ރާއްޖޭގެ 16 އަހަރުން ދަށުގެ ކުޅުންތެރިއަކަށް އޭއެފްސީން އަދަބު ދީފި

އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމު--- ފޮޓޯ/ އެފްއޭއެމް

އޭޝިއަން ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީ އިން ރާއްޖޭގެ 16 އަހަރުން ދަށުގެ ކުޅުންތެރިއަކު ދެ މެޗަށް ސަސްޕެންޑްކޮށް، 300 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

އެ ކުޅުންތެރިއަކީ މިދިޔަ ސެޕްޓެމްބަރު މަހު ނިމުނު އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި ކުޅުނު ރާއްޖޭގެ އިސްމާއީލް މިމްރާހު މުބީންއެވެ. އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާއިން އެ ކުޅުންތެރިޔާ ސަސްޕެންޑް ކުރީ ތަޖިކިސްތާން އަތުން ރާއްޖެ 14-0 ން ބަލިވި މެޗުގައި ބޯޅަ ނެތީސް ތަޖިކިސްތާނުގެ ކުޅުންތެރިއެއްގެ ކަކުލުގައި ގަސްތުގައި ޖަހައި، ކުޅުންތެރިޔާ ކޮށްޕާލާފައިވާތީވެ އެވެ.

އޭގެ ސަބަބުން އެ މެޗުގެ 66 ވަނަ މިނިޓުގައި މިމްރާހަށް ރަތްކާޑު ދައްކާފައިވާއިރު އޭއެފްސީން ކުޅުންތެރިޔާ އާއި އެފްއޭއެމަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާ، ކުޅުންތެރިޔާ އަށް ނަސޭހަތްތެރިވުމަށެވެ.

އޭއެފްސީގެ މި ސަސްޕެންޝަށް ފަހު 16 އަހަރުން ދަށުގެ ޓީމު ސީރިޔާ ދެކޮޅަށް ކުޅެފައިވާތީވެ މިމްރާހުގެ ދެ މެޗުގެ ސަސްޕެންޝަން ހަމަވާން ބާކީ އަދި އެއް މެޗު އެބައޮތެވެ.

އޭއެފްސީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ކުޅުނު ދެ ވަނަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ބަލިވެފަ އެވެ. ކޮލިފައިންގައި ރާއްޖޭގެ ޓީމު ހިމެނެނީ 'ގްރޫޕް ބީ'ގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އަދި ތުރުކުމެނިސްތާނެވެ.

comment ކޮމެންޓް