ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ގަވާއިދެއް އެކުލަވާލަނީ!

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީންތައް ކުރިއަށް ގެންދަނީ: ކްލަބުތަކަށް ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ގަވާއިދެއް އެކުލަވާލުމުގެ ވިސްނުމެއް އެފްއޭއެމުން ގެންގުޅޭ --- ފޮޓޯ/ އެފްއޭއެމް

ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކާއި އަތޮޅުތަކުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހަތަރު ޓީމަށް ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ގަވާއިދެއް އެކުލަވާލުމުގެ ވިސްނުމެއް ގެންގުޅެމުންދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ގޯލްކީޕަރުންގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ދާދި ފަހުން ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ކުޅުން ހުއްޓާލުމާ ގުޅިގެން، މިހާރު ގައުމީ ޓީމުގެ ގޯލް ބަލަހައްޓަން ހުރި ތަޖުރިބާކާރު ހަމައެކަނި ކީޕަރަކީ މުހައްމަދު ފައިސަލް އެވެ.

ގައުމީ ޓީމަށް ނަގަނީ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ކީޕަރުންނެވެ. ނަމަވެސް މިއަހަރު އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ ކްލަބުތަކުން ދިވެހި ކީޕަރުންގެ ބަދަލުގައި ބިދޭސީ ކީޕަރުންނަށް އިސްކަން ދިނުމުގެ ސަބަބުންނެވެ. އެގޮތުން މި އަހަރު ގިނަ ޓީމުތަކުން ބޭނުން ކުރަމުންދަނީ ބިދޭސީ ކީޕަރުންނެވެ.

'ސަން ސްޕޯޓްސް'އާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، އެ ބަދަލު ގެންނާނީ ޓެކްނިކަލް ލެވެލްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށާއި ދިވެހި ކީޕަރުންނަށް ފުރުސަތުތަކެއް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިސްނުން ހުރީ އެއް އަހަރު ދުވަހުގެ މުހުލަތެއް ދީފައި، އެ ބަދަލު ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މިހާރު ހުންނަ ވިސްނުމަކަށް މިއަންނަނީ އެއް އަހަރު ދުވަހުގެ މުހުލަތެއް ދީފައި، ބޭރުން ގޯލްކީޕަރުން ގެނައުން ހުއްދަ ނުކުރާ ކަހަލަ ވިސްނުމެއް. އެހެންނަމަވެސް ޓެކްނިކަލް ލެވެލްއެއްގައި މަޝްވަރާ ކުރެވިގެން ނޫނީ އަޅުގަނޑު ބޭނުމެއް ނޫން އެ ބަދަލު ގެންނާކަށް. އަޅުގަނޑުމެން އެބަޖެހޭ ދިވެހި ކީޕަރުންނަށް ފުރުސަތު ދޭން ކަމަށްވަންޏާ، ފުރުސަތުތަކެއް ތަނަވަސްކޮށްދޭން. އެއް އަހަރު ދުވަހުގެ މުހުލަތެއް މިދެނީ އަޅުގަނޑުމެންނަށް ކުއްލި ކުއްލިއަށް މިކަންތައްތަކެއް ނުރޭވޭނެ. އަޅުގަނޑުމެން އެއަށް އެބަ ޖާގަ ދޭން ޖެހޭ ކަންނޭނގެ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، ބިދޭސީ ކީޕަރުން ގެނައުން ހުއްޓާލުމަށް ބަދަލު ގެންނާނެތޯ މިއަހަރުގެ ޑިސެމްބަރު ހިސާބުގައި ފައިނަލް ވެގެންދާނެ ކަމަށާއި ފުރަތަމަ އެ ބަދަލު ގެންނާނީ މާލޭ ލީގު އަދި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކަށް ކަމަށެވެ. އަދި ކީޕަރުންގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކްލަބުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރަށް ބަލައިފިއްޔާ މިބައި ބޮޑަށް މިއަންނަނީ ފުރަތަމަ ޑިވިޝަނާއި ޕްރިމިއާ ލީގަށް މިއަންނަ ޓީމުތައް ތެރޭގައި. އެހެންވީމަ އަޅުގަނޑުމެން ބައިބަޔަށް ކަންނޭނގޭ ދާން ޖެހޭނީ. ފުރަތަމަ ޑިވިޝަނާއި ޕްރިމިއާ ލީގަކީ މިހާރު ވެސް ސަރުކާރު މެދުވެރިކޮށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ނުވަތަ ސަބްސިޑީއެއްގެ ގޮތުގައި ރަނގަޅު މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކްލަބުތައް. އެހެންވެއްޖެއްޔާ އެ ޓީމުތަކުން ވެސް އެބައޮތް ޒިންމާއެއް ކީޕަރުން އުފެއްދުމާއި މި މަސައްކަތްތައް ކުރަން. އަޅުގަނޑުގެ ވިސްނުން މިވަގުތު ހުރީ ފުރަތަމަ އެ ބަދަލު ގެންނާނީ ފުރަތަމަ ޑިވިޝަނާއި ޕްރިމިއާ ލީގަށޭ. އެއަށް ފަހު ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނާ ދިމާލަށް ދާނީ،" އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ދަނީ ކީޕަރުން އުފެއްދުމަށް ހާއްސަ އެކަޑަމީއެއް އެކުލަވާލައި، އެ އެކަޑަމީ ހިންގުމަށް ޖަރުމަން ގޯލްކީޕަރު ޓްރޭނަރެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އެ ކީޕަރު ޓްރޭނަރުގެ ދަށުން މިހާރު ރާއްޖޭގައި ތިބި ޓްރޭނަރުން ވެސް ބައިވެރި ކުރުވުމުގެ ވިސްނުމެއް އެފްއޭއެމުން ގެންގުޅެ އެވެ.

comment ކޮމެންޓް