ސްރީ ލަންކާގެ އާއިލާއެއްގެ ހަ މެންބަރުން ކެނެޑާގައި މަރާލައިފިއެވެ.
ކެނެޑާގެ ވެރިރަށް އޮޓާވާގައި ބުދަ ދުވަހުގެ ރޭ ދަންވަރު ވަޅިން ހަމަލާދީ މަރާލައިފައިވަނީ މަންމައަކާއި އޭނާގެ ހަތަރު ކުދިންނެވެ. އެ ހާދިސާގައި އަންހެންމީހާގެ ފިރިމީހާ އަދި ކުދިންގެ ބައްޕަ ވަނީ ޒަޚަމުވެފައެވެ.
ހާދިސާއާ ގުޅިގެން 19 އަހަރުގެ ސްރީ ލަންކާއަށް ނިސްބަތްވާ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
"މިއީ ކުށެއް ނެތް ބައެއްގެ މައްޗަށް ހިންގި އަނިޔާވެރި އަމަލެއް،" ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮޓާވާގެ ފުލުހުންގެ ވެރިޔާ އެރިކް ސްޓަބްސް ވިދާޅުވިއެވެ.
ޝައްކު ކުރެވޭ މީހާއާއި އާއިލާއާ އެއްވެސް މުއާމަލާތެއް މީގެ ކުރިން ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
އޮޓާވާގެ މޭޔަރު މާކް ސަޓްކްލިފްވެސް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިއީ "އަހަރެމެންގެ ސިޓީގެ ތާރީހުގައި ހިނގި އެންމެ ސިއްސުވާލައިފަދަ އަނިޔާވެރި އެއް ހާދިސާ،" ކަމަށެވެ.
މިލިއަނެއްހާ މީހުން ދިރިއުޅޭ އޮޓާވާގައި 2023 ވަނަ އަހަރު މީހުން މެރުމުގެ 14 ހާދިސާ ހިނގައިފައިވާއިރު، 2022 ވަނަ އަހަރު އެފަދަ 15 ހާދިސާ ހިނގައިފައިވެއެވެ.
އެއްފަހަރާ ގިނަ ބަޔަލު މަރާލުން ނުވަތަ މާސް ކިލިން އަކީ ކެނެޑާގައި އެހާ އާންމުކަމެއް ނޫނެވެ. ނަމަވެސް 2022 ވަނަ އަހަރު ޑިސެމްބަރު މަހު ކެނެޑާ މީހަކު ވަނީ ފަސް މީހުންގެ ގަޔަށް ބަޑިޖަހައި މަރައިލައިފައެވެ. އޭގެ ކުރިން އެ އަހަރުގެ ސެޕްޓެމްބަރު މަހުވެސް މީހަކު ވަނީ 11 މީހަކަށް ހަމަލާދީ މަރާލައިފައެވެ.