ގައުމީ ދަނޑުގައި ކުޅޭ ބަށިބޯޅަ ފައިނަލް މެޗު ވަރަށް ކުލަގަދަވާނެ!

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗާ އެކު ރާވާފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އެންމެ އަގުބޮޑު ބަށި މުބާރާތް 'ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް 2017'ގެ ފައިނަލް މެޗު ކުލަގަދަކޮށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް ނިންމައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗަށްފަހު އެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ހީނާ ވަލީދު ވިދާޅުވީ، މެޗު ފެށިގެންދާނީ މާދަމާ ރޭ 8:00ގައި ކަމަށާއި ފައިނަލު މެޗު ކުރިއަށްދާ އިރު ސަރުކާރުގެ ކުންފުނިތަކަށާއި މުއައްސަސާތައް އަދި އެކިއެކި ފަރާތްތަކަށް ދައުވަތު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާއްސަކޮށް ކަނބަލުންނަށް ދައުވަތު އަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފައިނަލް މެޗު މިފަހަރު ކުރިއަށް މިދަނީ ވަރަށް ކުލަގަދަކޮށް. ހަމައެކަނި ބަށީގެ ފައިނަލް މެޗެއް ނޫން ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްދާނީ. އެހެންވީމާ އަޅުގަނޑުމެން މިފަހަރު އާންމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ވަޑައިގެން މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ. މި ދަނޑުގައި ކުރިއަށްދާނެ މުހިންމު ހަރަކާތްތަކަށް ބަލައިލާ އިރުގައި ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށްދާނެ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ، ފުޑް ސްޓޯލްތަކާއި ބާބަކިއު އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް އެ ދުވަހު ދަނޑުގައި ކުރިއަށްދާނެ ކަމަށާއި ތަފާތު އެކިއެކި ފަރާތްތަކުން ހުށަހަޅައިދޭ ސަގާފީ އައިޓަމްތައް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި އާއިލާ ގޮވައިގެން ދަނޑަށް އައުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ފަރާތްޕުޅުން ދައުވަތު އަރުވާ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުންނަށް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެން ދަނޑުގައި ބާއްވަން މި ނިންމީ. އެނގިވަޑައިގަންނަވާނެ މި ދަނޑުގައި ވަރަށް ގިނަ ފަރާތްތަކަށް އެކޮމޮޑޭޓް ކުރެވޭނެ. ގިނަ ބަޔަކަށް އައިސް އެއްވެލައި، ހިތްފަސޭހަ ރަނގަޅު މާހައުލެއްގައި މެޗު ބަލައިލުމުގެ ފުރުސަތު އަދި ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ. އެހެންވީމާ މި ދަނޑުގައި އަޅުގަނޑުމެން ފައިނަލް މެޗު ކުޅެން ނިންމީ،" އޭނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކީ ކ. މާފުށި ބަށި ޓީމެވެ. އިއްޔެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މާފުށިން ވަނީ ނ. މާފަރު ބަށި ޓީމުގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރާ ދެ ވަނަ ޓީމު ކަށަވަރު ވެގެންދާނީ މިއަދު ހަވީރު ކުޅޭ ސެމީގެ ދެ ވަނަ މެޗަށް ފަހު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޒޯން ތިނެއްގެ ޗެމްޕިއަން ފ. ފީއަލި ބަށި ޓީމާއި ލ. ގަމު ބަށި ޓީމެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތުގައި ޖުމްލަ 49 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި 17 އަތޮޅެއްގެ ޓީމުތައް ބައިވެރިވެފައިވާ އިރު، ގަދަ 16 އަށް ދަތުރުކުރީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. އަދި ފައިނަލް ބުރުގައި ވަދަކުރަނީ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.

comment ކޮމެންޓް