ދިވެހިރާއްޖެއަށް މި މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކްރޫޒް ލައިނާތަކުގެ 34 ދަތުރު ކުރާ ގޮތަށް ހަމަޖައްސާފައިވެއެވެ.
ކުރޫޒު ލައިނާތަކުގެ ޖަމިއްޔާ "މާޔާ" އިން "ސަން" އާ ހިއްސާ ކޮށްފައިވާ ތާވަލުގައިވާ ގޮތުން، މި ސީޒަނުގެ ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮސް، އަންނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މި ދަތުރުތަކުގެ ތެރޭގައި "ކޯޑީލިއާ އެމްޕްރެސް"ގެ ތަކުރާރު ދަތުރުތަކުގެ އިތުރުން، "މައިން ޝިފް 6"، "އައިޑާސްޓެލާ"، "ވިލާ ވީ އޮޑިސީ" އަދި "ސެވެން ސީޒް ވޮޔޭޖާ" ފަދަ އުޅަނދުތަކުގެ ދަތުރުތައް ހިމެނެއެވެ.
މި ތާވަލުގައިވާ ގޮތުން، ސީޒަން ފެށުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު އެންމެ ފުރަތަމަ އަންނާނީ ކޯޑީލިއާ އެމްޕްރެސްއެވެ. އޭގެ ފަހުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:00 އަށް މައިން ޝިފް 6 އައިސް، އެ ދުވަހުގެ އިރުއޮއްސި 7:00 ގައި ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން ކްރޫޒް ލައިނާއެއްގައި ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި: -- ސަން ފޮޓޯ/ މުހައްމަދު އަފްވާން ޑިސެންބަރު މަހުގެ ތެރޭގައިވެސް ގަވާއިދުން އުޅަނދުތައް އަންނަ އިރު، ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކައިރިކައިރީގައި ގިނަ އުޅަނދުތަކެއް އަންނާނެ ކަމަށް ތާވަލުން ދައްކައެވެ. މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނައިން އަންނަ އުޅަނދަކީ ކޯޑީލިއާ އެމްޕްރެސް ކަމަށް ވާއިރު، އެ އުޅަނދުގެ 16 ދަތުރެއް ތާވަލުގައި ހިމަނާފައިވެއެވެ.
އަންނަ އަހަރުގެ ދަތުރުތަކަށް ބަލާއިރު، ސެވެން ސީޒް ވޮޔޭޖާ 23 ފެބްރުއަރީގައި އައިސް، ޖެހިގެން އަންނަ ދުވަހު ފުރާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ. އަދި މާޗް މަހު އަންނަ އުޅަނދުތަކުގެ ތެރޭގައި އެމްއެސް ވޮލެންޑަމް، ކޮސްޓާ ޑެލިޒިއޯސާ، ވައިކިން ސްކައި، ސިލްވާ ޑޯން، އާޓާނިއާ އަދި ސެވެން ސީޒް ނެވިގޭޓާ ހިމެނެއެވެ. މީގެ އިތުރުން، އޭޕްރީލް މަހު ވަސްކޯ ޑަ ގާމާ-ނިކޯ އާއި ސެވެން ސީޒް ސްޕްލެންޑާ އަންނަ އިރު، އޯޝޭނިއާ ވިސްޓާ އަންނަ ގޮތަށް އޮތީ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 7:00 އަށެވެ. އަދި އެ އުޅަނދު އެ ދުވަހުގެ ރޭގަނޑު 11:00 ގައި ފުރާނެ ކަމަށް ތާވަލުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ކްރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިންގެ ހިއްސާ ދަނީ އިތުރުވަމުންނެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ކްރޫޒް އުޅަނދުތަކުން 17،061 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރިކޯޑުކުރެވުނު 8،263 ފަތުރުވެރިންނަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ. ނަމަވެސް، އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމްލަ 1.8 މިލިއަނެއްހާ ފަތުރުވެރިން އައިސްފައިވާ އިރު، މުޅި ޖުމްލަ އަދަދަށް ބަލާއިރު ކްރޫޒް ފަތުރުވެރިންގެ ނިސްބަތް އަދިވެސް މަދެވެ.
މާލޭ ބޭރުގައި ކުރޫޒްލައިނާއެއް ބަނދަރުކޮށްފައި: -- ސަން ފޮޓޯ/ މުހައްމަދު އަފްވާން ކުރޫޒްލައިނާތައް ރާއްޖެ އަންނައިރު، އޭގެން އަންނަ އެތައް ހާސް ޓޫރިސްޓުންނެއް މާލެ ފައިބައެވެ. އޭގެ ސަބަބުން ޓެކްސީތަކާއި ފިހާރަތަކަށް ވަރަށް ފައުދާވެއެވެ. ނަމަވެސް އެ ގޮތަށް މާލެ ފައިބާ ޓޫރިސްޓުންނަށް ފާހާނާ ކޮށްލެވޭނެ އިންތިޒާމާއި މަޑުކޮށްލައިގެން ތިބޭނެ ރަނގަޅު ތަނެއް ނެތުމަކީ ކުރޫޒް ލައިނާތައް އޮޕަރޭޓް ކުރާ ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.
މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، މިދިޔަ އަހަރު ދިވެހިރާއްޖެއަށް ވަނީ ރިކޯޑު އަދަދެއް ކަމަށްވާ 2.25 މިލިއަން ފަތުރުވެރިން އައިސްފައެވެ. ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5.4 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާ އިރު، އެއީ ކަނޑައަޅާފައިވާ ފަސް ބިލިއަން ޑޮލަރުގެ އަމާޒަށް ވުރެ އިތުރު އަދަދެކެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ ވިޒިޓް މޯލްޑިވްސްއިން ބުނީ، އެއީ 2024 ވަނަ އަހަރާ އަޅައި ބަލާއިރު 15.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރު ދިވެހިރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ އެންމެ މޮޅު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ހަވަނަ ފަހަރަށް ހޯދާފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އާންމުކޮށް އޮންނަ ރިސޯޓުތަކުގައި ތިބުމުގެ ބަދަލުގައި، ކްރޫޒް ދަތުރުތަކުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ލިބެއެވެ. މިފަދަ އުޅަނދުތަކުން އަންނަ ފަތުރުވެރިން މާލެއާއި ކައިރި ރަށްރަށަށް ޒިޔާރަތްކޮށް، އިންތިޒާމުކޮށްފައިވާ ކުރު ދަތުރުތަކުގައި ބައިވެރިވެ، ކުރު ވަގުތުކޮޅެއް އެއްގަމުގައި ހޭދަކުރެއެވެ.