އެސްޓީއޯ ބަށި މުބާރާތް އަންނަ މަހު 25ގައި ފަށަނީ

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް އަންނަ މަހުގެ 25 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައި ގައުމީ ބަށި ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އާއެކު ސޮއި ކޮށްފިއެވެ.

މިއަދު އެސްޓީއޯ ހެޓް އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު މުރާދެވެ. އަދި ބަށި ބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އާމިނަތު ލީލާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ލީލާ ވިދާޅުވީ، މުބާރާތް ފަށާނީ 25 ނޮވެމްބަރުގައި ކަމަށާއި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި ވާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމު އެމްބީއޭގެ ވެބްސައިޓުންނާއި އެސްޓީއޯގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

"މުބާރާތުގެ ހިންގާ ގަވާއިދާއި މުބާރާތް ކުޅޭ ގަވައިދު އަޅުގަނޑުމެންގެ ވެބްސައިޓުން ލިބެން ހުންނާނެ. މީގެ އިތުރުން އެހެނިހެން ކަންކަން ކުރިއަށް ދާނެ ގޮތުގެ ތަފްސީލު އެމްބީއޭގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ،" ލީލާ ވިދާޅުވިއެވެ.

ލީލާ ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ސްޕޯޓްސް ގަވާއިދުގެ ދަށުން މިހާރު ކޮންމެ ޓީމެއް ވެސް އޮންނަން ޖެހޭނީ ސްޕޯޓްސް ކޯޕަރޭޝަންގައި ރެޖިސްޓްރީ ކުރެވިފައި ކަމަށާއި އަދި އެމްބީއޭގައި ވެސް ރެޖިސްޓްރީ ކުރެވިފައި ކަމަށެވެ.

މުބާރާތް މިފަހަރު ރާވައި ހިންގާނީ އެމްބީއޭ އިންނެވެ. އަދި ކުރީ އަހަރުތަކާ ތަފާތު ކުރުމުގެ ގޮތުން މިފަހަރު އެންމެ މޮޅު މެނޭޖަރާއި، ހިންގުންތެރި މެނޭޖަރުގެ އިތުރުން އެންމެ މޮޅު ކޯޗު ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނުވަ ކުޅުންތެރިންގެ މައްޗަށް ހިމެނޭ، މުބާރާތުގެ އެންމެ މޮޅު ޓީމު ވެސް ހޮވާނެއެވެ.

މިއަހަރުގެ ޗެމްޕިއަން ޓީމަށް ވެސް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް