އެހެން ޕާޓީއެއްގެ ފަހަތަށް އެރުމުގެ ވިސްނުމެއް ޖޭޕީގެ އަދި ނެތް

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެހެން ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި މިހާރު މުޅި ޕާޓީގައި ވެސް އޮތީ އިންތިޚާބުގެ ވާދަކުރުމުގެ ޖޯޝެއް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 800އަށްވުރެ ގިނަ މެންބަރުންނާ އެކު މާދަމާ ފަށާ އެ ޕާޓީގެ ކޮންގްރެސްއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަނީ ވެސް އަދި އެ ޕާޓީގެ ޖޯޝަކީ ވެސް އިންތިޚާބުތަކުގައި ވާދަކުރުން ކަމަށެވެ.

އާ ގާނޫނު އަސާސީ އެކުލަވައިލި ފަހުން ބޭއްވި ދެ ރިޔާސީ އިންތިޚާބެއްގައި އެ ޕާޓީން ވާދަކުރިއެވެ. އެކަމަކު، އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވަނީ ވާދަނުކޮށް، އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައިގެން އިންތިޚާބަށް ނުކުތުމަށް ނިންމައިފައެވެ. އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ އިންތިޚާބާ ގުޅިގެން ބޮޑެތި ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބާ ގުޅިގެން މިހާތަނަށް އެ ޕާޓީން އެއްވެސް ގޮތެއް ނިންމާފައިނުވާ ކަމަށާއި އެއްވެސް ގޮތެއް ނިންމާނީ އެ ޕާޓީގެ ގުނަވަންތަކުގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އެހެންވެ، ކޯލިޝަން ހެދުމަށް ދައުވަތު ދީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފޮނުއްވާފައިވާ ސިޓީއާ މެދު މިހާތަނަށް އެ ޕާޓީން ޖަވާބެއް އަރުވައިފައެއް ނުވެއެވެ. އެ ކަމާމެދު ގޮތެއް ނިންމާނީ ކޮންގްރެސް އަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމުމަށް ގޮވާލާ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ހުށަހަޅުއްވާ ގަރާރަށް ބަހުސްކޮށް، ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފައެވެ.

"އޭގައި [އެ ގަރާރުގައި މި ވަނީ] ޖޭޕީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި އަދި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، ކޯލިޝަނެއްގެ ތެރެއިން ވާދަކުރުން. ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ޖޭޕީ ވާދަކުރުން." އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ ލީޑާޝިޕްގެ އެންމެހާ މެންބަރުން ވެސް ބޭނުން ވާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ދެކެން ކަމަށާއި އެކަމަކު، އެފަދަ ބޮޑެތި ނިންމުންތައް ނިންމާނީ މުޅި ޕާޓީގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. އެއީ، ވަކި މެންބަރެއްގެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަވާބު އިތުރަށް ތަފްސީީލު ކުރައްވަމުން ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މިހާތަނަށް އެ ޕާޓީން ވާދަނުކުރީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެކަނި ކަމަށާއި އެ ފަހަރު ވާދަ ނުކުރެވުނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދެއްގައި ހުރުމުން ކަމަށެވެ. އެކަމަކު، ޕާޓީގެ އަބަދު ވެސް ވިސްނުމަކީ އިސްވެ، އިންތިޚާބުތަކުގައި ވާދަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް ބޭނުންވަނީ ގާސިމް ފަދަ ވެރިއެއް ކަމަށާއި އޭނާގެ ކިބައިގައި ދިވެހިން ވެރިއެއްގެ ކިބައިން އެދޭނެ ހުރިހާ ސިފައެއް އެބަހުރި ކަމަށެވެ.

"ހުރިހާ ލީޑަރުން އެއްބަސްވާ އެއް ކަމެއް އޮންނާނެ، ގައުމަށް ތެދުވެރިވާނޭ، އަނިޔާވެރިއެއް ނުވާނޭ، ބަދަލު ހިފުމުގެ ރޫހެއް ނުހުންނާނޭ. ރައްޔިތުން ބޭނުންވަނީ ކޮން ކަހަލަ ވެރިއެއްތޯ މިހާރު. އެ ސިފަ ނޫންތޯ އަޅުގަނޑުމެން ތެރޭ މިއަދު ބޭނުން ވަނީ. މިއޮތް ވުރެ މާތް، މިއަށް ވުރެ ގައުމަށް ބޭނުންތެރި ސިފަ ހުރި ލީޑަރަކު އަޅުގަނޑުމެންނަށް ފެނޭތޯ؟" އޭނާ ވިދާޅުވިއެވެ.

ރިޔާޒް ރަޝީދު ވިދާޅުވީ އެ ޕާޓީން ކަންކަން ނިންމަނީ ހަމައެކަނި ގާސިމް ބޭނުންވާ ގޮތަށް ނޫން ކަމަށާއި ކޮންމެ ނިންމުމެއް ވެސް ނިންމަނީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހުގައި މެޖޯރިޓީން އިއްތިފާގުވާ ގޮތެއްގެ މަތިން ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އޭނާ ވެސް ދެކެން ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ކަމަށާއި އެ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާތަން ދެކެން ބޭނުންވާ ކަމަށެވެ. އެކަމަކު، އެއީ އޭނާއަށް އެކަނި ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ މި ޕާޓީގެ ރައީސަކު ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން ކޮށްދެއްވާތަން. އެހެންނަމަވެސް ޕާޓީގެ ކަންކަން އަޅުގަނޑުމެން ތިން މީހުން، ހަތަރު މީހުން އުންމީދު ކުރާ ގޮތަކަށް ނިމިގެންދާކަށް ނުޖެހޭ." އަޒްލީން ވިދާޅުވިއެވެ.

comment ކޮމެންޓް