ހިތާދޫ ބަލިކޮށް، އައިލެންޑް ކަޕްގެ ޗެމްޕިއަންކަން މާލޭ ސިޓީން ހޯދައިފި

އައިލެންޑް ކަޕް 2017ގެ ޗެމްޕިއަން މާލޭ ސިޓީ: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 ލަނޑުގެ ނަތީޖާއަކުން ބ. ހިތާދޫ ބަލިކޮށްގެން ---

ރައިޒިން ސްޓާސް ފޯ ވިލުފުށީ ރެކްރިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އެޗްއޭއެފް އައިލެންޑް ކަޕް 2017ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބ. ހިތާދޫ ބަލިކޮށް، މާލޭ ސިޓީން ޗެމްޕިއަންކަން ހޯދައިފި އެވެ.

މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލްގައި ހިތާދޫގެ މައްޗަށް މާލޭ ސިޓީ ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ހިތާދޫ ކޮޅަށް މާލޭ ސިޓީގެ ލަނޑު ޖަހައިދިނީ ރިހާމް އަބްދުލްޤަނީ (ބޮބީ) އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ބޮބީ އެވެ. މިއަހަރުގެ އައިލެންޑް ކަޕްގެ ޗެމްޕިއަން މާލޭ ސިޓީއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 35000 ރުފިޔާ ދީފައިވެ އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހިތާދޫގެ ހުޒައިފަތު ރަޝީދާއި އެ ޓީމުގެ ހުޝާމް އިބްރާހީމާއި ތ. ތިމަރަފުށީގެ އަބްދުﷲ ޒިޔާނާއި ހިތާދޫގެ ރާމިޒް އަބްދުލް ވައްހާބު އަދި މާލޭ ސިޓީގެ އަހްމަދު މުބީން (މުއްކި) އެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ރ. އިނގުރައިދޫގެ އަހްމަދު އައިހަމް ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާލޭ ސިޓީގެ ބޮބީ އެވެ.

އެންމެ އުންމީދީ ކުޅުންތެރިޔަކަށް އިނގުރައިދޫގެ އައިހަމް ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ އިބްރާހިމް ސިނާހު އެވެ. އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ދ. ކުޑަހުވަދޫ ހޮވުނު އިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ކ. ގުޅި އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިތާދޫގެ ކޯޗެވެ.

comment ކޮމެންޓް