ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 13 ބިލިއަނަށް އަރާ: ކޮމިޝަން

އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާނާތާއި އޮޅުވާލުމުގެ މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 13 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ޗެއާ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ އެ ކޮމިޝަނުން މިހާތަނަށް ބަލައި ނިމިފައިވާ މައްސަލަތަކުން ޖުމްލަ 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަން ސާބިތުވާ ކަމަށެވެ.

އަދި މިހާރު ބަލަމުންދާ އަދި ނުނިމި ހުރި މައްސަލަތަކުން 12.6 ބިލިއަން ރުފިޔާ ލިބެންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިޝަނުން ބޮޑު އިސްކަމެއް ދީގެން އެންމެ ފުރަތަމަ ބަލަމުން ދަނީ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި އަދަދުން ހިޔާނާތްވެ ދައުލަތަށް ފައިސާ ނުދައްކައި ހުރި މައްސަލަތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ހިޔާނާތުގެ މައްސަލަތަކެއް ބަލަމުންދާއިރު އޭގެ ތެރޭގައި ކުރީގެ ސަރުކާރުތަކުގެ އިސްވެރިންނާއި ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ކަމަށް އަޒްލީން ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް އަޒްލީން ވިދާޅެއް ނުވެ އެވެ.

ވިދާޅުވީ އެބޭފުޅުން ބަލަމުން ދަނީ 1999 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދައުލަތަށް ލިބެން ޖެހޭ ފައިސާގެ މައްސަލަތައް ކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އެއް މައްސަލަ ކަމަށްވާ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ޚިޔާނާތުގެ މައްސަލަ އާއި އެއާ މޯލްޑިވްސްގެ ކޮރަޕްޝަންގެ މައްސަލަ ވެސް އެސްޓް ރިކަވަރީ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

ގިނަ ދުވަސްވީ މައްސަލަތަކެއް މުއައްސަސާތަކުގައި ޕާކުކޮށްފައި ހުރި ސަބަބާ ބެހޭ ގޮތުން މިނިސްޓަރު އަޒްލީން ވިދާޅުވީ ގިނަ ދުވަސްވީ ސަބަބު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް