ގައުމުގެ އާންމު ރައުޔު ބައްޓަން ކުރާނީ ނޫސްވެރިޔާގެ ގަލަމުން ފަވާ ތަސްވީރުން: އެމްއެމްސީގެ ރައީސް

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2016 ދިނުމުގެ ރަސްމިއްޔާތުގައި އެ އިދާރާގެ ރައީސް އަބްދުލް މުއީދު ހަސަން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ގައުމުގެ އާންމު ރައުޔު ބައްޓަން ކުރާނީ ނޫސްވެރިޔާގެ ގަލަމުން ފަވާ ތަސްވީރުން ކަމަށާއި ނޫސްވެރިންނަކީ މުޖަތަމުގެ ހަގީގަތް ހާމަކޮށްދޭ އެންމެ އަލިގަދަ ދަންމަރު ކަަމަށް މޯލްޑިވްސް މީޑީޔާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވެއްޖެއެވެ.

އެމްއެމްސީގެ ރައީސް އެހެން ވިދާޅުވީ، ރޭ ބޭއްވި ފަސްވަނަ އެމްއެމްސީ އެވޯޑް ނައިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއީދު ވިދާޅުވީ މިއަދުގެ މުޖްތަމައުގައި ހެޔޮ ހަބަރު، ތެދުވެރިކަން މަތީ ގެނެސްދިނުމުގެ ޒިންމާ އެޅިފައިވާ ބަޔަކީ ނޫސްވެރިން ކަމަށާއި އެހެން ކަމުން ގާނޫނާއި ގަވައިދު ތަންދޭ އެންމެ ފުޅާ މިނެއްގައި ނޫސްވެރިން ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

" ނަބިއްޔު މި ނަންފުޅާއި އަރަބި ބަހުން ހަބަރައް ކިޔާ 'ނަބައު' މިއީ އެއް މަސްދަަރަކުން އުފެދޭ ދެ ލަފްޒު. އެއީ އެއް ގަހެއްގައި އަޅާ ދެ މޭވާ، ނަބީ ބޭކަލުން އިންސާނިއްޔަތަށް ގެނެސްދެއްވާފައިވަނީ އެންމެ ހެޔޮ އެންމެ ތެދު ހަބަރު. މިއަދު މި މުޖްތަމައުގައި ހެޔޮ އަދި ތެދު ހަބަރު ފެތުރުމުގެ ޒިންމާ އުފުއްލަވަން ތިއްބެވީ ނޫސްވެރިން،" މުއީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު އެމްއެމްސީގެ ރައީސްގެ މަގާމަށް އިންތިހާބުވި، އެ އިދާރާގެ ހަވަނަ ރައީސް ވިދާޅުވީ ނޫސްވެރިޔާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ މޯޓަރު ކަަމަށާއި ގައުމީ ސަގާފީ ވިއުގަ ގަތައިދޭ ހީވާގި ހިނގަހައްޔަކީ ނޫސްވެރިޔާގެ ފެންވަރު ކަމަށެވެ. އަދި ވިދާޅުވީ މުޖްތަމައުގެ އަގުތަކުގެ ފުރޮޅު އަނބުރައިދޭ މޮޅު ހަކަތައަކީ ނޫސްވެރިއާގެ ފަންވަރު ކަމަށެވެ.

އެމްއެމްސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެއިދާރާއިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނު ތަންދޭ މިންވަރަކުން ނޫސްވެރިންނަށް ވީހާވެސް ފުޅާ މިނެއްގައި ހަބަރު ފެތުމުގެ މިނިވަންކަން ހޯދައިދޭން ކަމަށެވެ. އަދި އެ ވިސްނުމުގައި އެ އިދާރާގެ އޮނިގަނޑު އިސްލާހުކޮށް އުސޫލު ތަކެއް ފަރުމާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރި ކަމުގެ އިނާމް ދިނުމުގެ ހަފްލާގައި ވަނީ 9 ދާއިރާކުން ނޫސްވެރިންނަށް އިނާމް ދީފައެވެ. މި އަހަރު އެމްއެމްސީއިން ވަނީ އިނާމް ދޭނެ ގޮތުގެ ދާއިމީ ގަވައިދެއް އެކުލަވާލައި އެ ގަވައިދު އާންމުކޮށްފައެވެ.

comment ކޮމެންޓް