ޖަރުމަނު ބުންޑެސްލީގާގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމަކަށް ބަޔާ ޒީރޯ ފޯ ލެވަކޫސެން ވެއްޖެއެވެ.
ލެވަކޫސެންވަނީ އެ ޓީމުން ކުޅުނު އެންމެ ފަހު މެޗުގައި އައުސްބާގްއާ ބައްދަލުކޮށް އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެފައެވެ. މި ކާމިޔާބީއާ އެކު ލެވަކޫސެން މި ފަހަރުގެ ސީޒަން ނިންމައިލާފައިވަނީ ކުޅުނު 34 މެޗުގެ ތެރެއިން 28 މެޗު ކާމިޔާބުކޮށް ހަ މެޗުން އެއްވަރުވެ، އެއްވެސް މެޗަކުން ބަލިނުވެ 90 ޕޮއިންޓާ އެކުއެވެ.
ޒާބީ އަލޮންސޯގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ލެވަކޫސެންވަނީ މި މެޗަށް ނުކުތުމުގެ ކުރިން ވެސް ލީގު ކާމިޔާބުކޮށްފައެވެ. އަދި، އައުސްބާގްގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު ލެވަކޫސެން މިވަނީ ބުންޑެސްލީގާގެ ތާރީޚުގެ ތެރެއިން ޖާގައެއް ހޯދައިފައެވެ.
މެޗަކުން ބަލިނުވެ 51 މެޗު ހަމަކޮށްފައިވާ ލެވަކޫސެންއަށް ވަނީ މެޗަކުން ބަލިނުވެ ތިން ތަށި މި ސީޒަންގައި ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައެވެ. މިގޮތުން، ޔޫރޮޕާ ލީގުގެ ފައިނަލްގައި އަންނަ ބުދަ ދުވަހު އެޓަލާންޓާއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތިން ދުވަސް ފަހުން ކުޅުމަށް ހަމަޖެހިފައިވާ ޖާމަން ކަޕްގެ ފައިނަލުން ވެސް ލެވަކޫސެން ވަނީ ޖާގަ ހޯދައިފައެވެ. ޖާމަން ކަޕްގެ ފައިނަލްގައި ލެވަކޫސެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ކައިސާސްލާޓެންއާއެވެ.
ލެވަކޫސެން އެންމެ ފަހުން ލީގުގައި ބަލިވެފައިވަނީ މިދިޔަ ސީޒަންގެ ފަހު މެޗުގައި ބޯކަމްއާ ބައްދަލުކޮށް 3-0 އިންނެވެ. ސީޒަންގައި ބާކީ އޮތް ފައިނަލް ކާމިޔާބުކުރެވިއްޖެ ނަމަ ލެވަކޫސެނުން މެޗަކުން ބަލިނުވެ 53 މެޗު ހަމަކުރެވޭނެއެވެ. ލެވަކޫސެންއިންވަނީ ޔުއޭފާގެ ރިކޯޑް ވެސް އާކޮށްފައެވެ.
މިހާތަނަށް ޔުއޭފާގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވަނީ ޕޯޗުގަލްގެ ކްލަބް ބެންފީކާއެވެ. އެއީ، 1963 ވަނަ އަހަރާއި 1965 ވަނަ އަހަރާ ދެމެދު ބަލިނުވެ ހަމަކޮށްފައިވާ 49 މެޗުގެ ރިކޯޑެވެ.