ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މާފުށި ޓީމަށް

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ކ. މާފުށި ބަށި ޓީމު: އެ ޓީމުން ފައިނަލްގެ ޖާގައެއް ހޯދީ ފައިނަލުގައި ނ. މާފަރު ބަށި ޓީމު ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އެންމެ އަގުބޮޑު ބަށި މުބާރާތް 'ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް 2017'ގެ ފައިނަލަށް ކ. މާފުށި ބަށި ޓީމު ދަތުރު ކޮށްފި އެވެ.

އެ މުބާރާތުގެ ޒޯން ދޭއްގެ ޗެމްޕިއަން މާފުށި ޓީމުން ފައިނަލްގެ ޖާގައެއް ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޒޯން އެކެއްގެ ޗެމްޕިއަން ނ. މާފަރު ބަށި ޓީމު ބަލިކޮށްގެންނެވެ. އެ މެޗު ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރި ދެ ޓީމު، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމްއާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: ނ. މާފަރު ބަށި ޓީމު ބަލިކޮށް، ކ. މާފުށި ބަށި ޓީމު ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ކުޅުނު ސެމީގެ މެޗުގައި މާފަރު އަތުން މާފުށި މޮޅުވެފައި ވަނީ ދިހަ ލަނޑުގެ ތަފާތަކުންނެވެ. އެ މެޗުގައި މާފަރަށް ދެ އިނިންގްސްގައި 25 ލަނޑު ހެދުނު އިރު، މާފުށި ޓީމުން ވަނީ 35 ލަނޑު ހަދައިފަ އެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރާ ދެ ވަނަ ޓީމު ކަށަވަރު ވެގެންދާނީ މާދަމާ ހަވީރު ކުޅޭ ސެމީގެ ދެ ވަނަ މެޗަށް ފަހު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޒޯން ތިނެއްގެ ޗެމްޕިއަން ފ. ފީއަލި ބަށި ޓީމާއި ޒޯން ހަތަރެއްގެ ޗެމްޕިއަން ލ. ގަމު ބަށި ޓީމެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތުގައި ޖުމްލަ 49 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި 17 އަތޮޅެއްގެ ޓީމުތައް ބައިވެރި ވެފައިވާ އިރު، ގަދަ 16 އަށް ދަތުރުކުރީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. އަދި ފައިނަލް ބުރުގައި ވާދަކުރަނީ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.

comment ކޮމެންޓް