ޕުސްކަސް އެވޯޑު ޖިރޫއަށް

އަހަރުގެ އެންމެ މޮޅު ގޯލް ޖަހާ ކުޅުންތެރިޔާ އަށް ފީފާ އިން ދޭ ޕުސްކަސް އެވޯޑް އާސެނަލްގެ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ ހޯދައިފި އެވެ.

ލަންޑަންގައި ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ޖިރޫއަށް ޕުސްކަސް އެވޯޑު ދިން އިރު، އޭނާއާ އެކު އެ އެވޯޑަށް ވާދަކޮށްފައި ވަނީ ވެނެޒުއޭލާގެ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ޑޭނާ ކަސްޓެލާނޮސް އަދި ސައުތު އެފްރިކާގެ ބަރޮކާގެ ގޯލްކީޕަރު އޮސްކަރިން މަސުލޫކް އެވެ.

ޖިރޫގެ ގޯލުތަކުގެ ތެރެއިން ޕުސްކަސް އެވޯޑަށް ނޮމިނޭޓް ވެފައި ވަނީ މިދިޔަ ޖެނުއަރީ މަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ޖިރޫ ކާމިޔާބުކުރި 'ސްކޯޕިއަން ކިކް' ގޯލެވެ.

ޖިރޫއާ އެކު އެ އެވޯޑަށް ވާދަކުރި ޑޭނާ ކަސްޓެލާނޮސްގެ ގޯލަކީ އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑަ ކަޕް މެޗެއްގެ އިތުރު ވަގުތުގައި ދަނޑުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި ކީޕަރު މަސުލޫކްގެ ގޯލަކީ މެޗެއްގެ ފަހު ވަގުތު އޯވަހެޑް ކިކަކުން ކާމިޔާބުކުރި ގޯލެކެވެ.

comment ކޮމެންޓް