އެމްޑީޕީއަކީ ޕާޓީއެއް ނޫން، އެއީ ނަޝީދު ވަށައިގެން އެނބުރޭ ބައެއް: އަދުރޭ

ލަންކާގައި ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ޓުވިޓާ

އެމްޑީޕީ އަކީ ސިޔާސީ ޕާޓީގެ ސިފަ ޖެހިފައިވާ ތަނެއް ނޫން ކަމަށާއި އެ ޕާޓީގައި ތިބީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަށައިގެން އެނބުރޭ ބައެއް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ބޭރުގައި ހުޅުވި ޕީޕީއެމްގެ ފުރަތަމަ އޮފީސް ސްރީ ލަންކާގައި ހުޅުއްވައިދެއްވުމަށް އެ ގައުމުގައި ހުންނެވި އަބްދުއްރަހީމް 'ސަން' އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އޮފީހަކާ އެކު ހުޅުވި ޖަގަހައިގެ ސަބަބުން ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖަގަހަ ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތާއީދު އިތިރު ކުރެއްވުން ކަމަށެވެ.

"ލަންކާގައި ހުންނަ ޕީޕީއެމްގެ އޮފީހުން އެކުލަވާލާނެ ތާވަލެއް. އެތާވަލާ އެކު ހަރަކާތްތައް ހިންގަމުން ދާނެ،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ބަދަލުގައި ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ނޫން. އެމްޑީޕީއަކީ ވަކި ފަރުދެއްގެ ވަށައިގެން އެނބުރޭ ބައިގަނޑެއް،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް