ސްރީލަންކާގެ ގައުމީ ޝޯޓްކޯސް މުބާރާތުން ރާއްޖޭގެ ގައުމީ ޓީމުން ދެ މެޑަލް ހޯދައިފިއެވެ.
ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖު ސްވިމިން ޕޫލުގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުން ރިހި މެޑަލްއެއް ހޯދި އިރު، ސީނިއާ ފިރިހެން ޓީމުން ވަނީ ލޯ މެޑަލްއެއް ހޯދައިފައެވެ. ރާއްޖޭގެ ދެ ޓީމުން ވެސް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭ އިވެންޓުންނެވެ.
ރާއްޖޭގެ ޖޫނިއާ ޓީމުން ރިހި މެޑަލް ހޯދީ ލަންކާގެ ކޮލެޖުތަކާއި އެކިއެކި ކްލަބުތައް ހިމެނޭގޮތުން ނުވަ ޓީމަކާ ވާދަކޮށްގެންނެވެ. އަދި, ސީނިއާ ޓީމުން ލޯ މެޑަލް ހޯދީ ލަންކާގެ މޮޅެތި ފެތުންތެރިން ހިމެނޭހެން އެކިއެކި ކްލަބުތަކާއި ކޮލެޖުތަކުން 14 ޓީމަކާ ވާދަކޮށްގެންނެވެ.
ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޖޫނިއާ ޓީމުގައި ހިމެނެނީ ޔާސީން މުހައްމަދު ޔޫސުފާއި ލޫތު މުހައްމަދު ހުސައިނާއި އިސްމާއީލް އަޖުމަލް މޫސާ އަދި ޝީމް ހުސައިން އިބްރާހީމެވެ. އަދި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޓީމުގައި ހިމެނެނީ އަލީ އިމްއާން އާއި އިޒްޔާން ނާޒިމާއި މުހައްމަދު ރިހާން ޝިހާމްގެ އިތުރުން މުހައްމަދު އާން ހުސައިނެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއާ ނޭޝަނަލް ފިރިހެން އަދި އަންހެން ބައިގެ އިތުރުން ނޭޝަނަލް ސީނިއާ އަންހެން އަދި ފިރިހެން ބައިގައެވެ. އެ މުބާރާތުގައި ރާއްޖެއިން ޖުމުލަ 25 ފެތުންތެރިން ވާދަކުރެއެވެ.
އެ މުބާރާތުގައި އިއްޔެ ކުރިއަށްގެންދިޔަ 400 މީޓަރު ފްރީސްޓައިލް ޖޫނިއާ އަންހެން އިވެންޓުގައި ރާއްޖޭގެ ލައިބާ ހަސަން މަނިކު ރޭސް ނިންމީ ރޭހުގައި ބައިވެރިވި 14 ފެތުންތެރިންގެ ތެރެއިން 12 ވަނައަށެވެ. ޖޫނިއާ ފިރިހެން 400 މީޓަރު ފްރީސްޓައިލްގައި 12 ފެތުންތެރިންގެ ތެރެއިން ރާއްޖޭގެ ޔާސީން މުހައްމަދު ޔޫސުފް ހަވަނައަށް ރޭސް ނިންމި އިރު، ސީނިއާ ފިރިހެން 400 މީޓަރު ފްރީސްޓައިލްގައި ވާދަކުރި 23 ފެތުންތެރިންގެ ތެރެއިން ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް ރޭސް ނިންމީ 12 ވަނައަށެވެ.
އެ މުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކްލަބުތަކާއި ކޮލެޖުތަކުން ޖުމުލަ 49 ޓީމަކުން ބައިވެރިވެއެވެ.