ނެގިމަޑުވެފައި ތިއްބައި ސްޓޭޖަށް އަރައިވަޑައިގެންނެވީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ހަމްދުސަނާ އަށް ފަހު، އޭނާ ވިދާޅުވެ ދެއްވީ ގަރުނުގެ ލަވަކިޔުންތެރިޔާ އަބުދުﷲ މޫސާ (ނައިފަރު ދޮހޮއްކޮބެ)ގެ ކިޔާފައިވާ ލަވައެއްގެ ޅެން ބައިތެކެވެ. ފުން މާނައެއް ދޭހަވާ ސިޔާސީ ބައިތެކެވެ. އިބުރަތުން ފުރިފައިވާ ޅެމުން ތަކޮޅެކެވެ.
"އޮތުން މޮޅު ކޮންމެ ވެރިކަމަށް، މަތިން ދެއްވާނެ ގަދަ ބާރެއް. ކަތުން [މީހުން] އުރެދިއްޖެ ނަމަ ރަތުން ދައްކާނެ އިންޒާރެއް،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގެން، ރ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅު އަމުނާލެއްވީ އެ ޅެން ބައިތުގެ މައްޗަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ "އޮތުން މޮޅު ވެރިކަމެއް" ކަމަށާއި ވެރިކަން ދެމިއޮތުމަށް ނަސްރު ލިބެމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމާ ދެކޮޅަށް [އިދިކޮޅު ފަރާތްތަކުން] އެ ކުރާ ހުރިހާ މަސައްކަތްތަކެއްގެ މައްޗަށް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އެ ދެއްވާ ނަސްރަކީ އެއީ އެ ވެރިކަމަކީ އޮތުން މޮޅު ވެރިކަމަށްވާ ކަމުގެ ހެއްކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންވެގެންނޭ މި ދަންނަވަނީ ނަމަނަމަ މި ވެރިކަމާ ދޭތެރޭ ނުއުރެދޭށޭ. އުރެދިއްޖެއްޔާ ރަތުން އިއްޒާރު ދައްކާނޭ! އަބްދުއްރަހީމް
މުހުތާރު ފަހުމީ ލިޔެ، ދޮހޮއްކޮ ކިޔާފައިވާ އެ ލަވައިގައި ބުނާ ގޮތަށް ރައީސް ޔާމީންގެ ވެރިކަމަށް "އުރެދިގެން" ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންނަށް ނިސްބަތްކޮށް، އަބްދުއްރަހީމް ބޭނުން ކުރެއްވީ ޅެމުގައި ބުނާ އިބާރާތެވެ. ރައްޔިތުންނަށް ނިސްބަތް ކުރީ "ކަތުން" މި ގޮތަށެވެ. ދިވެހި ބަހުގައި ކަތުން ކިޔައި އުޅެނީ މީހުންނަށެވެ. ނުވަތަ އެކަމަކަށް ކުޅަދާނަ މީހުންނަށެވެ.
"މިފަދަ ވެރިކަމަކަށް ކަތުން 'މީހުން' އުރެދިއްޖެއްޔާ، ރަތުން އިއްޒާރު ދައްކާނެކަން އެއީ ޝައްކެއް ހުރި ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމާ މިރޭ، މިއަދު، މި ހާލަތުގައި ވަރަށް ރަނގަޅަށް މިކަމާ ދޭތެރޭ ވިސްނަން ޖެހޭ. އަޅުގަނޑުމެންނަށް ﷲ ތައާލާ އެފަދަ ވެރިކަމެއް ދެއްވީމާ އެއާ ދޭތެރޭގައި އުރެދި ނުގަނެ، އެ ވެރިކަމާ ދޭތެރޭގައި ވިސްނައި ފިކުރު ހިންގައި އަޅުގަނޑުމެނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދީގެން އެ ވެރިކަަން ދެމެހެއްޓުމަކީ..." ޕީޕީއެމްގެ އިސް ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނާ އެންމެ އަރިސްކޮށް އުޅުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގެ އަމާޒު ދެން ބަދަލު ކުރެއްވީ ވާޖިބުތަކެއް ހަނދާން ކޮށްދެމުންނެވެ. އެ ވާޖިބުތަކަކީ އިންސާނީ އަދި ގައުމީ ދީނީ ވާޖިބުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"...ވެރިކަން ދެމެހެއްޓުމަކީ އެއީ އިންސާނީ އުސޫލުން ވެސް، ގައުމީ އުސޫލުން ވެސް، ދީނީ އުސޫލުން ވެސް އަޅުގަނޑު ގަބޫލު ކުރާ ހަމާގައި އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ރައްޔިތުންނާ އެއް ފެންވަރެއްގައި ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ވެރިކަން ކުރައްވާ ބޭފުޅެކެވެ.
"ރައްޔިތުންގެ ތެރެއިން ނުކުމެވަޑައިގެން ރައްޔިތުންނާ އެއް ފެންވަރެއްގައި ހުންނަވައިގެން، ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުންގެ އިހްސާސްތައް ހޯދައިގެން ވެރިކަން ކުރައްވާ ވެރިއެއްގެ ޒަމާނާ މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ހުވަފެނުގައި ވެސް ނުދެކޭހާ ތަރައްގީ ރައީސް ޔާމީން ގެންނަވާ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ސަރުކާރަށް ތައުރީފުކޮށް، ބަސްތައް އަމުނާލެއްވީ ހަމައެކަނި ނައިފަރު ދޮހޮއްކޮގެ ޅެންބައިތެއްގެ މައްޗަށެވެ.
އޭނާ ވިދާޅުވެ ދެއްވި ޅެން ބައިތަކީ ދޮހޮއްކޮބޭ ކިޔާފައިވާ ލަވައިގެ ފުރަތަމަ ބައިތެވެ. ނަމަވެސް އެ ލަވައިގެ ދެން ހުރި ބައިތަކުން ވަރަށް ވާހަކަ ކިޔައިދެ އެވެ. ހަލާކަށް ހިތް ކިޔާ މީހުންގެ ވާހަކަ އާއި ޖައްބާރުންނާއި ގައްދާރުންނާއި ޖަހާލަތުގެ ވާހަކަ ވެސް އެ ޅެމުގައި އެބަ އާދެވެ. ދުނިޔޭގެ އެތައް ވާހަކައެއް އެ ޅެމުން އެބަ ކިޔައިދެ އެވެ.
އެ ވާހަކަތައް ވެސް އަބްދުއްރަހީމް އަދި ކިޔައިދޭނެތެވެ. އޭނާއަކީ ޅެން ހައްދަވާ، ޅެންވެރި އެވެ. އޭނާގެ ބަނޑުގައި ލައްކަ މާނައެއް އޮންނާނެތާ އެވެ.