"އަގުއެރޯ، އަގުއެރޯ، އަގުއެރޯ،" 2011-12ގެ ސީޒަންގައި ވެސް ފޯރިގަދަވެ، ގޮތް ނިންމަން ޖެހުނީ އެންމެ ފަހު މެޗުގައެވެ. އެ ފަހަރު އެއީ ސިޓީގެ ތާރީޚީ މޮޅެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތު ކުޅެނިކޮށް ނިމެން 90 ސިކުންތަށް ވެފައި އޮއްވައި ސިޓީ މޮޅުކޮށްދިނީ އެ ޓީމުގެ ލެޖެންޑަރީ ފޯވާޑް ސާޖިއޯ އަގުއެރޯ ޖަހައިދިން ގޯލުންނެވެ. އެއީ، ސިޓީގެ ސަޕޯޓަރުންނަށް ބުނެދޭންޖެހޭނެ ގޯލެއް ނޫނެވެ.
އެއީ، 1967-68 ގައި ސިޓީ އުފެދުމަށް ފަހުގައި އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ ލީގު ތަށި ހޯދައިދިން ލަނޑެވެ.
އޭގެ ފަހުން މި ސީޒަންގައި ވެސް ސިޓީއަށް ގޮތް ނިންމަން އޮތީ މިރޭ ކުޅޭ ލީގުގެ ފަހު މެޗުގައެވެ. މިރޭ ރާއްޖެ ގަޑިން 8:00 ގައި ސިޓީން ނުކުންނާނީ ވެސްޓް ހަމްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ، އިނގިރޭސި ޕްރިމިއާ ލީގުގެ 136 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް ޓީމަކުން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކުރި ޓީމުގެ ޝަރަފު ސިޓީއަށް ލިބޭނެއެވެ. އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ "މޮޅު"ކަން އެއްވެސް ސުވާލެއް ނެތް މިންވަރަށް ސާބިތުކޮށްދެވުނީއެވެ.
ހަމަ އެ ގަޑީގައި ސިޓީއާ ދެ ޕޮއިންޓު ފަހަތުން ތާވަލުގެ ދެވަނައިގައި އޮތް އާސެނަލުން ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. އާސެނަލަށް އޮތީ މެޗުން މޮޅުވެ، ސިޓީގެ މެޗާ މެދު އުންމީދުކޮށްގެން ތިބުމެވެ. ސިޓީ ބަލިވެއްޖެ ނަމަ، އާސެނަލަށް 20 އަހަރަށް ފަހު ލީގު ލިބޭނެއެވެ. ސިޓީ މެޗުން އެއްވަރުވިޔަސް، ފައިދާ ގޯލުގެ ތަފާތުން ލީގު ލިބުމުގެ ފުރުސަތު ބޮޑީ އާސެނަލްއަށެވެ.
ސިޓީއަށް އޮތީ މޮޅުވުން، އާސެނަލަށް އޮތީ އުންމީދުކުރުން
ސިޓީ ތާވަލުގެ އެއްވަނައިގައި އޮތީ 88 ޕޮއިންޓާ އެކުގައެވެ. އެހެންވެ، މިރޭ ވެސްޓް ހަމްއާ ދެކޮޅަށް ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އެ ޓީމަށް ވިދިވިދިގެން ހަތަރުވަނަ ތަށި ކާމިޔާބުކުރެވޭނެއެވެ.
އެކަމަކު، ދެވަނައިގައި އޮތް އާސެނަލަށް ހުސް އެކަނި އެވަޓަން ބަލިކުރުމަކުން ނުވެއެވެ.
އެވަޓަން މެޗުން އާސެނަލް މޮޅުވި ނަމަވެސް، ސިޓީގެ މެޗު އެ ޓީމުން ކާމިޔާބުކޮށްފި ނަމަ އާސެނަލަށް ލީގެއް ނުލިބޭނެއެވެ. ސިޓީ އެއްވަރުވެއްޖެ ނަމަ، އެކަމަކު ފައިދާ ގޯލުގެ ތަފާތުން އާސެނަލަށް ލީގު ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.
"މިރޭގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށް ތައްޔާރުވެގެން މި ހުރީ،" ގާޑިއޯލާ މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.
"ވެސްޓް ހަމްގެ 11 ކުޅުންތެރިން ތިބޭނީ އަހަރެމެން ބަލިކުރަން ތައްޔާރަށް. ދެ ސީޒަން ކުރިން އެސްޓަން ވިލާ ގޮތަށް، އެ ފަހަރު އެ މީހުން ވެސް ކުޅުނީ ވަކި އެއްޗަކަށް ނޫން. އެކަމަކު، ވީގޮތް އެނގޭ. އެކީގައި ތިބެގެން މިކަން ކުރަން އަހަރެމެން ވެސް އަދި ސަޕޯޓަރުން ވެސް ތިބެންޖެހޭނީ ފުރަތަމަ މިނެޓުން ފެށިގެން ތައްޔާރަށް،"
އާސެނަލުން މިރޭގެ މެޗުން ބަލިވެދާނެ ކަމަށް ގާޑިއޯލާ އުންމީދެއް ނުކުރެއެވެ. އެއީ، ކުށްހީއެއް ކަމަށާއި ކުރަންވީ ކަމަކީ މެޗުން މޮޅުވެ، އަމިއްލަ ބާރުގެ ބޭނުންކުރުން ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.
"ގޮތް ނިންމުމުގެ ބާރު މި އޮތީ އަހަރެމެންގެ އަތުގައި،" ގާޑިއޯލާ ބުންޏެވެ.
އެއާ ހިލާފަށް އާސެނަލުން ތިބީ ވެސްޓް ހަމްއަށް އުންމީދުކޮށްގެންނެވެ. އެ ނޫން ގޮތެއް ވެސް އެ ޓީމަކަށް ނެތެވެ.
ސިޓީގެ ކޯޗު ގާޑިއޯލާގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި ސިޓީގައި މީގެކުރިން މަސައްކަތްކުރި އާޓެޓާ ހުރީ ވެސްޓް ހަމައިން އެ ޓީމަށް އެހީގެ އަތެއް ދިއްކޮށްލާނެކަމުގެ އުންމީދުގައެވެ.
"އަހަރެމެން ޖެހޭނީ މޮޅުވާން، ދެން އުންމީދުކުރަން ވެސްޓް ހަމްއަށް އަހަރެމެންގެ ހުވަފެން ހަގީގަތަކަށް ހަދަން އެހީވެވޭނެ ކަމަށް. މޮޅުވުން އޮތީ އަހަރެމެންގެ އަތުގައި، ފޯކަސްކުރަންވީ ކަމަކީ ވެސް އެއީ،" އާޓެޓާ މެޗާ ގުޅޭ ގޮތުން ބުންޏެވެ.
އެންމެ ފަހުން އާސެނަލަށް ޕްރިމިއާ ލީގެއް ކާމިޔާބުކުރެވުނީ 2003/04 ސީޒަންގައެވެ. އެ ފަހަރު އެ ޓީމުން ލީގު ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. މި ފަހަރު އެ ޓީމުން 20 އަހަރު ވަންދެން ކުރި ދިގު އިންތިޒާރަށް އޮތީ އުނދަގޫ ނިމުމެކެވެ. ގޮތް ނިންމުމުގެ ބާރު އޮތީ ސިޓީގެ އަތުގައެވެ.
އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް މީގެ ކުރިން ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ލީގު ކާމިޔާބުކޮށްފައެވެ. އެކަމަކު، އެއްވެސް ޓީމަށް ހަތަރުވަނަ ފަހަރެއް ހަމައެއް ނުކުރެވެއެވެ. ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގާޑިއޯލާ މިރޭ ނުކުންނަނީ އެ ތާރީޚު ބަދަލުކުރާށެވެ. އެ ބާރު އޮތީ ވެސް އޭނާއާއި އޭނާގެ ކާމިޔާބު ޓީމުގެ އަތުގައެވެ.
ބޯޅައަކީ ވަން އެއްޗެކެވެ. މެޗު ފެށުމަށް ފަހު އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ވެސް އަތުވެދާނެއެވެ.