މިދިޔަ އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި، އެ މައްސަލަތަކުގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
އެ މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި އެ މައްސަލާގައި ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުތައްކޮށް ފާޑުކިޔާފައިވެއެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމާއެކު ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ވައިބާ އެކައުންޓް ރިކަވާކޮށް، އެ އެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެ އެކައުންޓް ގެނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 10،100 ރުފިޔާ، އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 5،600 ރުފިޔާ، ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލާގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުންކުރި އެއް ބޭންކު އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކު އެކައުންޓް ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލްއާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ވަނީ ތަހުގީގަށް ފާހަގަކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން މިކަމުގައި ފާހަގަކުރެވިއްޖެނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމްއިން ތަހުގީގުކުރަމުންނެވެ. އަދި އެ މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ފެތުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.