ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗުގައި އެންގޯލޯ ކަންޓޭ އާއި ޑެނީ ޑްރިންކްވޯޓާ ފެނިދާނެ ކަމުގެ އިޝާރާތެއް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކަންޓޭ ދީފި އެވެ.
ރަށުން ބޭރުގައި މިރޭ ކުޅޭ މެޗުގައި ރޯމާ އަތުން މޮޅުވެއްޖެ ނަމަ، 'ގްރޫޕް ސީ'ގެ އެއް ވަނައިގައި ޗެލްސީ އޮންނާނީ ފަސް ޕޮއިންޓްގެ ފަރަގަކާ އެކު އެވެ. ރޯމާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 3-3 ލަނޑުގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ފްރާންސް ގައުމީ ޓީމަށް ކުޅެނިކޮށް ކަންޓޭއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަތާ އެއް މަސް ދުވަސް ވެފައިވާ އިރު، މި ސީޒަނުގައި ލެސްޓާ ސިޓީން ޗެލްސީއާ ގުޅުނު ޑްރިންކްވޯޓާ، އެ ޓީމުގެ ޖާޒީގައި ފުރަތަމަ ޕްރިމިއާ ލީގު މެޗެއް ކުޅެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޯންމައުތުއާ ދެކޮޅަށް ކުޅެ 1-0 ލަނޑުގެ ނަތީޖާ އަކުން މޮޅުވި މެޗުގައެވެ. ޑްރިންކްވޯޓާ ވެސް ދުރުގައި ހުންނަން ޖެހުނީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
"ޑްރިންކްވޯޓާ އަދި ކަންޓޭ ވެސް މިހާރު ވަނީ މުޅިން ފިޓް ވެފައި. އަނިޔާ އަކަށް ފަހު، މުޅިން ފިޓް ވުމަށް ވަގުތު ނަގާނެ. ވިކްޓަ މޮސަސް އަށް ފިޓް ވުމަށް އަދި ވަގުތު ނަގާނެ. ޓީމުގެ ޓްރޭނިންތަކުގައި ކަންޓޭ ބައިވެރިވި. ކުރިން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޓްރޭނިންގައި ވެސް އޭނާ ބައިވެރިވި. މިވަގުތު އެންމެ ރަނގަޅު ވާނީ އެކަމާ ގުޅޭގޮތުން އޭނާއާ ވާހަކަ ދެއްކުން. އަދި މިހާރު ޑްރިންކްވޯޓާ ވެސް މުޅިން ފިޓް،" ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ، ގައުމީ ޓީމަށް ކުޅުމަށް ކުޅުންތެރިން ދިއުމުގެ ކުރިން މިރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު ދެ މެޗު ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދެނީ ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.