ފަހު މެޗު ވަރަށް ބޮޑު، ޕްރިމިއާ ލީގު ކާމިޔާބުކުރާނީ ކޮން ޓީމެއް؟

ސިޓީއާއި އާސެނަލުން ވެސް އަންނަނީ މި ފަހަރުގެ ލީގަށް ވަރަށް ގާތް ގާތުން ވާދަކުރަމުން -- ފޮޓޯ/ ދި ނިއުޔޯކް ޓައިމްސް

އިނގިރޭސި ޕްރިިމިއާ ލީގުގެ މި ފަހަރުގެ ސީޒަންގައި މިހާރު ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތް އިރު މި ފަހަރުގެ ތަށި އުފުލާލާނެ ޓީމަކާ މެދު އަދިވެސް އޮތީ ބޮޑު ސުވާލެކެވެ.

މިއީ ޕްރިމިއާ ލީގުގެ ތަށި އުފުލާލާނެ ޓީމެއް ނޭނގި އެންމެ ފަހު ދުވަހަށް ދެމިގެންދާ 10 ވަނަ ފަހަރެވެ. މި ފަހަރުގެ ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އާސެނަލަށް ވެސް އެބައޮތެވެ.

އެހެންވެ، މި އަންނަ އާދިއްތަ ދުވަހު އުފާފާޅުކުރާނީ ސިޓީގެ ސަޕޯޓަރުންތޯ ނުވަތަ އާސެނަލްގެ ސަޕޯޓަރުންތޯ މިއީ އުފެދިފައިވާ ސުވާލެކެވެ. މިހާރު ތާވަލު އޮތް ގޮތަށް ބަލާއިރު މި ފަހަރު ވެސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ސިޓީ އަށެވެ. އެއީ، މިހާތަނަށް ކޮންމެ ޓީމެއް 37 މެޗު ކުޅެފައިވާއިރު ސިޓީއަށް ވަނީ 88 ޕޮއިންޓް ލިބި ތާވަލުގެ އެއްވަނައިގާ 2 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

އެހެންކަމުން ފަހު މެޗުގައި އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފި ނަމަ ސިޓީއަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުވާނެއެވެ. ޕްރިމިއާ ލީގުގެ ތާރީޚުގައި މިހާތަނަށް ޖެހިޖެހިގެން ހަތަރު ފަހަރު އެއްވެސް ޓީމަކަށް މި މުބާރާތް ކާމިޔަބު ކުރެވިފައެއްނުވެއެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި ކެވިން ޑި ބްރުއިނާ -- ފޮޓޯ/ ގެޓީ

މި މެޗު ސިޓީއަށް ކާމިޔާބު ކުރެވޭގޮތްނުވެ، އާސެނަލަން އަމިއްލަ ދަނޑުގައި އެވަޓަންއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފި ނަމަ ޕްރިމިއާ ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު ލިބިގެންދާނީ އާސެނަލަށެވެ.

އާސެނަލް އުޅެނީ 86 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. ދެ ޓީމުގެ ފައިދާ ގޯލަށް ބަލާއިރު އެއް ގޯލުގެ ތަފާތުން ކުރީގައި އުޅެނީ އާސެނަލެވެ. ނަމަވެސް، އާސެނަލް މި މެޗުން މޮޅުނުވެވިއްޖެ ނަމަ ތަށި ލިބިގެންދާނީ ސިޓީއަށެވެ.

ޕްރިމިއާ ލީގު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި މި ސީޒަންގައި މިހާރު ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ސިޓީއަށެވެ. މިގޮތުން، އިނގިރޭސި ކުޅިވަރު ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އޮޕްޓާއިންގެ ހާމަކުރާާގޮތުގައި ސިޓީއަށް މި ފަހަރު ލީގު ކާމިޔާބުކުރުމުގެ ފުރުސަތު މިހާރު އުޅެނީ 84 އިންސައްތައިގައެވެ. އަދި، އާސެނަލަށް އޮތީ 16 އިންސައްތައިގެ ފުރުސަތެކެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ސިޓީއާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗުން ސިޓީ ބަލިވިނަމަ އާސެނަލްއަށް އޮތް ފުރުސަތު 81 އިންސައްތައަށް ބަދަލުވީހެއެވެ. އަދި، ސިޓީ އެ މެޗުން އެއްވަރުވި ނަމަ 75 އިންސައްތަ ފުރުސަތު އާސެނަލްއަށް އޮތީހެވެ.

މީގެ އިތުރުން، ނެލްސަން ގްރޭސްނޯޓުގައި ސްޓެޓިސްޓިކްސް ކަންތަކުގައި އިސްކޮށް އުޅޭ ސައިމަން ގުލީވް ހާމަކުރާ ގޮތުގައި ސިޓީއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު މިހާރު އުޅެނީ 83.5 އިންސައްތައިގައެވެ. އަދި، އާސެނަލަށް އޮތީ 16.5 އިންސައްތައިގެ ފުރުސަތެކެވެ. ސިޓީއާއި ސްޕާސް މެޗުގެ ކުރިން ސިޓީއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު 60 އިންސައްްތައިގައި އޮތްއިރު އާސެނަލްއަށް 40 އިންސައްތައިގެ ފުރުސަތެއް އޮތެވެ.

އާސެނަލްގެ ޓީމު -- ފޮޓޯ/ އާސެނަލް

ގުލީވް ހާމަކުރި ގޮތުގައި މި އަހަރުގެ މިހާތަނަށް އާސެނަލް ކުޅުނު 17 މެޗުގެ ތެރެއިން 15 މެޗުން މޮޅުވުމާ އެކު މިއީ ގިނަ ސީޒަންތަކުގައި ލީގު ކާމިޔާބު ކުރެވޭ ފަދަ މޮޅު ކުޅުމެކެވެ. އަދި، މި ސީޒަންގައި އާސެނަލުންވަނީ އެ ޓީމުގެ އެންމެ ކާމިޔާބު ސީޒަންގެ ގޮތުގައި މިހާތަނަށް ބެލިފައިވާ ދި އިންވިންސިބަލްސްގެ ގޮތުގައި މަޝްހޫރުވެގެންދިޔަ 2003/2004 ވަނަ އަހަރުގެ ސީޒަންގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެއީ، މި ފަހަރު އާސެނަލުން ވަނީ މިހާތަނަށް 27 މެޗުން މޮޅުވެފައެވެ. މިއީ އާސެނަލްއަށް ޕްރިމިއާ ލީގުގައި ރިކޯޑެކެވެ.

ދި އިންވިންސިބަލްސްއަށް ވެސް ކާމިޔާބު ކުރެވުނީ 26 މެޗެވެ. އެހެންކަމުން މިއީ އާސެނަލަށް ވަރަށް ކާމިޔާބު ސީޒަނެކެވެ. ނަމަވެސް، އޭގެ ބަދަލުގައި ސިޓީއަށް މި އަހަރުގެ މިހާތަނަށް ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވެވުނީ 15 މެޗުންނެވެ. އެހެންވެ، ސިޓީ ފަހަތަށް ޖެހެން ނެތްކަން ވަރަށް ރަނގަޅަށް ހާމަކޮށްދެމުންދާ ކަމުގައި ވެސް ގުލީވު ގަބޫލުކުރެއެވެ.

ސިޓީއާއި އާސެނަލުން ވެސް މިހާރު ދައްކަމުންދަނީ މޮޅު ކުޅުމެކެވެ. އަދި، ދެ ޓީމުގެ ފަރާތުން ވެސް އެއް ޓީމު އަނެއް ޓީމަށް ދޫދިނުމެއް ނެތްކަން ހާމަވެގެންދެއެވެ. މި ސީޒަންގައި މިހާތަނަށް ފެނިފައިވާ ކަންތައްތަކަށް ބަލާއިރު ފަހު މެޗުތަކުގައި ވެސް އަނެއްކާ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ މަންޒަރުތަކެއް ފެނިގެންދިއުމަކީ ގާތް ކަމެކެވެ. ހަމަ ގައިމު ވެސް ސިޓީއާއި އާސެނަލްގެ ސަޕޯޓަރުންނަށް އަންނަ އާދިއްތަ ދުވަސް ވެގެންދާނީ ރެފްރީގެ ފުރަތަމަ ކަށިގަނޑާ އެކު ފަހު ކަށިގަނޑާ ހަމައަށް ނޭވާ ހިފަހައްޓަލައިގެން ތިބެންޖެހޭނެ ދުވަހަކަށެވެ.

ފަހު ކަށިގަނޑާ އެކު ކޮންމެ ވެސް އެއް ޓީމެއްގެ ސަޕޯޓަރަރުން އުފާފާޅުކުރާނެއެވެ. އަނެއް ބަޔަކަށް މާޔޫސްކަން ލިބިގެންދާނެއެވެ.

comment ކޮމެންޓް