ކޯޓް އަމުރެއް ނެރެ ދާންދޫ ބަށި މެޗެއް ހުއްޓުވައިފި

ދާންދޫ ބަށި މުބާރާތުގެ ތެރެއިން -- ފޮޓޯ: ފޭސްބުކް

ގއ. ދާންދޫގައި ކުރިއަށްދާ ބަށި މުބާރާތެއްގެ މައްސަލަ ހޫނުވެ މުބާރާތުގެ ފައިނަލް މެޗު ލަސްކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ދާންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އެހީއާއެކު ކުރިއަށްގެންދާ "ގއ އަތޮޅު ލީގު - ޒަމާނީ ބަށި ބޯޅަ މުބާރާތް 2019" ގެ ފައިނަލްއާ ހަމައަށް މުބާރާތް ގޮސްފައިވަނިކޮށް މުބާރާތުގައި ކުޅުނު ޓީމަކާއި މުބާރަތް އިންތިޒާމުކުރާ ފަރާތަކާމެދު ނުތަނަވަސްކަމެއް އުފެދިފައިވާތީ، އެ މައްސަލަ ހައްލު ވަންދެން މުބާރާތުގެ ފައިނަލް މެޗް ލަސްކުރުމަށް އެ އަތޮޅު ނިލަންދޫ ކޯޓުން މިއަދު ވަނީ އަމުރެއް ނެރެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު 3:00 ގައި ގައި ކުޅެން ހަމަޖެހިފައިވާ ފައިނަލްމެޗު ކުރިއަށް ނުގެންދިޔުމަށް ނިލަންދޫ ކޯޓުން މިއަދު ދާންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ކޮމެޓީ އަދި ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށް އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

ކޯޓު އަމުރު ލިބުމާއެކު ދާންދޫ ކައުންސިލާއެކު ފުލުހުން މަޝްވަރާ ފަށާފައިވާ ކަމަށާއި ކައުންސިލުން ކޯޓު އަމުރަށް އިހުތިރާމު ކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ދާންދޫ ކައުންސިލްގެ މެންބަރު ޝަމްހީދު އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ މުބާރަތ ކުރިއަށް ދިޔައީ ސުލްހަވެރިކަމާއެކު ކަމަށެވެ.

ނަމަވެސް ދާންދޫ ކަމަނަ ޓީމާއި ނިލަންދޫ ޓީމުން ކުޅުނު މެޗުގައި ނިލަންދޫ ޓީމު މޮޅުވި ނަމަވެސް ލަނޑުގެ ގޮތުން ބަލާއިރު ދާންދޫ ޓީމު ކުރީގައި އޮތުމުން ދާންދޫ ޓީމު ފައިނަލަށް ދިޔައީ ކަމަށާއި މުބާރާތުގެ ގަވައިދުގައިވެސް ބުނަނީ އެގޮތަށް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ މުބާރާތުގެ ގަވައިދަށް ނުބަލާ މެޗު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ދިޔައީ ނިލަންދޫ ސަޕޯޓަރުން ކަމަށެވެ. މުބާރާތުގެ ފައިނަލަށް ދެން ދަތުރުކޮށްފައިވަނީ މާމެންދޫ ޓީމެވެ.

މި މައްސަލާގައި ކޯޯޓުން ވަކިގޮތެއް ނުނިންމަނީސް މެޗު ކުރިއަށް ނުގެންދިޔުމަށް ނިލަންދޫ ކޯޓުން ވަނީ އަމުރު ނެރެފައެވެ.

comment ކޮމެންޓް