ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ޚިޔާނާތުގެ މައްސަލަ އާއި އެއާ މޯލްޑިވްސްގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށް، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށް ވާ އެފްޕީއައިޑީގެ ޚިޔާނާތުގެ މައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
އެފްޕީއައިޑީގެ ޚިޔާނާތް ހިނގާފައި ވަނީ ނުވަދިހައިގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. އެފްޕީއައިޑީއަކީ އޭރު އެސްޓީއޯގެ ދަށުން ހިންގަމުން ދިޔަ މަހުގެ ވިޔަފާރި ކުރާ ކުންފުންޏެވެ. އެކުންފުނިން ކުރީ ރާއްޖޭގެ މަސް ބޭރަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތެވެ.
އޭރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުންނެވީ ކުރީގެ ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް އެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ލިބުނު ފައިސާ އާއި ކުންފުނީގެ އެކި ކަންކަމަށް ޚިޔާނާތްވެފައިވާ ފައިސާގެ އަދަދު 100 މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ ކަމަށް އޭރު މަޖިލީހުގެ ކޮމެޓީއަކަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ލަފާކުރެވެ އެވެ. އެމައްސަލާގައި އިންކުއަރީ ކޮމިޝަނެއް ހަދައި މައްސަލަ ތަހުގީގު ކުރި ނަމަވެސް ވަކި ހިސާބަކުން ރިޕޯޓު އޮތީ ހުއްޓިފަ އެވެ. އެ ރިޕޯޓު އާންމެއް ނުކުރެ އެވެ.
އެމައްސަލައިގެ އިތުރުން އެއާ މޯލްޑިްވސްގެ ކޮރަޕްޝަން މައްސަލަ ވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ ކަމަށް އަޒްލީން މިއަދު ވިދާޅުވި އެވެ.
އެއާ މޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލާގައި 2007 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އަދި މިހާރު މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ލިބިފައިވާ އޮޑިޓް ރިޕޯޓްތަކާއި ގާނޫނީ ލަފާތަކަށް ބަލާއިރު އެއްވެސް ފަރާތެއްގެ ޚިޔާނާތެއް ނުވަތަ ނުރަނގަޅު ކަންތައްތަކެއް ކުންފުނީގައި ހިންގާފައިވާކަން އެނގޭކަށް ނެތް ކަމަށެވެ.
ނަމަވެސް އެމައްސަލާގައި ވެސް ބޭރު ބައެއްގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ޑިރެކްޓަރުން ޒިންމާވާން ޖެހޭ ނުބަލާ ކަންތައްތަކެއް ހުރި ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލަ ބަލައި ނިންމުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ ޚާއްސަ ޓީމެއް ވެސް އޭރު އެކުލަވާލައިފަ އެވެ.
އެއާމޯލްޑިވްސްގެ ޚިޔާނާތުގެ ފައިސާގެ އަދަދު 4.7 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.