އެވޯޑު ހަފްލާ ހުށަހަޅަން އަނެއްކާވެސް އަސޫ، މިފަހަރު މަރީއާ އެކު!

އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ބާއްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ފައިނަލް ގާލާ އިވެންޓް ހުށަހަޅައިދޭނީ އުންމީދީ ޕްރެޒެންޓަރު އަސްރާ ނަސީމް (އަސޫ) އާއި ތަޖުރިބާކާރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ) -- ފޮޓޯ: މަޓާޓޯ

ރާއްޖޭގެ ފަތުރުވެރިކަމުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެކިއެކި އެޑިޝަންތައް މި އަހަރުގެ ތެރޭގައި ބާއްވަމުން ގޮސް، މިއަހަރުގެ އެންމެ ފަހު ހަރަކާތްތަކާ ހަމައަށް މިހާރު އާދެވިއްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އޮންނަ އިރު، ހަމަ އެރޭ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ޓްރެވަލް އެވޯޑްސްގެ ފައިނަލް ގާލާ އޮންނާނެއެވެ.

މަޓާޓޯގެ ތެރެއިން މިއަހަރުގެ ތެރޭގައި ނިކަން ގަދައަށް ވިދަންފެށި އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ)ގެ ހިއްސާ، ޓްރެވަލް އެވޯޑްސްގެ ތެރޭގައި ވަރަށްވެސް ބޮޑެވެ. ނަމަވެސް އޭނާއަކީ ހަރަކާތްތަކުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން، އިވެންޓުތަކުގައި އަމަލީ ގޮތުން ބައިވެރިވާންވެސް ކުޅަދާނަ ފަރާތެއްކަން މިހާރު ވަނީ ހާމަވެފައެވެ.

ޓްރެވަލް އެވޯޑްސްގައި މިއަހަރު ބޭއްވި ޕީޕަލްސް އެޑިޝަން އެވޯޑްސްގެ ހަފްލާ، މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމްއާ އެކު ހޯސްޓު ކޮށްދިނުމަށްފަހު، ހުކުރު ދުވަހު އޮންނަ ޓްރެވަލް އެވޯޑްސްގެ ފައިނަލް ގާލާވެސް ހުށަހަޅައިދޭން އަސޫ މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ބާއްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ފައިނަލް ގާލާ އިވެންޓް ހުށަހަޅައިދޭނީ އުންމީދީ ޕްރެޒެންޓަރު އަސްރާ ނަސީމް (އަސޫ) އާއި ތަޖުރިބާކާރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ) -- ފޮޓޯ: މަޓާޓޯ

އަސޫއާ އެކު ޓްރެވަލް އެވޯޑްސް ފައިނަލް ގާލާ ހުށަހަޅައިދޭނީ ރާއްޖޭގެ އެންމެ މަގުބޫލު، އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަޖުރިބާކާރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)އެވެ.

އަސްރާ ވިދާޅުވި ގޮތުގައި، ޕީޕަލްސް އެޑިޝަން އެވޯޑްސް ހުށަހަޅަން ތައްޔާރުވުމަށް އޭނާއަށް އިރުޝާދު ދީ، އެހީތެރިވެދެއްވީ މަރީއެވެ.

"މިހިރީ ވަރަށް އެކްސައިޓްވެފައި މަރީއާ އެކު ޕްރެޒެންޓްކުރަން ފުރުސަތު ލިބޭތީ،" ސަންއާ ވާހަކަ ދައްކަމުން އަސޫ ވިދާޅުވިއެވެ.

އެކްސައިޓްވެފައި ހުރީ އަސޫ އެކަންޏެއް ނޫނެވެ. މިފަދަ ހަފްލާތައް ޕްރެޒެންޓުކުރުމުގައި އެފަދަ ދެއްވަނައެއް ނެތް މަރީވެސް ހުރީ "އާ ކުއްޖަކާއެކު" މިގޮތަށް ޕްރެޒެންޓްކޮށްލަން ލިބުމުން ވަރަށް އެކްސައިޓްވެފައެވެ.

"އަސޫއަކީ ކްލޯޒް ފްރެންޑެއް، ވަރަށް މޮޅު ކުއްޖެއް. ވަރަށް ބޮޑަށް އެކަމަށް ޝައުގުވެރިކަން ހުރެގެން އަސޫ އެމަސައްކަތްކުރަނީ. ހަގީގަތުގަ މަރީއަށް ވެސް ނިއު އެކްސްޕީރިއެންސެއް މިއީ އާ ކުދީންނާއެކު މިގޮތަށް ޕްރެޒެންޓްކުރަން ޖެހުމަކީ. އަސޫއާއެކު ޕްރެޒެންޓް ކުރާ ފުރަތަމަ ފަހަރުމީ. ހަމަ ވަރަށް އެކްސައިޓްވެފަ މިހިރީ،" މީގެ ކުރީން ތިންފަހަރަކު މަޓާޓޯ ޓްރެވަލް އެވޯޑް ހޯސްޓްކޮށްފައިވާ މަރީ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ތަޖްރިބާކާރު އެއް ޕްރެޒެންޓަރާއެކު ޓްރެވަލް އެވޯޑްސްގެ ގާލާ އިވެންޓް ހޯސްޓްކުރުމަށް އަސޫ ތައްޔާރުވަމުންދާއިރު، އޭނާގެ ފަރާތުން ވަނީ މަރީއަށް މީގެ ކުރީން ކޯހޯސްޓެއްގެ ފަރާތުން ނުފެންނަ ތަފާތުތަކެއް މިހާރުވެސް ފެނިފައެވެ.

"އެވޯޑް ހަފްލާއަށް މަރީގެ ހެދުންވެސް ތައްޔާރުކޮށްގެ ގެނެސްދިނީ އަސޫ. މިއީ ކޯހޯސްޓެއްގެ ފަރާތުން މިހާތަނަށް މަރީއަށް އަދި ތަޖްރިބާކުރެވިފަ ނުވާކަމެއް. މަޝްހޫރު ފެޝަން ޑިޒައިނަރު މުހައްމަދު ރިއްފަތު ލައްވައި އަސޫ މިވަނީ ވަރަށް ގުޅުވާލައިގެން ދެ މީހުންގެ ހެދުންވެސް ތައްޔާރުކޮށްފައި."

މަޓާޓޯ ޓްރެވަލް އެވޯޑްސްގައި ޕީޕަލްސް އެޑިޝަން އެވޯޑްސް އޮތީ ޖުލައި މަހުގެ ތެރޭގައެވެ. ޓޫރިޒަމް ދާއިރާގައި ފާހަގަކުރެވޭ 10 ޚިދުމަތްތެރިއެއްގެ އަގު ވަޒަންކޮށް، އެ ހަފްލާގައި އެވޯޑު ދީފައިވެއެވެ.

އެއަށްފަހު ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީގެ އަގު ވަޒަންކުރުމުގެ ގޮތުން ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝާން، ކ. މާފުށީގައި މިދިޔަ މަހު ބާއްވާފައިވެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. ހުކުރު ދުވަހުގެ ރޭ އޮންނަ ޓްރެވަލް އެވޯޑްސް ފައިނަލް ގާލާގެ އޮންލައިން ކަވަރޭޖް "ސަން"އިން ވަގުތުން ގެނެސްދޭނެއެވެ.

comment ކޮމެންޓް