ސަރުކާރަށް ހަތަރު އަހަރު: ސަރުކާުރުން "ވާ، ވާ"، އިދިކޮޅުން "ހޯ، ހޯ"!

ނޮވެމްބަރު 17، 2013؛ ވެރިކަމުގެ ހުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވަނީ-- ފޮޓޯ/ ރޮއިޓާސް

ދެހާސްތޭރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ރައީސް ޔާމީން ހަވާލުވިތާ މިއަދަށް ހަތަރު އަހަރުފުރުނީއެވެ. ނޮވްމެބަރު 11 ގައި ހުވާކުރަން ގާނޫނުއަސާސީގައި ބުނެފައި އޮތް ނަމަވެސް ދިމާވި ހާލަތްތަކާ ގުޅިގެން އެމަނިކުފާނު ހުވާ ކުރެއްވީ އޭގެ ހަ ދުވަސް ފަހުންނެވެ. އެ ދުވަހުން ފަށައިގެން އެމަނިކުފާނު ވެރިކަން ކުރައްވަމުން އަންނައިރު، މިއީ ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ގިނަ ދުވަސް ވަންދެން ދެމި އޮތް ވެރިކަމެވެ.

ވެރިކަމަށް ހަތަރު އަހަރު ގުނާ ފުރިހަމަ ވެފައިވައިރު އިންސާފުކޮށްލަން ހުރި ބައިވަރު ކަންތައްތައް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ފެނިގެންގޮސްފައެވެ. އަޅާ ކިރާލާ ހެވާއި ނުބައި ތަސައްވަރު ކޮށްލާނެ ގިނަ ކަންތައްތަކެއްވަނީ ފެނިގެންގޮސްފަ އެވެ. ތަރައްގީއާ ތަހުޒީބު ގެނައުމުގައި ހަތަރު އަހަރު ދިޔައީ ހަތަރު ވަނަ ގިއަރުގައެވެ. ރައްޔިތުން ހީނުކުރާވަރުގެ އުންމީދީ މަޝްރުއުތަކެއް އިފްތިތާހު ވެގެންދިޔައެވެ. ހުވަފެނުން ނޫނީ ނުދެކޭ އެތައް މަންޒަރުތަކެއްގައި ކުލަ ޖެހިގެންދާ މަންޒަރުތައްވެސް ފެނުނެވެ. ސިއްސައިގެންދާ ވަރުގެ ބޮޑެތި ކޮރަޕްޝަންތަކާއި ބޮޑެތި ހުކުމްތައްވެސް ފެނިގެންދިޔައީ މި ހަތަރު އަހަރުގެ ތެރޭގައެވެ. ސަރުކާރުން މި ހަތަރު އަހަރަށް ބުނަނީ "ވާވާ" އެވެ. އިދިކޮޅުން ބުނަނީ "ހޯހޯ" އެވެ.

ރައީސް ޔާމީން ހދ. ކުޅުދުއްފުށީގައި: ތަރައްގީގެ މަޝްރޫއުތަކެއް އިއުލާން ކުރެއްވި-- ފޮޓޯ/ ރައީސް އޮފީސް

ހަތަރު އަހަރަކީ އެންމެ ބޮޑެތި ބަޖެޓްތަކެއް ފެނިގެންދިޔަ އަހަރު

ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރަކީ އާދަޔާ ހިލާފަށް ދައުލަތް ހިންގުމަށް ބޮޑެތި ބަޖެޓްތަކެއް ފާސްކުރެވިގެންދިޔަ ހަތަރު އަހަރެވެ. އެގޮތުން 2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެން 2014 ވަނަ އަހަރު ދައުލަތް ހިންގުމަށް އެމަނިކުފާނަށް ވަނީ ޖުމުލަ 17.9 ބިލިއަން ރުފިޔާގެ ބަޖެއްޓެއް ލިބިވަޑައިގަނެފައެވެ. ޖެހިގެން އައި 2015 ވަނަ އަހަރު ސަރުކާރު ހިންގުމަށް އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމުލަ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއަށް ފަހު 2016 ވަނަ އަހަރު ދައުލަތް ހިންގުމަށް އެމަނިކުފާނަށް ވަނީ 27.45 ބިލިއަން ރުފިޔަގެ ބޮޑު ބަޖެޓެއް ލިބިވަޑައިގަނެފައެވެ. މި ހިނގާ 2017 ވަނަ އަހަރަށް ދައުލަތް ހިންގުމަށް އެމަނިކުފާނަށް ވަނީ ޖުމުލަ 26.8 ބަޖެޓެއް ލިބިގެން ގޮސްފައެވެ. އަދި މި އަހަރު ވަނީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި 493 މިލިއަން ރުފިޔާ ވެސް ލިބިގެން ގޮސްފައެވެ. އެއާއެކު އެމަނިކުފާނުގެ ހަތަރު އަހަރުގެ ބަޖެޓްވެގެން ދިޔައީ ބޮޑު އަދި އެހާމެ އުންމީދީ ބަޖެޓަކަށެވެ.

ހދ. ކުޅުދުއްފުށީގައި ޕީޕީއެމްގެ އަހަރީ ދުވަސް ފާހާގަ ކުރުން -- ފޮޓޯ/ ރައީސް އޮފީސް

ބޮޑެތި މަޝްރޫއުތައް ފެނިގެން ދިޔައީ މި ހަތަރު އަހަރު

ބޮޑެތި ބަޖެޓްތަކާ އެކު ރައީސް ޔާމީން އަމާޒު ކަނޑައެޅުއްވީ ބޮޑެތި މަޝްރުއުތަކެއް ދިވެހިނާއި ހިސާބަށް ގެނެސްދިނުމަށެވެ. ތަރައްގީއަށް ފެންބޮވައިގަނެފައި ތިބި ދިވެހިނަށް އެމަނިކުފާނު ވިއްކެވި އެއްޗަކީ ތަރައްގީއެވެ. ހުވަފެނުން ނޫނީ ނުވަތަ ކުރެހުމަކުން ނޫނީ ކުރިން ފެނިފައި ނުވާ ވަރުގެ މުހިންމު ތަރައްގީގެ މަޝްރުއުތައް އެމަނިކުފާނު ވަނީ ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރައްވާފައެވެ.

  • ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް

އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ކުރިއަށްގެންދިޔުމަށް މަސައްކަތް ފަށާފައިވަނީ މާލެ އަދި ހުޅުލޭ ގުޅުވައިދޭ ބްރިޖެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަމަލީ މަސައްކަތް ރައީސް ޔާމީން ފައްޓަވައިދެއްވި ބްރިޖަކީ 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ އަގުހުރި ބިޔަ ބޮޑު މަޝްރޫއުއެކެވެ. އެ މަސައްކަތުގެ 67 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު ބްރިޖް ހުޅުވާނީ އަންނަ އަހަރުއެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް ނޫންނަމަ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަކީ މި ފަހުން ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު އަދި އެންމެ އުސް ބިނާއެވެ. އެތަން ހާއްސަ ވަނީކީ ހަމައެކަނި އެތަނުގެ އުސްމިނުގެ ސަބަބަކުންނޫނެވެ. އެއިމާރަތް ނިމުމުން ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނާނެ ބޮޑު އިންގިލާބަކީވެސް އެތަން ހާއްސަވެގެންދާ ސަބަބެކެވެ. ދާދި ފަހުން 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައެޅުމަށް ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވަނީ ތަކުރާރުކޮށް އެކަން ފާހަގަ ކުރައްވާފައެވެ. އަންނަ އަހަރު އެ ހޮސްޕިޓަލް ވެސް ހުޅުވާއިރު އެތަން ހަދަނީ ޖުމުލަ 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްގެންނެވެ.

ޖޫން 5، 2016: އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން

ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައިދިނުމަށްފަހު އެ ތަން ބޭރުގެ ބަޔަކަށް ދިނުމުގެ ސަބަބުން ވީ ގެއްލުމުގެ ބަދަލު މި ސަރުކާރުން ދެއްކީވެސް މި ހަތަރު އަހަރުތެރޭގަ އެވެ. އެ ފައިސާ ދެއްކުމަށްފަހު ސަރުކާރުން އަވަސްވެގަތީ އެއާޕޯޓް ތަރައްގީ ކުރުމަށެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެތަނުގައި އިތުރު ރަންވޭއެއް އަޅައި ޓާމިނަލް ބޮޑުކުރަން ވެސް ވަނީ ނިންމާފައެވެ. މިހާރު އެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ރަންވޭގެ މަސައްކަތައް އެކަނިވެސް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު ވަނީ ހޭދަކުރަން ނިންމާފައެވެ.

ވީއައިއޭ ގައި އަލަށް އަޅާ ރަންވޭގެ ސަބް ބޭހުގައި ހިމެނޭ ސިމެންޓް އެގްރިގޭޓް ލޭޔާގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއޭސީއެލް، ޓްވިޓާ

މަހާޖައްރާފު

ރާއްޖެއަކީ ބިމުގެ ޖާގަ ކުޑަ ގައުމަކަށްވުމުން، ގެދޮރުވެރިވުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ބޮޑު އިންވެސްޓުމަންޓެއްކޮށްފަ އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީ މެދުވެރިކޮށް ބިން ހިއްކާ ޑްރެޖަރެއް ގަތުމެވެ. އެ ޑްރެޖަރަށް ދީފައިވާ ނަމަކީ "މަހާޖައްރާފު" އެވެ.

އެ ޑުރެޖަރަކީ 36 މިލިއަން ޑޮލަރަށް އެމްޓީސީސީން ގަތް ޑުރެޖަރެކެވެ. މުޅިން އާ ޑްރެޖަރެކެވެ. ރާއްޖެގެ ފަޅުތަކާއި ތިލަ ވިލުތައް ހިއްކައިގެން ބިން ބޮޑުކުރުމުގެ މަޝްރޫއުތައް ކުރިއަށް އޮތީ އެވެ.

މަހާޖައްރާފުގެ އެންމެ ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި: އެ ރަށުގައި އެއާޕޯޓް އަޅާ ބިން ހިއްކަނީ މަހާޖައްރާފު.

އެމްޓީސީސީ އިން ބުނީ މަހާ ޖައްރާފް ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މަޝްރޫއުއެއް!

ބޮޑެތި މަޝްރުުއުތައް މާލޭ ސަރަހައްދުގައި ކުރިއަށް ދިޔަ ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެެއްގައިހެން ކޮންމެވެސް މަޝްރުއުއެއް ސަރުކާރުން ވަނީ ފަށާފަ އެވެ. އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާއި ހިސާބަށް ސަރުކަރުގެ މަޝްރުއުއެއް ނުހިނގާ ރަށެއް ނޯންނާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

އެންމެ އުތުރަށް ބަލާއިރު ހއ ގައި އެންމެ ގިނަ މަޝްރުއު ހިނގަމުންދަނީ ހއ ދިއްދޫގަ އެވެ. އެ ރަށުގައި ޖުމުލަ އަށް މަޝްރުއުއެއް އެބަ ކުރިއަށްދެއެވެ.

ހދ. އަތޮޅަށް ބަލާއިރު އެއާޕޯޓެއްގެ މަޝްރުއުއަކާއި ބަނދަރެއް ހެދުމުގެ މަސައްކަތް އެ އަތޮޅު ކުޅުދުއްފުށީގައި ދަނީ ކުރިއަށެވެ.

ށ. އަތޮޅަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ ކޮމަންޑޫގައެވެ. ނަމަވެސް މިހަރު އެ އަތޮޅުގައި އެއާޕޯތެއް އެޅުމަށްވަނީ ބަޖެޓް ކުރެވިފައެވެ. އެއީ ށ. އަތޮޅުގައި ކުރިއަށްދާނެ އެންމެ ބޮޑު މަޝްރުއުއެވެ.

ނ.އަތޮޅުގެ ވެލިދޫ އަދި މާޅެންދޫގައި މިހާރުވެސް ޖުމުލަ ފަސް މަޝްރުއުއެއްދަނީ ކުރިއަށެވެ.އަދި މާފަރުގައި އެއާޕޯޓެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ރ.އަތޮޅަށް ބަލާއިރު މި ސަރުކާރުން ވަނީ ރ.އަތޮޅު އިފުރުގައި އަޅާންފަށާއފައިވާ އެއާޕޯޓް ނިންމާ އޮޕަރޭޓް ކުރަން ފަށާފައެވެ. އެ އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ އުނގޫފާރު އަދި މީދޫގައެވެ.

ބ. އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ އެ އަތޮޅު ތުޅައިދޫގައެވެ. އެ ރަށުގައި ފަސް މަޝްރުއުއެއް ދަނީ ކުރިއަށެވެ.

ޅ. އަތޮޅަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރުއުެއްކުރިއަށްދަނީ ނައިފަރުގައެވެ. ނައިފަރުގައި 8 މަޝްރުއުއެއްދަނީ ކުރިއަށެވެ.

ކ. އަތޮޅުގައި މާލެ ފިޔަވާ ދެން އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ ތުލުސްދޫގައެވެ. އެ ރަށުގައި ޖުމުލަ 7 މަޝްރުއުއެއްދަނީ ކުރިއަށެވެ.

އއ. އަށް ބަލާއިރު އެ އަތޮޅުަގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ ރަސްދޫގައެވެ. އެ ރަށުގައި ދެ މަޝްރުއުއެއްދަނީ ކުރިއަށެވެ.

އދ. އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ މަހިބަދޫ އަދި މާމިގިލީގައެވެ. އެ ރަށްރަށުގައި ޖުމުލަ 3 މަޝްރުއުއެއްދަނީ ކުރިއަށެވެ.

ވ. އަތޮޅަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ ފުލިދޫގައެވެ. އެ ރަށުގައި ޖުމުލަ 3 މަޝްރޫއުއެއްދަނީ ކުރިއަށެވެ.

ފ. އަތޮޅަށް ބަލާއިރު އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ ގިނަ މަޝްރުއުތަކެއް ދަނީ ކުރިއަށެވެ. އެގޮތުން އެންމެ ގިނަ މަޝްރޫއު އެ އަތޮޅުގައި ކުރިއަށްދަނީ ފ. ނިލަންދޫގައެވެ. އެ ރަށުގައި އެއާޕޯތެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މ. އަތޮޅުން އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ އެ އަތޮޅު ދިއްގަރުގައެވެ. ދިއްގަރުގައި ޖުމުލަ ހަތަަރު މަޝްރުއުއެއްދަނީ ކުރިއަށެވެ.

ދ. އަރޮޅުގައި ކުރިއަށްދާ މަޝްރުއުތަކަށް ބަލާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ ކުޑަހުވަދޫގައެވެ. ކުޑަހުވަދޫގައި ޖުމުލަ 6 މަޝްރުއުއެއްދަނީ ކުރިއަށެވެ. އެ ރަށުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓެއްވެސް އަޅާފައެވެ. މިހާރު އެ އެއާޕޯޓުން ދަނީ ހިދުމަތް ދެމުންނެވެ.

ތ. އަތޮޅުގައި ސަރުކާރުން މުހިންމު މަޝްރުއު ތަކެއް ކުރިއަށްގެންދާއިރު އެ އަތޮޅުގައި އެންމެ ގިނަ މަޝްރުއު ހިންގަނީ ތ. މަޑިފުށީގައެވެ. އެ ރަށުގައި ޖުމުލަ 6 މަޝްރުއުއެއްދަނީ ކުރިއަށެވެ.

ލ. އަތޮޅަށް ބަލާއިރު އެންމެ ގިނަ މަޝްރުއުކުރިއަށްދަނީ ފޮނަދޫގައެވެ. އެ ރަށުގައި ޖުމުލަ 6 މަޝްރުއުއެއްދަނީ ކުރަމުންނެވެ. އަދި މި ސަރުކާރުންވަނީ ލ.އަތޮޅު ލިންކް ރޯޑްވެސް ރަނގަޅު ފެންވަރަކަށް ހަދާ ނިންމާފައެވެ.

ގއ އަތޮޅުގައި ސަރުކާރުން ހިންގަމުންދާ މަޝްރުއުތަކަށްބަލާއިރު އެ އަތޮޅުގައި އެންމެ ގިނައިން މަޝްރުއުތައް ހިންގަމުންދަނީ ވިލިނގިލީގައެވެ. އެ ރަށުގައި ނުވަ މަޝްރުއުއެއްދަނީ ކުރިއަށެވެ.

ގދ. އަތޮޅަށް ބަލާއިރު އެންމެ ގިނަ މަޝްރުއު ކުރިއަށްދަނީ ތިނަދޫގައެވެ. އެ ރަށުގައި 13 މަޝްރުއުއެއް ކުރިއަށް އެބަދެއެވެ.

ފުވައްމަުލަކު ސިޓީގައި ކުރިއަށްދަނީ 14 މަޝްރުއުއެވެ. އަދި އައްޑޫ ސިޓީގައި ޖުމުލަ 31 މަޝްރުއު ކުރިއަށް އެބަދެއެވެ.

ތައުލީމީ ސިޔާސަތު މެކުހަށް ޖަހާފައި

ތައުލީމީ ސިޔާސަތުގެ ތެރެއިން ތަހުޒީބީ މުޖުތަމައުއަކަށް ތަރުބަވީ ތައުލީމް ދިނުމަށް ސަރުކާރުން ވަނީ މިވީ ހަތަރު އަހަރުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އެކަަމަށް ހެކިދެނީ ސަރުކާރަށް ތިން އަހަރުވީއިރު ސްކޫލުތަކުގެ ހާލަތު ބައްލަވާލުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ޒިޔާރަތް ކުރެއްވުމުންނެވެ.

ތައުލީމީ ދާއިރާއިން ހާސިލް ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނެ ސިޔާސަތަކީ ފާހަގަކޮށްލަން ޖެހޭ މަސައްކަތެކެވެ. ބީޓެކް ޕްރޮގްރާމާއި ދަސްވަރު ޕްރޮގްރާމަކީ އެ ސިޔާސަތުގެ ތެރެއިން ކާމިޔާބުކަމާއި އެކު ކުރިއަށްގެންގޮސްފައިވާ ކަންތައްތަކެވެ.

ނ. ކެނދިކުޅުދޫ ސްކޫލުގެ 2016 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ގައުމީ އައު މަންހަޖާއި އެކު އަންނަ އަހަރުން ފެށިގެން ހުރިހާ ސްކޫލެއް ޑިޖިތަލައިޒްކޮށްލުމަށެވެ. އަދި ޓެކްސްޓް ފޮތްތައް ދޫކޮށްލާ ޓެބްލެޓްތައް އަންނައަހަރު ދަރިވަރުންނަށް ތައާރަފްކޮށްދޭން ތައްޔާރުވާއިރު އެއީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނާނެ ބަދަލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިއްހީދާއިރާއަށް ބޮޑު އިންގިލާބެއް!

އައިޖީއެމްއެޗްއަށް ގެނައި ބޮޑެތި ކުރިއެރުންތަކާ އެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފައެވެ. ސަރުކާރު ހޮސްޕިޓަލެއްގައި އަލަށް އެމްއާރް މެޝިނެއް ބެހެއްޓީ މިސަރުކާރުންނެވެ. އައިޖީއެމްއެޗްގައި ހިތުގެ ބައްޔަށް ހައްސަ ސެންްޓަރެއް ފަންނީ ހުރިހާ ވަސީލަތަކާއި އެކު ގައިމު ކުރެވުނީވެސް މި ހަތަރު އަހަރު ތެރޭގައެވެ. އަދި މިނޫންވެސް ގިނަ ހިދުމަތްތަކެއް ސަރުކަރުންވަނީ ހަތަރު އަހަރު ތެރޭގައި ތައާރަފްކޮށްފައެވެ.

އައިޖީއެމްއެޗްގައި ބެހެއްޓި އެމްއާރުއައި މެޝިން: އެމްއާރްއައި ހެދުމަށް 200 މީހުން ކިޔުގައި ޖެހިފައިވާ ކަމަށާއި އަންނަ ހަފްތާގައި ހިދުމަތް ދެވެން ފެށޭނެ ކަމަށް އައިޖީއެމްއެޗުން މިއަދު ވަނީ ބުނެފައި -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސިއްހީދާއިރާއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ނަމުގައި ބޮޑު ހޮސްޕިޓަލެއް އިމާރާތް ކުރެވިގެންދިޔުމެވެ. އެ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލުގެ މަސައްކަތް ނިމި ބައިނަލްއަގުވާމީ ދުނިޔޭގައި ދެވެން ހުރި ބޮޑެތި ފަރުވާތައް ގާދޫ ކޮލުން އެތެރެވެ ރާއްޖެއިން އެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ހުސްނުވާ އާސަންދައާއެކު 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓާ މި ސަރުކާރުން ގެނެސްދިނުމަކީ ހަތަރު އަހަރތު ތެރޭގައި ހޯދި ބޮޑު ކާމިޔާބީއެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ. މީގެ އިތުރުން އައްޑުގައި ހަދާ ޓާޝަރީ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕީޓާ ތަރައްގީ ކުރުންވެސް ހިމެނެއެވެ.

ޒުވާނުންނަކީ ސަރުކާރުގެ މައިބަދަ!

ޒުވާނުންނަކީ ސަރުކާރުގެ "މައިބަދަ" ކަމުގައި ސަރުކާރުން ގަބޫލު ކުރާކަން ސަރުކާރުގެ އަމަލުތަކުން ދޭހަކޮށްދެއެވެ. ރައީސް ޔާމީން މިވީހާތަނަށް ދެއްވި ކޮންމެ ހިތާބެއްގައި އެންމެ ބޮޑަށް ފާހަގަކުރަނީ ޒުވާނުންގެ ވާހަކައެވެ. ޒުވާނުންނާއި ބެހޭ މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވީ ޒުވާނުންނަށް ސަރުކާރުން ކޮށްދޭން ބުނި ގިނަ ކަންތައްތައް މިހާރުވެސް ކޮށް ނިމިފައިވާކަމަށެވެ. ވޭތުވެދިޔަ އަހަރު ހަބޭސް ތިން އަހަރު ސަރުކާރުން ފާހަގަ ކުރިއިރު ޒުވާނުންނަށް ވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

23 ނޮވެންބަރު 2016: ދަރުބާރުގޭގައި ބޭއްވި ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

ޒުވާނުންނަށް ކުޅެލާނެ ފުޓްސަލް ދަނޑުތަކެއް ސަރުކާރުން ގިނަ ރަށްތަކުގައި ގާއިމުކޮށްދީފައިވާއިރު އުފައްދަން ބުނީ 95 ހާސް ވަޒީފާގެ ތެެރެއިން ބޮޑު އިންސައްތައެއްގެ ވަޒީފާ އުފެދިފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް ހުރި މަޝްރުއުތައް ނިމުމުން ވަޒީފާ އިތުރުވާނެ ކަމަށެވެސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާއިން އުފާވެރިކަން

ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރު ފެށި ބިލިއަނުން ގުނޭ ޕްރޮޖެކްޓުތަކަށް ވުރެ ބޮޑަށް ރައްޔިތުންނަށް ކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ބެހެއްޓި ގާތް ކަމެވެ. އެ ކުދިންނަށް ވަޒީފަ ލިބިގެން ދިޔުމަކީ މިއަދު އެކުދިން އުފާ ކުރާ ކަމެއްކަން މުޅި ގައުމު ދަނެއެވެ. އެފަދަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުަމށް ސަރުކަރުން ގެންގުޅޭ ސިޔާސަތައްވެސް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

"މި ސަރުކާރަކީ ކަނބަލުންނަށް މަރެއް"

23 ފެބްރުއަރީ: "ހީވާގި ކަނބަލުން އެކްސްޕޯ 2017" ގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޑަމް ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާއި އެކު މި ސަރުކާރު ވެގެންދިޔައީ ކަނބަލުން ބާރުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވި ސަރުކާރަކަށެވެ. ކަނބަލުންނަށް ތަފާތު އެކްސްޕޯތައް ބާއްވާ އެ ވެރިންނަށް ވިޔަފާރީގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. ތަފާތު އެވޯޑްތައްދީ ސަރުކާރުން ވަނީ ކަނަބލުންގެ އަގުވަޒަންކޮށްފައެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ބޯޑުން ކަނބަކުންނަށް ޖާގަ ހޯދައިދިނީވެސް މި ސަރުކާރުންނެވެ.

އެންމެ ބޮޑު ކޮރަޕްޝަންވެސް ހިނގީ މި ހަތަރު އަހަރު ތެރޭގައި

ސަރުކާެރުގެ ތަރައްގީގެ މަޝްރުއުތައް މެކުހަށް ޖަހާފައިވީ ނަމަވެސް ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޮންޕެނީ (އެމްއެމްޕީއާރްސީ) ގެ ތެރެއިން ހިނގި ކޮރަޕްޝަންގެ ކަންތައްތަކީ ސަރުކާރުގެ ހަލުވި ދުވެލީގައި ތަޅު އަޅުވާފައިވާ ކަމެކެވެ. އެ ކުންދުނި މެދުވެރިކޮށް ބިލިއަނަކަށް ވުރެ ދިވެހި ރުފިޔާ ވަގަށް ނަގާފައިވައިރު އެ މައްސަލަ މިހާރު ކޯޓްގައި ދަނީ ބަލަމުންނެވެ. ބައެއް މައްސަލަތަކަޢި ގުޅިގެން ސަރުކާރުގެ އިސްބައެއްވެރިންގެ މައްޗަށްވަނީ ހުކުމްވެސް ކޮށްފައެވެ.

އެމްއެމްޕީއާރުސީ އޮފީސް:-- ސަން ފައިލް ފޮޓޯ

ހަތަރު އަހަރަށް ސަރުކާރުން "ވާ"ވާ"

ސަރުކާރުގެ މުހިންމު ލަނޑުދަނޑިތައް ހާސިލްވަމުން ދިޔުމާއި އެކު ސަރުކާރަށް މި ހަަތަރު އަހަރު ވަރަށް ފުރިހަމައެވެ. އިދިކޮޅުން ކިތަންމެ ފާޑެއްކީ ނަމަވެސް ސަރުކާރުން ބުނަނީ މި ސަރުކަރުން ރާއްޖެ ތަރައްގީ ކުރިވަރަށް އެއްވެސް ސަރުކާރަކުން ރާއްޖެ ތަރައްގީ ނުކުރާކަމަށެވެ.

ގއ. ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވިދާޅުވީ ސަރުކާރުން ، ރައީސް ޔާމީން ރާއްޖެއަށް ގެނައި ވަރުގެ ތެރައްގީއާ އެއްވަރަށްވެސް އެއްވެސް ބަޔަކަށް ތަރައްގީ ނުގެނޭވޭނެ ކަމަށެވެ. އަދި އިދިކޮޅުން ކަންބޮޑުވަނީ ސަރުކަރަށް އޮތް ތައިދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާތީ ކަމަށެވެ.

"އިދިކޮޅުން ކަންބޮޑުވާނެ. ސަރުކާރުން މިހިންގާ މަޝްރުއުތައް ފެނި ރައްޔިތުންގެ ތާއިދު ލިބެމުންދާތީ އިދިކޮޅުން ކަންބިޑުވަނީ. ނަމަވެސް ބުނެލަން އޮތީ ރައީސް ޔާމީނަށް ދެންވެސް ތައިދުވާނީ އިތުރޭ،" އައްސަދު ވިދާޅުވިއެވެ.

ފ.ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ އިދިކޮޅު މީހުންނަށް ސަރުކަރުން ކުރާއެްވެސް ކަމެއް ރަނގަޅު ނުވާނެ ކަމަށެވެ. އެއީ އިދިކޮޅަށް ކިތަންމެ ރަނގަޅު ކަމަކަށްވިޔަސް އެކަމާއި އެއްބަސް ނުވާނެ ކަމަށެވެ.

"އިދިކޮޅަށް ރަނގަޅު ނުވާނެ ހަމަ އެއް ކަމެއްވެސް. އިދިކޮޅުން ބޭނުންވަނީ ހަގީގަތް އޮޅުވާލަން. އެކަމު ރައްޔިތުންނަކަށް ހަގީގަތެއް ނޯޅެނެ. ރައްޔިތުން ގަބޫލު ކުރޭ ރައީސް ޔާމީން ގައުމަށްޓައި ކުރައްވަމުން ގެންދަވާ މަސައްކަތް،" މުބީން ވިދާޅުވިއެވެ.

އިދިކޮޅުން ބުނަނީ "ހޯ، ހޯ"

ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި މަޝްރުއުތައް ކުރިއަށް ގެނދިޔަ ނަމަވެސް އެކަންކަން ދެފުއް ފެންނާނެ ގޮތައް ކުރިއަށް ގެންދިޔުމަކީ އިދިކޮޅުން އެދޭގޮތް ކަމަށް އެމީހުން ބުނެއެވެ. އަދި ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ސަރުކަރުން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަން ޖާގަ ދެވެން ނޯންނާނެ ކަަމަށްވެސް އިދިކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހްމދު މަހްލޫފް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހަމަ އެކަނި ކޮންކްރީޓް ތަރައްގީ ނޫންކަމަށެވެ. ނަފްސް ތަރައްގީ ވުމަށްވެސް ރައްޔިތުން އެދޭކަމަށެވެ. ހައްގު ރައްކާތެރިކޮށްދިނުމަށްވެސް ރައޔްިތުން އެދޭ ކަމަށެވެ. އަދި މިނިވަން ޝަރީއަތްތައް ކޮށްދިނުމަށްވެސް ރައްޔިތުން އެދޭ ކަމަށެވެ.

"ހަމަ އެކަނި ކޮންކްރީޓް ތަރައްގީއެއް ނޫން ރައްޔިތުން ބޭނުންވަނީ. ރައްޔިތުންބޭނުންވޭ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިގެންދިޔުން،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ބްރިޖް މަޝްއުއާ ދަރުމަވަންތަ ހޮސްޕިޓާތަންތަން ހަދަން ފެށިއިރު އެކަން ކުރެވޭނެ އެންމެ އަގު ހެޔޮހޮތް ނުބަލާ ކުރުމަކީ އެއިން ނާޖާއިޒް މަންފާ ތަކެއް ނަގާ ކަމުގެ ހެތްކެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ ގޮތުގައި ސަރުކަރު ފެއިލްވެއްޖެ ކަމަށާއި މި ސަރުކާރަށް ރައްޔިތުން ތާއިދު ނުކުރާ ކަމަށެވެ.

ރިޕޯޓް ދޭނީ ރައްޔިތުން

ހަތަރު އަހަރު ނިމި މި ދައުރުގެ ފަހު އަހަރައި ރައީސް ޔާމީން މާދަމާ ކުރިމަތިލާއިރު އެމަނިކުފާނަށް ރިޕޯޓް ދޭނީ ރައްޔިތުންނެވެ. ރައްޔިތުން ބޭނުންވާ ގޮތް ވޯޓުން ސާފުވެގެންދާނެ އެވެ. ކޮންކްރީޓް ތަރައްގީ ރައްޔިތުން ބޭނުންވެފައި ތިބި މިންވަރާއި ހައްގުތައް ބޭނުންވެފައި ތިބި މިންވަރު އެ ވޯޓުން ކިރާލެވޭނެއެވެ. ހަތަރު އަހަރު ފާއިތުވުމާއި ސަރުކާރުން އެކަން ފާހަގަ ކުރަނީ ބަހާރު މޫސުން އައި ފަދައިންނެވެ. ބަހާރު މުސުމުގައި މާތައް ފޮޅޭނެއެވެ. ރައްޔިތުން ތިިބީ ބަލާށެވެ. މީގެ ހަތަރު އަހަރު ކުރިން އިންދި އޮށްތަކުން މިހާރު ގަސްފަޅާފައިވީ ނަމަވެސް ރައްޔިތުން ތިބީ އޭގެ ފޮނިމީރުކަން ލިބޭނެ ދުވަހަކަށް އިންތިޒާރުގައެވެ. ދިރުން އޮތީތީ އެ ރައްޔިތުން އުންމީދުއެބަކުރެއެވެ. "ހޯ"ހޯ" ބުނަނީ ތަރައްގީއާ ދެކޮޅު ފިކުރަށެވެ. "ވާ، ވާ" ކިޔާ ރައްޔިތުން އަތްޖަހާނީ އެމީހުންނަށް ހަގީގީ މާނާގައި ތަަރައްގީ ހޯދައިދޭ ވެރިއަކަށެވެ.

comment ކޮމެންޓް