލާއި އެމެރިކާ އެންމެ ބޮޑަށް ރުޅިއަންނަނީ ނިއުކްލިޔަރ ބާރުވެރިކަން ހޯދަން މަސައްކަތް ކުރުމާއި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި ކުރިޔަށްދާން މަސައްކަތް ކުރުމާއި އެމެރިކާއަށް ބަރޯސާނުވުމާއި އެމެރިކާގެ ބަސްނޭހުމާއި މިނިވަން މުސްތަގިއްލު އަމިއްލަ ވަންތަ ސިޔާސަތެއް ގެންގުޅުމާއި އިސްރާއީލުގެ އިސްތިއްމާރާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމެވެ.

އަނެއްކޮޅުން އިސްރާއީލުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ގާދީ އިޒިންކޯޓް ވަނީ އީރާނާ ކުރިމަތިލުމަށްޓަކައި ސައޫދީ އާއެކު ޖާސޫސީ މައުލޫމާތާއި އަސްކަރީ ތަޖްރިބާ ބަދަލުކުރުމަށް އިސްރާއީލު ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ސައޫދީ އޮންލައިން ނޫހަކަށް ދެއްވި ބަސްދީ ގަތުމެއްގައި ޖެނެރަލް ގާދީ އިޒިންކޯޓް ވަނީ އިސްރާއީލަށް ޒިޔާރަތް ކުރެއްވުމަށް ސައޫދީ މުފްތީ ޝައިޚް އަބްދުލްއަޒީޒް އާލުއްޝައިޚް އަށް ދައުވަތު ދެއްވާފައެވެ. މިއީ އަރަބި ނޫހަކަށް އިސްރާއީލުގެ މަސްއޫލުވެރިއަކު ދެއްވި ފުރަތަމަ ބަސްދީގަތުމެވެ.

ސައޫދީން ވަނީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް ގަތަރުންވެސް އެހީވާތީ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށްފައެވެ. އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަން ނުޖެހޭ ކަމަށް ކަމަށް ވިދާޅުވެ ސައޫދީ މުފްތީ އަބްދުލްއަޒީޒް އާލުއްޝައިޚް ދާދިފަހުން ދެއްވި ބަޔާނެއްވެސް މީޑިޔާއަށް ވަނީ ލީކުވެފައެވެ. އެ ބަޔާނުގައި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސައޫދީ ސިފަކުރެއްވިކަމަށްވެސް ޚަބަރުތައް ބުނެއެވެ. ސައޫދީ މުފްތީ އެކަން ކަށަވަރުކޮށް ދެއްވާފައި ނުވިނަމަވެސް އޭނާ އެބަޔާން ދޮގު ކުރައްވާފައެއް ނުވެއެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ހުރިހާ ބިންތަކެއް ގަދަބާރުން ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކުރުމުގެ އިތުރުން ފަލަސްތީނުގެ ބިމުގައިވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ ވެސް ގަދަބާރުން ހިފައި އެމުގައްދަސް ބިނާގައި ހުޅުޖަހައި އެތަނުގެ ހުރްމަތް ކަނޑަމުން ގެންދާ އުދުވާނީ އަނިޔާވެރި ގައުމެކެވެ. ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ދައުލަތް އުފައްދާފައިވަނީ 1948 ވަނަ އަހަރުއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް