ކިޑްސް ސްވިމިން ފެސްޓިވަލްގައި ލައިފްގާޑް އެސޯސިއޭޝަނަށް ގިނަ ކާމިޔާބީތަކެއް

ބީއެމްއެލް ހަތަރުވަނަ ކިޑްސް ސްވިމިން ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަތަރުވަނަ ކިޑްސް ސްވިމިން ފެސްޓިވަލްގައި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭގައި ސްވިމިން ޕޫލުގައި ކުރިއަށްގެންދިޔަ އެ ފެސްޓިވަލުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކާމިޔާބު ފެތުންތެރިޔާ އާމިނަތު ޝަޖަންއެވެ.

ބީއެމްއެލް ހަތަރުވަނަ ކިޑްސް ސްވިމިން ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ކިޑްސް ސްވިމިން ފެސްޓިވަލް ކުރިއަށްގެންދިޔައީ އަށް އަހަރުން ދަށާއި ދިހަ އަހަރުން ދަށް އަދި 12 އަހަރުން ދަށަށް އަމާޒުކޮށްގެން ތިން ކެޓަގަރީއަކަށް ބަހަލައިގެންނެވެ. ކްލަބުތަކަށް ހުޅުވާލައިގެން ބޭއްވި އެ ފެސްޓިވަލުގައި ޖުމުލަ 340 އަށްވުރެ ގިނަ ކުދިން ބައިވެރިވި އިރު، ޓީމު ކެޓަގަރީގައި އަންހެން އަށް ޓީމު އަދި ފިރިހެން އަށް ޓީމު ބައިވެރިވިއެވެ.

އެ ފެސްޓިވަލު ކުރިއަށްދިޔައީ އިވެންޓުތައް ފުރިހަމަކުރާ ކޮންމެ ކުއްޖަކަށް ރަން މެޑަލްއެއް ދޭ ގޮތަށެވެ. ފެތުންތެރިންގެ ވަކިވަކި ވަނަތައް ހޮވާފައި ނުވި ނަމަވެސް، ޓީމު އިވެންޓުން ވަނީ ވަނަވަނައަށް ޓީމުުތައް ހޮވައިފައެވެ.

ޓީމު އިވެންޓުގެ ޗެމްޕިއަނުން:

  • ކިޑްސް އޭ: ކްލަބު ބޮޑުރިޔާ (ފިރިހެން)، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އަންހެން)
  • ކިޑްސް ބީ: މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (ފިރިހެން)، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އަންހެން)
  • ކިޑްސް ސީ: ކްލަބު ބޮޑުރިޔާ (ފިރިހެން)، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އަންހެން)
comment ކޮމެންޓް