ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް ލ. ގަމުން ކާމިޔާބުކޮށްފިއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތް ފެށީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތަކަށްފަހު ކުޅުނު ޗެރިޓީ ޝީލްޑް މެޗާއެކުއެވެ. އެ މެޗުގައި 2022 ވަނަ އަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށް، ޝީލްޑް ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމެވެ.
ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ދެ ޓީމުން ވެސް ފެނުނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފި ތަނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ގަމުންނެވެ. ގަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ނާޝިދު (ނާއްޓޯ) އެވެ.
ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އާދަމް ނާސިހުގެ ގޯލުން ތިމަރަފުށިން އެއްވަރުކުރި ނަމަވެސް، މާ ގިނައިރުތަކެއް ނުވެ ގަމުން އަލުން ލީޑު ހޯދިއެވެ. ގަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ތަފާތު ދައްކަމުންދިޔަ އަހުމަދު ހަލީމް (އައްމަޑޭ)އެވެ. އެ ގޯލަށްފަހު ވެސް އޭނާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އެ ހަމަލާ އަމާޒުވީ ތިމަރަފުށީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފަހުކޮޅު ހޫނުވެގެން ގޮސްފައިވާ އިރު، ތިމަރަފުށިން ދިޔައީ ރެފްރީއަށް ޝަކުވާތަކެއް ވެސް ކުރަމުންނެވެ. އެ ޝަކުވާތަކާއެކު ތިމަރަފުއްޓަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް މުނީޒެވެ. ނަމަވެސް މެޗު ނިމެނިކޮށް، ގަމަށް ޝީލްޑް ކަށަވަރުކޮށްދިން ގޯލު ޖަހައިދިނީ އައްމަޑޭއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާނެއެވެ. އެ މުބާރާތުުގައި ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އަތޮޅު ބުރެވެ. އެއަށްފަހު ޒޯން ބުރު ކުޅެ, ފައިނަލް ބުރުގެ ކުޅުން ކުރިއަށްދާނެއެވެ.