އިބްރަހިމޮވިޗްގެ އެނބުރި އައުން ޑިސެމްބަރުގައި!

އިނގިރޭސި ލީގު ކަޕްގެ ތަށްޓާއެކު ޔުނައިޓެޑްގެ ސްވިޑަން ތަރި އިބްރަހިމޮވިޗް: އޭނާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ އޭޕްރީލް މަހުގެ ތެރޭގައި --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ތަޖުރިބާކާރު ފޯވަޑް، ޒްލަޓަން އިބްރަހިމޮވިޗް ޑިސެމްބަރު މަހު ފެނިގެން ގޮސްދާނެ ކަމަށް އެ ކްލަބުގެ ލެޖެންޓް އެންޑީ ކޯލް ބުނެފިއެވެ.

އުމުރުން 36 އަހަރުގެ ސްވިޑަން ފޯވަޑް އިބްރަހިމޮވިޗް، އެ ކްލަބާ އަލުން ގުޅިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

ޔޫރޮޕާ ލީގުގައި މިދިޔަ އޭޕްރީލް މަހު އަންޑާލެހްޓްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އިބްރަހިމޮވިޗްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މިހާރު އޭނާ ދަނީ އެ އަނިޔާއިން ސަލާމަތްވެ، ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ތައްޔާރުވަމުންނެވެ.

ޔުނައިޓެޑްގެ ލެޖެންޑް ކޯލް ދަނީ އޭޕްރީލް މަހު ހެދި ކިޑްނީ ޓްރާންސްޕްލާންޓަށް ފަހު ޔުނައިޓެޑްގެ އޭއޯއެން ޓްރޭނިން ކޮމްޕްލެކްސްގައި ރިކަވަރީގެ މަސައްކަތްތައް ކުރަމުންނެވެ. އިބްރަހިމޮވިޗްގެ ރިކަވަރީއަށް ވެސް މަސައްކަތްކުރަނީ އެ ކޮމްޕްލެކްސް އިންނެވެ.

"އޭނާގެ މަސައްކަތްތައް ދަނީ ވަރަށް ރަނގަޅަށް. އަހަރެންނާއި އިބްރަހިމޮވިޗްއާ ދެމެދު ވާހަކަތަކެއް ދެކެވުނު. އަހަރެންނަށް ބޮޑަށް ލަފާ ކުރެވެނީ އޭނާއަށް ޑިސެމްބަރު މަހުގެ ތެރޭގައި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެހެން. ނުވަތަ ޖެނުއަރީގައި އޭނާ ފެނިގެންދާނީ. އިބްރަހިމޮވިޗްއަށް ޔަގީނުން ވެސް ޓީމަށް ވަރަށް ރަނގަޅު ކަންތައްތަކެއް ގެނެވޭނެ. މިދިޔަ ސީޒަނުގައި ވެސް އޭނާ ވަރަށް ރަނގަޅު ކުޅުމެއް ދެއްކި،" އެމްޔޫޓީވީއަށް ދިން އިންޓަވިއުއެއްގައި ކޯލް ބުންޏެވެ.

އިބްރަހިމޮވިޗް އެނބުރި ކުޅުމުގެ ތެރެއަށް އައުމުން މިސީޒަނުގައި 75 މިލިއަން ޕައުންޑްގެ އަގަކަށް ޔުނައިޓެޑާ ގުޅުނު ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއާ ދެމެދު ބޮޑު ވާދަވެރިކަމެއް ފެނިގެންދާނެއެވެ. ލުކާކޫގެ ފަރާތުން ސީޒަންގެ ކުރީކޮޅު ގިނަ ގޯލުތަކެއް ފެނިގެންދިޔަ ނަމަވެސް، އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ދެ މެޗުގައި އޭނާގެ ފަރާތުން ގޯލެއް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް