ސިންގާ އަކާއި އިންސާނަކު އަނިޔާ އިން އެނބުރި އަންނަ ގޮތް ތަފާތު ވާނެ: އިބްރަހިމޮވިޗް

މެންޗެސްޓަ ޔުނައިޓެޑްގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޮވިޗް --

މެންޗެސްޓާ ޔުނައިޓެޑް އަދި ސްވިޑަންގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޮވިޗް އަކީ ތަފާތު މިޒާޖެއްގެ ކުޅުންތެރިޔެކެވެ. އަމިއްލަ ނަފްސަށް ލޯބި ކުރާ ކުޅުންތެރިއެކެވެ.

ޔޫރޮޕާ ލީގުގެ މެޗެއްގައި މިދިޔަ އޭޕްރިލް މަހު، ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް، ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މިދިޔަ ސީޒަނަށްފަހު ޔުނައިޓެޑާ އެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، މިސީޒަންގެ ޓްރާންސްފާ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް، އޭނާ ވަނީ އަލުން އެ ކްލަބާ ގުޅިފަ އެވެ.

ހަތް މަހަށް ފަހު އަނިޔާ އިން އެނބުރި އައިސް އިބްރަހިމޮވިޗް ވަނީ ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުކޮޅުގައި ފެނިގެން ގޮސްފަ އެވެ.

އަނިޔާ އިން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް އޮތްތޯ މެޗަށް ފަހު ނޫސްވެރިޔަކު ސުވާލު ކުރުމުން އިބްރަހިމޮވިޗް ބުނީ، އެކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި "ސިންގާ" އަކާއި އިންސާނަކު އެނބުރި އަންނަ ގޮތް ތަފާތު ވާނެ ކަމަށެވެ. އިބްރަހިމޮވިޗް ސިންގާ އެ ނިސްބަތް ކުރަނީ އޭނާގެ އަމިއްލަ ނަފްސަށެވެ.

"މިއީ ހާއްސަ ދުވަހެއް. ތަފާތު ދުވަހެއް. އެކަމަކު ފެންވަރު ހަމަ ކުރިއެކޭ ތަފާތެއް ނެތް. އަހަރެން ކަންބޮޑެއް ނުވޭ އެއްވެސް ވަރަކަށް. އެއީ އަހަރެންނަށް އެނގޭ އަހަރެން އެނބުރި އައުމަށްޓަކައި ކުރި މަސައްކަތް. އަހަރެން ވަރަށް ޓްރެއިން ކުރިން. ގިނަ ކަންތައްތަކެއް ގުރުބާން ކުރިން،" އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ އޭނަ ބޭނުންވީ އަނިޔާ އިން އެނބުރި އައިސް ޓީމަށް އަލުން ކުޅެދިނުން ކަމަށާއި އެކަން ހާސިލް ވުމުން ވަރަށް އުފާވާ ކަމަށެވެ.

އިބްރަހިމޮވިޗްގެ ބަދަލުގައި ޔުނައިޓެޑުން މި ސީޒަނުގައި ގެނައީ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އިބްރަހިމޮވިޗް ފިޓްވި ނަމަވެސް އަދިވެސް ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ލުކާކޫ އަށެވެ. މޮރީނިއޯ ވަނީ އެ ދެ ކުޅުންތެރިންނަށް އެއްކޮށް ކުޅެވިދާނެ ކަމަށް ބުނެފަ އެެވެ.

comment ކޮމެންޓް