ދަގަނޑޭއާއި އަސައްކޮ އަނިޔާގައި، ގައުމީ ކޯޗަށް ބޮޑު ޗެލެންޖެއް!

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖޭގެ ކެޕްޓަން ދަގަނޑޭ ލާއޯސްގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ދިވެހި ފުޓްބޯޅައިގައި އަނެއްކާވެސް ވަރަށް ބޮޑު ދުވަހެކެވެ. އެއީ ހަމައެކަނި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް އެކަންޏެއް ނޫނެވެ. ހުރިހާ ދިވެހިންނަށް ވެސް މިއަދަކީ ބޮޑު ދުވަހެކެވެ. މިއަދަކީ ދިވެހި ފުޓްބޯޅައިގައި ދިރުމެއް ވާކަން ދެއްކުމަށް ރަނގަޅު ދުވަހަކަށް ވާނެއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިރޭ އަމިއްލަ ފަސްގަނޑުގައި، ވަރުގަދަ އޮމާންއާ ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ.

މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް ނުކުންނައިރު، ރާއްޖޭގެ އުންމީދު އަލީ އަޝްފާގު (ދަގަނޑޭ)އަށް ނުކުޅެވޭނެއެވެ. އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ގައުމީ ކޯޗު ޑެރަން ސްޓެވާޓް ވަނީ އޭނާ ބޭނުން ނުކުރަން ނިންމައިފައެވެ. އޭގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު ފޯވަޑް އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ.

ރާއްޖޭގެ ތަޖުރިބާކާރު ފޯވަޑް އަސަދުﷲ އަބްދުﷲ އަސައްކޮ ވެސް ހުރީ އަނިޔާގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ޓީމަށް ރަނގަޅު ފިލާވަޅެއް!

މިރޭގެ މެޗަށް ގައުމީ ޓީމު ކުރިމަތިލާނީ ރަނގަޅު ފިލާވަޅަކާއެކުއެވެ. ކުރިން ދަގަނޑޭއަށް އަނިޔާވިޔަސް، އަސައްކޮ ޓީމުގައި ހުރެއެވެ. އަސައްކޮއަށް އަނިޔާވިޔަސް، ދަގަނޑޭ ޓީމުގައި ހުރެއެވެ. ނަމަވެސް މިހާރު ރާއްޖޭގެ ފޯވަޑް ލައިނުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ދެ ފޯވަޑުންނަށް މިވަނީ އަނިޔާގެ ސަބަބުން ކުޅެވޭގޮތް ނުވެފައެވެ.

ދަގަނޑޭއާއި އަސައްކޮއަށް އަނިޔާވުމުގެ ސަބަބުން ކޯޗު ސްޓެވާޓްއަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން މަޖުބޫރުވާނެއެވެ. ހަސަން ނާއިޒް (ދާދު) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ފަދަ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދުމަށް ގިނަ ވަގުތު ދޭން ކޯޗަށް މިވަނީ މަޖުބޫރުވެފައެވެ.

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ ބޮޑު ފައިދާއަކަށް ވާނެއެވެ. ހާއްސަކޮށް ނިމިގެންދިޔަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ޒުވާން ޓީމުތަކަށް ގޯސް ނަތީޖާތަކެއް ލިބި، ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސީނިއާ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަކީ ހުނަރުވެރި ކުޅުންތެރިންތަކެއްކަން ސާބިތުކޮށްދޭން މިއީ ރަނގަޅު ދަނޑިވަޅަކަށް ވާނެއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ރާއްޖޭގެ ޒުވާން ފޯވަޑް ނާއިޒް ހަސަން މަސައްކަތްކުރަނީ: އޮމާންއާ ދެކޮޅަށް ކުޅޭ މެޗުގައި ކޯޗު ސްޓެވާޓަށް ވަނީ ޒުވާން ކުޅުންތެރިން ބޭނުންކުރުމަށް މަޖުބޫރުވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަނިޔާގައި ހުރި ކަމަށްވިޔަސް، ދަގަނޑޭ ބޭނުންވަނީ މެޗުގައި ކުޅެން!

ދަގަނޑޭއަށް އަނިޔާއެއް ކުރިމަތިވެފައިވީ ނަމަވެސް، ދަގަނޑޭ ބޭނުންވަނީ މެޗުގައި ބައިވެރިވެ ދިވެހިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދިނުމަށެވެ. ހަގީގީ ލީޑަރުންގެ ސިފައަކީ ވެސް އެއީތާއެވެ. އޮމާންގައި ކުޅުނު މެޗުގައި ލިބުނު ހިތްދަތި ނަތީޖާއިން އަރައިގަތުމަށް ރާއްޖޭގައި ކުޅޭ މެޗުން ނަތީޖާއެއް ނެރެން ދަގަނޑޭ ވެސް ބޭނުންވެއެވެ.

"މިއީ އަޅުގަނޑުމެން އުންމީދު ކުރި ނަތީޖާއެއް ނޫން. އެހެން ނަމަވެސް ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާނަން، ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދެއްވާ ތަރުހީބަށް،" ކޮލިފައިންގައި މިދިޔަ މަހުގެ ކުރީކޮޅު އޮމާން އަތުން 5-0 ލަނޑުގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ދަގަނޑޭ ބުނެފައިވެއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11: އަމިއްލަ ދަނޑުގައި މިރޭ އޮމާންއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭގެ މެޗުގައި ކުޅެން ދަގަނޑޭ ކިތަންމެ ބޭނުންވި ނަމަވެސް، ބޮޑު އަނިޔާއެއް ވެގެން އޭނާގެ ކެރިޔަރު ނިންމާލަން ޖެހިދާނެ ކަމުގެ ބިރު އޮވެދާނެ ކަމަށް ބަލައި، ގައުމީ ކޯޗު ސްޓެވާޓް އޭނާ ލައްވާ ކުޅުވާކަށް ބޭނުމެއް ނުވެއެވެ. ދަގަނޑޭ ބޭނުން ނުކުރަން ކޯޗު ނިންމީ ވެސް ގައުމީ ޓީމުގެ މެޑިކަލް އޮފިޝަލުންގެ ވެސް ލަފާގެ މަތިންނެވެ.

"ދަގަނޑޭ ކުޅެން ބޭނުންވޭ، އޭނާ ހުރީ ކުޅެން ވަރަށް ބޭނުންވެފަ. ޕްރެކްޓިހަށް ވެސް ނުކުތް. ނަމަވެސް އަހަރެން އޭނާ ދަނޑުން ފޮނުވާލީ. އަހަރެން ބޭނުމެއް ނުވޭ އަހަރެންނާ ހެދި ދަގަނޑޭގެ ކެރިއަރު ނިމޭކަށް،" ސްޓެވާޓް ބުންޏެވެ.

ދަގަނޑޭ ގައުމީ ޓީމާ ގުޅިފައިވަނީ ވެސް ގިނަ ދުވަސްތަކަކަށްފަހު އަނިޔާގައި ހުރުމަށްފަހުއެވެ. މިދިޔަ އަހަރު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ކުރި އޮޕަރޭޝަނަށްފަހު ކުޅުމުގެ ތެރެއިން ދެން ފެނިގެންދިޔައީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށުމާއެކުއެވެ. މިއަހަރު ދަގަނޑޭ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ވެސް އޮމާނާ ދެކޮޅަށް މިދިޔަ މަހު ރަށުން ބޭރުގައި ކުޅުނު މެޗެވެ.

އައްމަޑޭ ވެސް އަނިޔާގައި، އީސަ ކުށްވެރިވެފައި!

އަސައްކޮއާއެކު މިއަހަރު އެންމެ ނުރައްކާތެރި ދިވެހި ފޯވަޑުންގެ ތެރޭގައި ހިމެނޭ އެއް ފޯވަޑަކީ ކްލަބު ގްރީން ސްޓްރީޓްސްގެ އަހްމަދު ރަޝީދު (އައްމަޑޭ)އެވެ. އައްމަޑޭގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެން އެންމެ އަވަހަށް ވެސް އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ މިރޭގެ މެޗަށްފަހުއެވެ. އޭގެ ކުރިން އޭނާ އެންމެ ފުރިހަމައަށް ފިޓެއް ނުވާނެއެވެ.

އޮމާން މެޗަށް ގައުމީ ޓީމު ކުރިއަށް ގެންދިޔަ ފަރިތަކުރުމެއް ނުނިމެނީސް، ކޮންމެވެސް ސަބަބަކާ ހުރެ ފަރިތަކުރުމުގެ ސެޝަން ދޫކޮށް ދިޔަ ފަހުން ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ)ގެ ހަބަރެއް ނުވެއެވެ. ކަންތައް ވީ ގޮތް އީސަ ހާމަކޮށްފައިނުވާ އިރު، ކޯޗު ސްޓެވާޓް ވެސް ބުނަނީ އީސަ ކައިރިން އޭގެ ޖަވާބު ހޯދުމަށެވެ. ގައުމީ ޓީމުގެ ފަރިތަކުރުން ދޫކޮށްލުމަށްފަހު، އީސަ ދެން ފެނިގެންދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރިތަކުރުންތަކުންނެވެ.

އިސްމާއިލް އީސަ (މ) ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާއެކު: ގައުމީ ޓީމަށް ދެން އީސަ ނުނަގާނެ ކަމަށް ކޯޗު ސްޓެވާޓް ވަނީ ބުނެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ގައުމީ ޓީމުން ވަކިވާން ނިންމީ މާ ބޮޑު މައްސަލަތަކެއް އޮވެގެނެއް ނޫން. އަމިއްލަ ސަބަބަކާ ހުރެ މި ވަގުތަށް ނިންމީ ގައުމީ ޓީމަށް ނުދާން. މި ވަގުތު އަޅުގަނޑަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ގައުމީ ޓީމާ ދުރަށް ޖެހިލުން ކަމަށް އަޅުގަނޑަށް ފެންނަނީ، އެހެންވެ ޓީމު ދޫކޮށްލީ،" އެ މައްސަލައަށްފަހު އީސަ ބުންޏެވެ.

ކޮންމެ ކަމެއް ހިނގި ނަމަވެސް، އީސައާ ދެމެދު ހިނގީ ބޮޑު މައްސަލައެއްކަން ކޯޗު ސްޓެވާޓްގެ ވާހަކަތަކުން އެނގެއެވެ. ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ސްޓެވާޓް ހުރިހާ ދުވަހަކު ޓީމަށް އީސަ ނުނަގާނެ ކަމަށް ވެސް ގައުމީ ކޯޗު ބުނެފައިވެއެވެ.

"މެސީ ގައުމީ ޓީމުން ވަކިވާން ނިންމި ސަބަބު އޭނާ ކައިރީ އަހާލުން ރަނގަޅު. އެކަމަކު އަހަރެންގެ ކޯޗު ކަމުގައެއް ދެން އޭނާއަށް ގައުމީ ޓީމުން ފުރުސަތެއް ނުދޭނަން،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްޓެވާޓް ބުންޏެވެ.

ސީނިއާ ކުޅުންތެރިންތަކެއް ނުލައި ސްޓެވާޓަށް ނަތީޖާ ނެރެވިދާނެތަ؟

މޮޅު ކޯޗެއްނަމަ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްގެން ނަތީޖާ ނެރޭނެއެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮވެއްޖެނަމަ، ހުރިހާ އުކުޅެއް ބޭނުންކޮށްގެން ވިޔަސް، ނަތީޖާ ނެރެން މަސައްކަތް ކުރާނެއެވެ. މިހާރު ގައުމީ ކޯޗު ސްޓެވާޓަށް ވަނީ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އޭނާއަށް ވެސް މިރޭގެ މެޗަކީ ކަންތައްތަކެއް ސާބިތު ކޮށްދިނުމަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް: މިރޭ އޮމާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، ރާއްޖޭގެ ކޯޗަށް ވަނީ ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ނަތީޖާތައް ރަނގަޅު ނުވެއްޖިއްޔާ އެންމެ ފުރަތަމަ ގެއްލޭނީ އަހަރެންގެ ވަޒީފާ. އަހަރެންގެ ހަޔާތުގައި ގިނަ ގޯސްތަކެއް ކޯޗެއްގެ ގޮތުގައި ހެދިފައި އެބަހުރި. އަހަރެން އަބަދުވެސް ނުކުންނަނީ އެކަކަން ރަނގަޅުކުރަން،" ސްޓެވާޓް ބުންޏެވެ.

ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ނަމަވެސް، ރާއްޖެއިން ހޯދަން ޖެހެއެވެ. ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގެ ކުރިން އުންމީދެއް އާކުރަން ޖެހެއެވެ. އަންނަ އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން ވަނަ ހޯދިދާނެކަން ސާބިތު ކޮށްދޭން ޖެހެއެވެ. ކޯޗު ސްޓެވާޓަށް ކުރިމަތިވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށް މޮޅެތި އުކުޅުތަކެއް މިރޭ އޭނާ ބޭނުންކުރަން އެބަޖެހެއެވެ.

comment ކޮމެންޓް