ބަޔާންގެ ކޯޗުކަމަށް އެންމެ ރަނގަޅު ކެނޑިޑޭޓަކީ އެންރީކޭ: ގާޑިއޯލާ

އެންރީކޭ(ކ) އަދި ގާޑިއޯލާ(ވ) --

ބަޔާން މިއުނިކަށް ކާމިޔާބީ ހޯދައި ދިނުމަށް މިވަގުތު ހުރި އެންމެ ރަނގަޅު ކޯޗަކީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބަޔާންގެ ކޯޗުކަމުގެ މަގާމުން ކާލޯ އެންޗެލޯޓީ ވަކި ކުރުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް ހަމަޖައްސަން ބަޔާނުން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ތެރޭގައި އެންރީކޭ ހިމެނެއެވެ. އޭނާގެ އިތުރުން ދެން ހިމެނެނީ މީގެ ކުރިން ވެސް ބަޔާނަށް ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު ލުއިސް ވެން ހާލް އަދި ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްއެވެ.

ކޯޗެއްގެ ގޮތުގައި ބަޔާންގައި ކާމިޔާބު ތިންް އަހަރު ހޭދަކޮށްފައިވާ ގާޑިއޯލާ ބުނީ އެ ޓީމަށް މިވަގުތު ބޭނުންވަނީ ޔޫރަޕުގައި އެ މީހުންގެ ބާރު ހިފަހައްޓައި ކާމިޔާބީ ޔަގީން ކޮށްދޭނެ ކޯޗެއް ކަމަށާއި އެންރީކޭގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ބަޔާނަށް މިހާރު އެންމެ ރަނގަޅު ކޯޗަކީ އެންރީކޭ. އެއީ މި ވަގުތު އެ ޓީމަށް ބޭނުންވަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ބޮޑު ޓީމެއް ގޮވައިގެން ފެންވަރު ސާބިތުކޮށްދީފައިވާ ކޯޗެއް. އެންރީކޭ ވަނީ ބާސެލޯނާގައި އެކަން ސާބިތުކޮށްދީފައި. ބަޔާނުގައި ވެސް އޭނާއަށް އެކަން ތަކުރާރު ކުރެވޭނެ،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ހަފްތާގައި ބަޔާންގެ ކޯޗު ކަމުން އަންޗެލޮޓީ ވަކިކުރި ފަހުން އެ ޓީމު ކުޅުނު މެޗުގައި އިރުޝާދު ދީފައި ވަނީ އެސިސްޓަންޓް ކޯޗު ވިލީ ސަންޔޯލްއެވެ. ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު އެ މެޗުން 2-2 ލަނޑުގެ ނަތީޖާއަކުން ބަޔާން ވަނީ އެއްވަރުވެފައެވެ.

ބާސާގެ ކޯޗު ކަމާ 2014 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އެންރީކޭ ވަނީ އިޓަލީގެ ރޯމާއާއި ސްޕެއިންގެ ސެލްޓަ ވިގޯއަށް އިރުޝާދު ދީފައެވެ.

comment ކޮމެންޓް