ޗެމްޕިއަންކަން ފީއައްޔަށް، ބަށި ރާނީ އަކަށް ގަމުގެ ލުބްނާ

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ފީއަލި ޓީމަށް މެޑަމް ފާތިމަތު އިބްރާހިމް ޓްރޮފީ ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކ. މާފުށި ބަލިކޮށް، ފ. ފީއަލީ ޓީމުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާ އެކު ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އެވެ. އެކަމަނާގެ އިތުރުން މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދެ ކަނބަލުން ކަމަށްވާ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އަދި ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ތެރެއިން: ކ. މާފުށި ބަލިކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފ. ފީއަލި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ދެ އިނިންގްސްގެ ކުޅުން ނިމުނު އިރު، ފީއަލިން ވަނީ 33 ލަނޑު، އަށް ބޯޅަ ހަދައިފަ އެވެ. އަދި މާފުށްޓަށް ހެދުނީ 32 ލަނޑު، 11 ބޯޅަ އެވެ. އެ މެޗު ނިމެން ކައިރި ވެފައި ވަނިކޮށް، މާފުށިން ފީއަލީގެ މައްޗަށް ކުރި ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވެ އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ލ. ގަމުގެ އައިޝަތު ލުބްނާ އާއި، ކ. މާފުށީގެ ފަރީޝާ އަލީ އާއި، ނ. މާފަރުގެ ރުކްޝާނާ އާދަމް އާއި، ފ. ފީއަލީގެ ޝިހާމާ އަބްދުލް ރަޝީދާއި، ލ. ގަމުގެ ފާތިމަތު ރަޒިއްޔާ އާއި، ނ. މާފަރުގެ އައިޝަތު އަބްދުﷲ އާއި، ލ. ގަމުގެ ހައްވާ ލިއުޝާ އާއި، ފ. ފީއަލީގެ އާމިނަތު ޒަމީލާ އަދި ނ. މާފަރުގެ އާމިނަތު މުމްތާޒެވެ. އެ ނުވަ ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އެވެ.

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ބަށި ރާނީ އަކަށް ހޮވުނު ލ. ގަމުގެ އައިޝަތު ލުބްނާ(ވ) އަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ޓްރޮފީ(ކ) ހަވާލު ކޮށްދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔާގެ މަގާމު އަދި ތިން ވަނަ ހޮވާ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލ. ގަމުގެ އައިޝަތު ލުބްނާ އެވެ. ރާއްޖޭގެ ބަށިބޯޅަ މުބާރާތްތަކުގައި ރަސްކަން ކުރަމުންދާ ލުބްނާ ވަނީ ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބަށި ރާނީގެ މަގާމު ވެސް ހޯދައިފަ އެވެ.

އެ މުބާރާތުގެ ޗެމްޕިއަން ފީއަލީ ޓީމަށް މެޑައްޔާއި ޓްރޮފީ އާއި ހަވާލު ކޮށްދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އެވެ. އަދި ރަނަރަޕަށް ހޮވުނު މާފުށީ ޓީމަށް މެޑައްޔާއި އިނާމު ހަވާލު ކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބޭއްވި އެ މުބާރާތުގައި ޖުމްލަ 49 ޓީމެއް ވާދަކުރި އެވެ. މުބާރާތުގައި 17 އަތޮޅެއްގެ ޓީމުތައް ބައިވެރިވި އިރު، ގަދަ 16 ގައި ވާދަކުރީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. އަދި ފައިނަލް ބުރުގައި ވާދަކުރީ ޒޯން ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ.

comment ކޮމެންޓް