ފީނާ އޯޕަން ވޯޓާ ސްވިމިންގް ކޯޗިން ކޯސް ބުރާސްފަތި ދުވަހު ދިއްދޫގައި ފަށަނީ

ބައިނަލްއަގުވާމީ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމްއިއްޔާ، ފީނާ އިން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީނާ އޯޕަން ވޯޓާ ސްވިމިންގް ބޭސިކް ކޯޗިންގް ކޯސް އަންނަ ބުރާސްފަތި ދުވަހު ހއ. ދިއްދޫގައި ފެށުމަށް ނިންމައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން މިއަދު ބުނީ، މިމަހުގެ 26 އިން 31 އަށް ދިއްދޫގައި ބޭއްވުމަށް ނިންމާފައިވާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާ އިރު، ކޯހުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މާދަމާ މެންދުރު ފަހު 13:00ގެ ކުރިން ބައިވެރިވާން އެދޭ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.

މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ބުނީ، ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި 16 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އެނގޭ މީހެއް ކަމުގައިވުމުގެ އިތުރުން ރަނގަޅަށް ފަތަން ދަންނަ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ.

އެސޯސިއޭޝަނުން ބުނީ، ކޯހުގައި ބައިވެރިވެވޭނީ ހިލޭ ކަމަށާއި އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓޭޝަން ހަމަޖައްސަން ވާނީ އެބައިވެރިޔަކު އަމިއްލަޔަށް ކަމަށެވެ.

comment ކޮމެންޓް