ސްރީލަންކާގެ ކެންޑީގައި ކުރިއަށްދިޔަ އެ ގައުމުގެ ގައުމީ ފެތުމުގެ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ގައުމީ ޓީމުން 15 މެޑަލްއާއެކު، ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.
މިިދިޔަ ހުކުރު ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ ރަން މެޑަލްއެއްގެ އިތުރުން ހަ ރިހި މެޑަލް އާއި އަށް ލޯ މެޑަލް ހޯދައިފައެވެ. ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވަނީ 100 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، މެރާލް އައިން ލަތީފެވެ. ރަން މެޑަލްގެ އިތުރުން މެރާލް ވަނީ 50 މީޓަރު ބަޓަފްލައި އިވެންޓުން ރިހި މެޑަލް އަދި 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލްއެއް ވެސް ހޯދައިފައެވެ.
އެ މުބާރާތުގައި ޖޫނިއާ ފިރިހެން ފެތުންތެރިޔާ ލޫތު މުހައްމަދު ހުސައިން ވަނީ 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. ސީނިއާ ފެތުންތެރިޔާ މުހައްމަދު ރިހާމް ޝިހާމް، 400 މީޓަރު އިންޑިވިޖުއަލް މެޑްލީން ލޯ މެޑަލް ހޯދި އިރު، މުހައްމަދު އާން ހުސައިން ވަނީ 50 މީޓަރު ބަޓަފްލައި އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ.
ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމު ވަނީ ހަަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭ އިން ލޯ މެޑަލްއެއް ހޯދައި، ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިން ރިހި މެޑަލްއެއް ހޯދައިފައެވެ. އަދި އެ ޓީމުން ވަނީ ހަތަރެއް ގުނަ 50 މީޓަރު މެޑްލީ ރިލޭ އިން ވެސް ރިހި މެޑަލްއެއް ހޯދައިފައެވެ.
ރާއްޖޭގެ ސީނިއާ ފިރިހެން ޓީމު ވަނީ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭ އިން ލޯ މެޑަލް ހޯދައި، ހަތަރެއް ގުނަ 50 މީޓަރު ރިލޭ އިން ލޯ މެޑަލްއެއް ހޯދައިފައެވެ. އަދި ސީނިއާ ޓީމުން ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލާއި ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލުން ވެސް ލޯ މެޑަލްއެއް ހޯދިއެވެ. ރާއްޖޭގެ ސީނިއާ ފިރިހެން ޓީމު ވަނީ މުބާރާތުގެ ދެވަނަ ޓީމުގެ ގޮތުގައި ވެސް ހޮވިފައެވެ.
މުބާރާތުގައި ރާއްޖޭގެ ޖޫނިއާ އަންހެން ޓީމު ވެސް ރަނގަޅު ނަތީޖާތަކަކާއެކު މެޑަލްއެއް ހޯދިއެވެ. ޖޫނިއާ އަންހެން ޓީމު ވަނީ ހަތަރެއް ގުނަ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް، ރިހި މެޑަލް ހޯދައިފައެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ޖޫނިއާ އަދި ސީނިއާ ބައިގައި ވާދަކޮށްފައެވެ. މުބާރާތުގައި ރާއްޖޭގެ ޖުމުލަ 25 ފެތުންތެރިން ވާދަކުރި އިރު، ލަންކާގެ އެކި ކްލަބުތަކާއި ކޮލެޖުތަކުން ޖުމުލަ 49 ޓީމެއް ވާދަކުރިއެވެ.