އެއީ ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއާ ސަން މީޑިއާ ގްރޫޕާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމުގެ ހަފްލާއެއް އޮތް ދުވަހެވެ. އެދުވަހު "އަސޫ" ހުރީ ވަރަށް ބިރުންނެވެ. ވަރަށް ބޮޑަށް ހާސްވެ ފިނިވެފައެވެ. ސަބަބަކީ އޭނާއަށް މީޑިއާގެ ކުރިމަތީގައި ވާހަކަދައްކަން ޖެހުނު ފުރަތަމަ ފަހަރުކަމަށް ވާތީއެވެ.
މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް އެދުވަހުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ނިންމުމަށްފަހުވެސް ވިދާޅުވަމުން ގެންދިޔައީ ކެމެރާއާ އޭނާއާ ދެމެދު އޮންނަ ބީރައްޓެހި ގުޅުމުގެ ވާހަކައެވެ.
ކެމެރާ ދެކެ ބިރުން އުޅުނު މި ޒުވާނާ އޭގެ ތިން މަސް ދުވަސް ފަހުން ފެނިގެން ދިޔައީ މުޅި ރާއްޖެއަށް ވަގުތުން ދުރަށް ދެއްކި އެވޯޑު ހަފްލާއެއް ހޯސްޓުކުރަމުން ގެންދަނިކޮށެވެ.
މަޓާޓޯއިން ކޮންމެ އަހަރަކުވެސް ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ދަށުން މިއަހަރު އަލަށް ބޭއްވި "ޕީޕަލްސް އެޑިޝަން" އޮތީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެ އެވޯޑު ހަފްލާގެ ސްޓޭޖުމަތި ފަޅުފިލުވައިދޭން ހުރި އެއް ޕްރެޒެންޓަރަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ހުނަރުވެރި ޕްރެޒެންޓަރު މޫސާ ވަސީމެވެ. ދެން ހުރީ މި ދާއިރާއަށް މުޅިން އަލަށް ތައާރަފްވި އަސޫއެވެ.
ބުރާސްފަތި ދުވަހުގެ އެވޯޑު ހަފްލާ ފެނުނު މީހަކު ހިތަށް އަރާނެއެވެ. "މިއީ އަލަށް ޕްރެޒެންޓުކުރާ މީހެއް ނޫނެވެ،"
އަސޫ ސްޓޭޖުމަތީގައި ހުރިއިރު އޭނާގެ ހަރަކާތްތައް އެންމެ ގާތުން ފެންނާނެ އެކަކީ، މޫސައެވެ. އަސޫގެ ޕްރެޒެންޓުކުރުމުގެ ހުނަރާ ބެހޭގޮތުން މޫސަވެސް ހުރީ ހަމަ "އާޝޯޚުވެފަ"އެވެ.
"އަޅުގަނޑުވެސް ވަރަށް ކައިރިން ބެލިން އަސޫ ޕްރެޒެންޓް ކުރަމުން ދިޔައިރު. ވަރަށް ކޮންފިޑެންޓާ އެކު ޕްރެޒެންޓުކުރަމުން ދިޔައީ،" މޯލްޑިވިއަން އައިޑްލަގެ އިތުރުން މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑުގެ ވެސް ޕްރެޒެންޓަރ މޫސަ ބުންޏެވެ.
"އަޅުގަނޑުގެ ކެރިއަރުގައި އަދި މިހާތަނަށް ހަމަ ނުދެކެން، އަލަށް މިގޮތަށް އަރާ، ލައިވްކޮށް ފޮނުވި ހަފްލާއެއްގައި މިހާ ރަނގަޅަށް ހުށަހަޅައިދިން ޕްޒެންޓަރެއް.
"އަޅުގަނޑު ބުނާނީ، ހަމަ ވަރަށް ވަރަށް ސަޅިއޭ"
އިނގިރޭސިބަހުން ކުރިޔަށް ގެންދިޔަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ އަސޫއާއި މޫސައަށް ވެސް ވަރަށް އާ ތަޖުރިބާއެކެވެ. މޯލްޑިވިއަން އައިޑަލްގެ ދެ ސީޒަންވެސް ހޯސްޓުކުރި މޫސާ ވަސީމަކީ އާންމު ގޮތެއްގައި އިނގިރޭސިބަހުން ޝޯ ޕްރެޒެންޓުކުރާ މީހެެއް ނޫނެވެ. އަދި އަސޫއަކީ މީގެ ކުރިން މިފަދަ އެއްވެސް ޕްލެޓްފޯމަކުން ފެނިފައިވާ މޫނެއް ނޫނެވެ.
"ފުރަތަމަ ފަހަރާ އަޅާބަލައިފައި އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދާއިރާއިން ފެންނާނެ. އަދި މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ފައިނަލް ގާލާއިން ވެސް ހަމަ ފެނިދާނެ،" މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ތަޖުރިބާކާރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)އާ އެކު އަސޫއާއި މޫސަވެސް ޕްރެކްޓިސް ސެޝަންތަކެއް ކުރިޔަށް ގެންދިޔައެވެ. މަރީގެ ފަރާތުން ލިބުނު އިރުޝާދުގެ ދަށުން ދެ ޕްރެޒެންޓަރުންވެސް އެވޯޑު ހަފްލާ ކުރިޔަށް ގެންދިޔައީ ވަރަށް އޮމާންކަމާއެކުގައެވެ.
މަޓާޓޯ ޖަމިއްޔާގެ ސެކްރެޓޭރިއަޓު ހިންގުމުގައި އުޅެނީ ދެ ޕްރެޒެންޓަރުން ކަމުގައިވެއްޖެއެވެ. އެއީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެެނެރަލް، އަދި ޒަމާންވީ ޓީވީ ޝޯ "ހޭޔަމްބޯ" ހޯސްޓުކޮށްދިން ޕްރެޒެންޓަރު އިބްރާހިމް މުނާޒާއި އޭނާގެ ޑެޕިއުޓީ، މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ ހޯސްޓު އަސްރާ ނަސީމެވެ.
ބުރާސްފަތި ދުވަހުގެ ރޭ އޮތް މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގައި، ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ 10 ޝަޚުސިއްޔަތެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެވޯޑު ދީފައިވެއެވެ.
އެވޯޑު ހާސިލުކުރި ފަރާތްތަކަކީ
- ޓާކިޝް އެއާލައިންސްގައި ސޭލްސް ރެޕެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އައިމިނަތު މަމްޝޫގާ
- ކެޕިޓަލް ޓްރެވަލްސް އެންޑް ޓޫއާޒްގެ ސީއީއޯ ޔޫސުފް ރިއްފަތު
- މަޝްހޫރު ޑައިވިންގް އިންސްޓްރަކްޓަރު ހުސައިން ރަޝީދު (ސެންޑީ)
- ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ޑިރެކްޓަރ އޮފް ފައިނޭންސް، ރާސާ ސަންގެރަން
- ޕެރެޑައިޒް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް
- މޫކައި ހޮޓެލްސް އެންޑް މޫކައި ސުއީޓްސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަލީ (ޑޮން)
- މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލްރަޝީދު އަލީ (އަބްސީ)
- ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގް އެންޑް ސޭލްސް އަލީ ރަޝީދު
- ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ޝިޒޯލާ
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނާޒް ހުސައިން
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ފުރަތަމަ ހަރަކާތް ނިމިފައިވާ އިރު، އެވޯޑްސްގެ ދަށުން އޮންނަ ދެވަނަ ހަރަކާތަކީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެވެ.
ގެސްޓްހައުސް އެޑިޝަން އޮންނާނީ، ގެސްޓްހައުސެސް މޯލްޑިވްސްގެ ފަރާތުން މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ ގެސްޓްހައުސް ކޮންފަރަންސްގެ ގާލާ ހަފްލާގައެވެ. އެއަށްފަހު މިއަހަރުގެ ތެރޭގައި މަޓާޓޯ ޓްރެވަލް ކޮންފަރަންސާއި، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ފައިނަލް ގާލާވެސް އޮންނާނެއެވެ.
މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.