ބާސާއިން ބުނީ، ސަޕޯޓަރުން ނުލައި މެޗުކުޅުނީ އަނިޔާވެރިކަމާ ދެކޮޅު ހެދުމަށް ކަމަށް!

ބާސެލޯނާ ފުޓްބޯޅަ ކްލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު -- ފޮޓޯ: ގެޓީ

މިދިޔަ އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި ލަސް ޕާލްމާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސެލޯނާ ވާދަކުރި މެޗު ކުޅެފައި ވަނީ، ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. އެގޮތަށް މެޗު ކުޅެން ހަމަޖެއްސީ ބާސެލޯނާ އެ ސަރަހައްދަކަށް ބާސާ ނިސްބަތްވާ، ސްޕެންގެ ކެތަލޯނިއާ ރައްޔިތުން މިނިވަންކަމަށް ކުރާ އިހްތިޖާޖުތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އޭރު ޚަބަރުތައް އިވުނެވެ.

އެހެން ނަމަވެސް، ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ވިދާޅުވީ، ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުކުޅެން ބާސާއިން ނިންމީ ސަލާމަތީ ސަބަބުތަކައްޓަކައި ނޫންކަމަށާއި އެގޮތަށް ހަމަޖެއްސީ، ސްޕޭންގެ ފުލުހުން ކެތަލޯނިއާގެ ރައްޔިތުންނާ މެދު ގެންގުޅެމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ބާޓޮމެއު ވިދާޅުވީ، ކްލަބުން ފުރަތަމަ މަސައްކަތްކުރީ މެޗު ނުކުޅެން ކަމަށާއި އެހެން ނަމަވެސް، 99،000 މީހުންގެ ޖާގައިގެ ދަނޑު ހުސްކޮށް ބާއްވައިގެން މެޗު ކުޅެން ފަހުން ކްލަބުން ނިންމީ ކަމަށެވެ. އެމެޗުން ބާސާ ވަނީ، 3-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.

"އެއީކީ ސަލަމަތީ ސަބަބުތަކަށްޓަކައި ކުރި ކަމެއް ނޫން. ސަލާމަތީ ކަންކަން މިތަނުގައި ހަމަ ކަށަވަރު ވެފައި އޮތީ. އެގޮތަށް ކަންތައް ކުރަން ޖެހުނީ، ޚާއްސަ ހާލަތެއް މެދުވެރިވެފައި އޮތުމުން،" ބާސާގެ ރައީސް ވިދާޅުވިއެވެ.

"މެޗު ނުކުޅެ ދޫކޮށްލުމުގެ ބަދަލުގައި އަހަރެމެން އެންމެން ނިންމީ މެޗު ކުޅެން، އެހެން ނަމަވެސް ތަފާތުގޮތަކަށް، އެއީ ސްޓޭޑިއަމް ބަންދުކޮށްގެން ކުޅެން.

"މިއަދު ފުޓްބޯޅަ މެޗެއް ކުޅެފި، އެހެންނަމަވެސް އެއީ އާންމު ހާލަތެއް އޮވެގެނެއް ނޫން."

ބާސާއިން އެ މެޗު ނުކުޅުނު ނަމަ، ލަ ލީގާއިން އެޓީމާ މެދު ފިޔަވަޅު އަޅާނެއެވެ. އަދި ލަސް ޕަލްމާސްއަށް މެޗު ދޫކޮށްލުމުގެ ކުށުގައި އެޓީމުން ތިން ޕޮއިންޓް އުނިކުރާނެވެ.

"ލަ ލީގާއިން މެޗު ކެންސަލްކުރަން، ނުވަތަ އެހެން ދުވަހަކަށް މެޗު ފަސްކުރަންވެސް އެއްބަހެއް ނުވި... މާނައަކީ ބާސާއަށް ހަ ޕޮއިންޓު ގެއްލޭނެއޭ،" ބާޓޮމެއު ވިދާޅުވިއެވެ.

"އަހަރެމެން ކްލަބުގެ ޑައިރެކްޓަރުންނާއި މެނޭޖްމަންޓާ މަޝްވަރާކޮށް އެންމެ ފަހުން ނިންމީ މެޗު ކުޅެން."

އޭނާ ވިދާޅުވީ، ސްޓޭޑިއަމް ބަންދުކޮށްގެން މެޗު ކުޅެން ނިންމުމުން، އެމީހުންގެ ވާދަވެރީންނަށް ވެސް ކަންކަން ހިނގަމުންދާގޮތް އެނގޭނޭ ކަމަށެވެ.

ކެތަލޯނިއާއަށް ނިސްބަތްވާ ކްލަބުތަކުގެ ސަޕޯޓަރުން އެ ކެތަލަން ދިދަ ހިފައިގެން -- ފޮޓޯ: ގެޓީ

ބާސާއިން ވަނީ، ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ކެތަލޯނިއާގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. އަދި ސްޕޭންގެ ފުލުހުން ކެތަލޯނިއާ ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ އަނިޔާވެރިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަހަރެމެންގެ ތާއީދު އޮތްވާހަކަ ދަންނަވަން،" ބާސާގެ ރައީސް އިތުރަށް ވިދާޅުވިއެވެ.

ކެތަލޯނިއާއަށް ނިސްބަތްވާ ލަ ލީގާ ޓީމުތަކުން (ބާސާ، އެސްޕަންޔޯލް، ނިރޯނާ) ވަނީ، މިހާރު އެ ސަރަހައްދުގައި ކުރިއަށްދާ މުޒާހަރާތަކުގައުި ބައިވެރިވުމަށް ވެސް ނިންމައިފައެވެ. އެގޮތުން، އެ ކްލަބުތަކުގައި ހިމެނޭ ސްޕޭންގެ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރީން ފިޔަވައި، ދެންތިބި މެންބަރުން މުޒާހަރާތަކާ ގުޅުމަށް ހަމަޖެހިފައިވާ ކަމަށް ބާސާއިން ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް