ހަމާސްއަށް ނަރަކައާ އެއްފަދަ ބިރުވެރިކަން ދައްކާލާނަން: ޓްރަމްޕް

ޓްރަމްޕް

ވޮޝިންޓަން (11 ފެބްރުއަރީ 2025): ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތަށް ނަރަކައާ އެއްފަދަ ބިރުވެރިކަން ދައްކާލާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

މި އިންޒާރުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް މި ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުގެ ކުރިން އިސްރާއީލުގެ ބާކީ ތިބި އަސީރުން މިނިވަން ނުކޮށްފިނަމަ، ކަންތައް ވަރަށް ގޯސްވާނެ ކަމަށާއި އެ ހާލަތުގައި ހަމާސްއަށް ދައްކާލާނީ ނަރަކައާ އެއްފަދަ ބިރުވެރިކަމެއް ކަމުގައެވެ.

ހަމާސްއިންވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ޙަމާސް ޖަމާއަތާއި ޔަހޫދީ އިސްރާއީލާ ދެމެދު އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ތަކުރާރުކޮށް އިސްރާއީލު އަމަލުކުރަމުން ގެންދާތީ ހަމާސްގެ އަތްދަށުގައި ބާކީ ތިބި އިސްރާއީލުގެ އަސީރުން މިނިވަންކުރުން މަޑުޖައްސާލުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

ހަމާސްގެ ތަރުޖަމާން އަބޫއުބައިދާ ވިދާޅުވި ގޮތުގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އެތައް ކަމެއް އިސްރާއީލު ގެންދަނީ ތަކުރާރުކޮށް ކުރަމުންކަމުގައެވެ. މީގެ ތެރޭގައި ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިޔުމަށް އިސްރާއީލު ހުރަސްއެޅުމާއި ސިއްހަތާ ބެހޭ ސާމާނާއި ބޭސްފަދަ ތަކެތި ޣައްޒާއަށް ވެއްދުމަށް ހުރަސްއެޅުމުގެ އިތުރުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި އާންމުން މަރައި ގަތުލުއާންމު ހިންގުމުގެ ޖަރީމާތައް ވެސް އިސްރާއީލުން އެއްކޮށް ހުއްޓާނުލައި ކުރިއަށް ގެންދިޔުންފަދަ އެތައް ޖަރީމާތަކެއް ހިމެނޭ ކަމުގައެވެ.

މިކަންކަން ރަނގަނޅުކޮށް އެއްބަސްވުމަށް އަލުން އަނބުރައި ރުޖޫއަވުމަށް އިސްރާއީލު ދެކޮޅު ހަދާތީ ބާކީތިބި އިސްރާއީލުގެ އަސީރުން މިނިވަން ކުރުން ފަސްކޮށްލުމަށް ނިންމީ ކަމަށް އަބޫ އުބައިދާ ވިދާޅުވިއެވެ. އަބޫއުބައިދާގެ މި ވާހަކަތަކަށް ފަހު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔަހޫ ވަނީ އަލުން އަނބުރައި ޣައްޒާއަށް ބޮންއަޅައި ގަތުލުއާންމުތައް ފަށާނެކަމުގެ ބިރު ދައްކަން ފަށާފައެވެ. މިގޮތުން ނަތަންޔާހޫ ވަނީ ޣައްޒާއަށް ބޮންއަޅައި ހަމަލާތައް ކުރީގެ ލެވެލްގައި އަލުން ފަށަން ތައްޔާރުވުމަށް އޭނާގެ ސިފައިންނަށް އަންގާފައެވެ.

ބޮންއަޅައިގެން އާންމުން މެރުމުގައި އިސްރާއީލު ކާމިޔާބު ހޯދި ނަމަވެސް އިސްރާއީލުގެ ކުރީގެ ޖާސޫސީ އިދާރާގެ ވެރިޔާ ބުނެފައިވާ ގޮތުން އިސްރާއީލުގެ އެއްގަމު ސިފައިންގެ ލަޝްކަރު މިހާރު އޮތީ ބިންމަތީގައި ހަނގުރާމަ ކުރެވޭ ވަރަށް ވުރެ މާ ބޮޑަށް ބަލިކަށިވެފައެވެ. އެ ލަޝްކަރުގެ އެތައް ބަޔަކު މަރުވެ، އިތުރު އެތައް ހާސް ބަޔަކު ޒަޚަމުވެފައިވާއިރު އެތައް ސަތޭކަ ބަޔަކުވަނީ ހަނގުރާމަ ކުރުމަށް ދެކޮޅު ހަދައި މައިދާނުން ފިލާފައެވެ.

ބާކީ ތިބި މީހުންގެ ކިބައިގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ އަޒުމާއި ހިއްވަރެއްނެތެވެ. އެހެންކަމުން އެއްގަމުން ހަނގުރާމަ ފަށައިފިނަމަ އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވެ، އިތުރު ބަޔަކު ހަމާސްގެ އަތްދަށުން އަސީރުވުމުގެ ބިރު ވަރަށް ބޮޑެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ނަރަކައާ އެއްފަދަ ބިރުވެރިކަން ދައްކާލާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވާ އިންޒާރުތަކަކީ ހަމާސް ޖަމާއަތް ހާސްވާ ވަރުގެ އަދި ކަންބޮޑުވާވަރުގެ އިންޒާރުތަކެއް ނޫނެވެ. ޓްރަމްޕަކީ ބިރުދެއްކުމަށް އެތައް ފަރާރަތަކަށް މިފަދަ އިންޒާރުތައް ދެއްވުމަށް މަޝްހޫރު ބޭފުޅެކެވެ.

ނަމަވެސް، އެ މަނިކުފާނުގެ އިންޒާރުތަކުން ހާސިލުކުރެވޭ މާ ބޮޑު ކާމިޔާބެއް ނުފެންނަ ކަމަށް މި ފަރާތްތަކުން ބުނެއެވެ.

އިސްރާއީލަށް 15 މަސް ތެރޭގައި ނުކުރެވުނު ކަމެއް އެމެރިކާއަށް ޣައްޒާގައި ނުކުރެވޭނެކަމާއި އެއްގަމު ހަނގުރާމަ ކުރަން އެމެރިކާ ސިފައިން ބިރުގަންނާނެވަރު ހަމާސް ރަނގަނޅަށް ދަންނަ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އިސްރާއީލު ސިފައިންވަނީ 15 މަހުން ވެސް ހަމާސް ބަލި ކުރުމުގައާއި އެ ޖަމާއަތުގެ ބިންގަރާސްތައް ހޯދުމުގައާއި އިސްރާއީލުގެ ރަހީނުން ގަދަބާރުން މިނިވަންކުރުމުގައި މުޅިން ފެއިލްވެފައެވެ. އިސްރާއީލަށް ކާމިޔާބު ލިބުނީ ޣައްޒާގެ އާންމުން މަރައި މަދަނީ ތަންތަން ފުނޑާލުމުގައެވެ.

comment ކޮމެންޓް