ނޭޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން، މިއަދާ ހަމައަށް އައި އިރުވެސް އެތަން އޮތީ ބޮއްސުންލައިފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
އެންޑީއޭގެ ކަންކަން ހަރުދަނާ ކުރުމަށް ޓަކައި ޖެންޑާ މިނިސްޓްރީގެ ދަށުން ވަކިކޮށް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2021 ވަނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.
އެއަށް ފަހު، ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ގެ އަމިއްލަ އެދިވަޑައިގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން، އެންމެ ފުރަތަމަ ވެސް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ރަނގަޅުކުރަން ކަންކުރަން ވީ ގޮތް ރަނގަޅަށް އެނގިވަޑައިނުގަންވާ ކަމަށެވެ. އަދި އެންޑީއޭ ގެ ހިންގުމުގެ ކަންކަން ވެސް އޮތީ ވަރަށް ދޯދިޔާ ގޮތަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ.
"އެސްއެސްޓީވީ" ގެ ރިޕޯޓާސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަޒްލީން ވަނީ އެންޑީއޭއަށް މިއަދާ ހަމައަށް އައި އިރު އެއްވެސް ހެޔޮ ބަދަލެއް ނާންނަ ކަމަށް ވިދާޅުވެ، އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އަހަރުތަކެއް ވެގެންދާއިރު ވެސް އެންޑީއޭގެ ހާލަތަށް ބަދަލެއް ނާންނަތަނުގައި ފަރުވާގެ ނިޒާމަށް ވެސް އައު ކަމެއް އިތުރު ކުރެވިފައި ނުވާ ކަމަށެވެ.
"މިއަދާ ހަމައަށް އައި އިރު އެންޑީއޭ ބަދަލުވިތޯ އެހެން ޕްރޮގްރާމަކަށް؟ އެތަނުގެ ހާލަތު ބަދަލުވިތޯ؟ އެންޑީއޭގެ މުޅި ޕްރޮގްރާމަށް، ރިހެބިލިޓޭޝަން އަށް އާ ކަމެއް އިތުރުވިތޯ؟ ނުވެ. އަނެއްކާ ޓްރީޓްމެންޓް ޕްރޮގްރާމް ވެސް ވަރަށް ބަލިކަށިވެފަ ވަރަށް ދޯދިޔާ އިނގޭތޯ،" އަޒްލީން ވިދާޅުވިއެވެ.
ޑުރަގް އެޑިކްޓުންނަށް ކައުންސެލިން ދިނުން އޮންނަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި އެހެންވުމުގެ ސަބަބުން ފަރުވާގައި ތިބޭ ކުދިންގެ ތެރެއިން ރެންޑަމްކޮށް ޓެސްޓް ކުރާއިރު އަނެއްކާވެސް ޕޮޒިޓިވްވާ ތަން އެބަ އަންނަ ކަން އަޒްލީން ފާހަގަ ކުރެއްވިއެވެ.
އަޒްލީން ވިދާޅުވީ އެހެންވެ، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޑުރަގު ރިހެބިލިޓޭޝަން ފުރަތަމަ ފަހަރަށް ގާއިމު ކުރާނީ ޖޭޕީގެ ސަރުކާރެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެންޑީއޭގެ ފަރުވާގެ ނިޒާމް އޮތީ އުސޫލުގެ ދަށަށް ފައްތާ ރީ ސްޓްރަކްޗާ ކުރަން ޖެހިފައި ކަމަށާއި އެކަންވެސް ކުރައްވާނީ ގާސިމް ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ތެރޭގައި ވަރަށް ހުނަރުވެރި، މޮޅެތި ކުދިން އެބަ ތިބިކަން ފާހަގަ ކުރައްވަމުން އަޒްލީން ވިދާޅުވީ ޖޭޕީގެ ސަރުކާރެއްގައި އެފަދަ ކުދިން ޓެގް ކުރާނީ ޑުރަގް އެޑިކްޓުން ނުވަތަ ކުށްވެރިންގެ ގޮތަކަށް ނޫން ކަމަށާއި އަދި އެކުދިންނަށް އެއީ ކުށްވެރިން ކަމުގެ އިހުސާސެއް ވެސް ނުކުރެވޭ ގޮތަށް ކަންކަން ބައްޓަން ކުރާނެ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދު ކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން އަޒްލީން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ޚަރަދު ފޫބެއްދުމަށް ޓަކައި ޖޭޕީގެ ސަރުކާރެއްގައި ބޭނުންކުރާނީ އެކުދިންނަށް ލިބިފައިވާ ހުނަރު ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކައިގެން ހޯދާ ފައިސާ ކަމަށެވެ.
"އެހެންވީމަ އެކުދިންނަށް ލިބިފައިވާ ހުނަރު ބޭނުންކޮށްގެން ރަނގަޅު ޕްރޮޑަކްޓިވިޓީ އެއް ނެރެވޭނެ އިނގޭތޯ އެ ދާ ޚަރަދު ކަވަރު ކުރެވޭ ވަރަށް. މީގެ ތެރެއިން ބިޒްނަސް މޮޑެލްއެއް ގާއިމު ކުރާނަން. މިކަމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރާ އެއްޗަކަށް ދޫކޮށްލައިގެން މިކަން ވާކަށް ނެތް. އެއީ އަޅުގަނޑުމެންގެ ޒުވާން ކުދިން،" އަޒްލީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ކުދިން ވަކި ރަށަކަށް ލައިގެން ދަންނަ ކަމަށް ވެސް ނަހަދާ ނުތިބެވެނޭ ކަމަށާއި އެއީ އެތައް ބައެއްގެ ދަރިންނާއި އެތައް ދަރީންނެއްގެ ބަފައިން ކަމަށެވެ. އަދި އެފަދަ ކުދިންނަށް ގޮތެއް ހޯދައިދިނުމަކީ ގާސިމްގެ ވިސްނުންފުޅު ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.
"މިއީ ނޫންތޯ ބޭނުންވާ ކަމަކީ. ދެން އެތަނުން އަޅުގަނޑުމެން ބެސްޓް ޕްރެކްޓިސްގަ ދޭންޖެހޭ ސީދާ ޓްރީޓްމެންޓް ބޭހުގެ ޒަރިއްޔާއިން ދޭންޖެހޭ ޓްރީޓްމެން ވެސް ދެވޭނެ. ކައުންސެލިން ޒަރިއްޔާއިން ދޭންޖެހޭ ޓްރީޓްމެންޓް އޭގެން ވެސް ދެވޭނެ. އޭގެ ތެރެއިން ވަރުގަދަ ވެގެން ކޮންފިޑެންސް އާލާ ވެގެން ނުކުންނަ ކުދިން އަމިއްލަ ދިރިއުޅުން ފައްޓައިގެން ނުކުމެވޭނެ ފުރިހަމަ ކްލީން، ދީންވެރި ކުދިންގެ ގޮތުގައި ބައްޓަން ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު،" އަޒްލީން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ގިނަ ޒުވާނުންތަކެއް ޖެހި މަގުމަތިވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާ އިރު ރާއްޖޭގައި ފަރުވާގެ ނިޒާމް ވެސް އޮތީ ފެއިލްވެފައި ކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. އަދި މި މައްސަލައިގައި އަމިއްލަ ޖަމްއިއްޔާ އަކުން ޕެޓިޝަނެއް ތައްޔާރު ކޮށް މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ވެސް ހުށަހެޅިއެވެ.
އެންޑީއޭ ގެ ބޯޑުގެ ޗެއާމަން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް މީގެ ކުރިން ވިދާޅުވިގޮތުގައި ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ. އަދި ބާކީ އޮތް 95 ޕަސެންޓަކީ އޭގެ ވޭން ތަހައްމަލް ކުރަމުން އަންނަ މީހުންނެވެ.