އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ލ. ގަން ބަލިކޮށް، ބ. އޭދަފުށިން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ، ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި 4-2ގެ ނަތީޖާއަކުން ގަން ބަލިކޮށްގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފު ވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ގަމުން ހާފުގެ ކުރީކޮޅު ޕްރެޝަރަށް ވައްޓާލައި، ކައިރިކައިރީގައި އޭދަފުށިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. އޭދަފުއްޓަށް ފުރަތަމަ ގޯލު އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން އިރު، އޭގެ މާގިނައިރުތަކެއް ނުވަނީސް އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރެވެ.
ގަމުން ޕްރެޝަރުން އަރައިގަތުމަށް މަސައްކަތްތަކެއްކޮށް، ގިނަ އިރުތަކެއް ނުވަނީސް ވަނީ ފަރަގު ކުޑަކޮށްފައެވެ. ގަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭނޭ) އެވެ. އެ ގޯލަށް ފަހު ނަތީޖާ ހަމަހަމަކުރުމަށް ގަމުން މަސައްކަތްތަކެއް ކުރި ނަމަވެސް، ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ގަމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އޭދަފުށީގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. އެގޮތުން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އަށެވެ.
އޭދަފުށިން ޑިފެންސަށް ވިސްނައިގެން ކުޅުމަށް ގަމަށް ގޯލު ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އަނެއްކޮޅުން އޭދަފުށިން ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. އޭދަފުށީގެ ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) އެވެ.
ގަމުން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، އޭދަފުށިން ވަނީ ހިލޭ ޖެހުމަކުން ލީޑު ފުޅާކޮށްފައެވެ. ފޮނުވާލި ބާރު ހަމަލާއަކުން އޭދަފުއްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗު ނިމެނިކޮށް ދެ ޓީމުގެ ގޯލެއް ވެސް ފެނިގެންދިޔައެވެ. އެގޮތުން އޭދަފުށީގެ ހަ ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީން ގަމުގެ ދެވަނަ ގޯލު އަހުމަދު ހަލީމް (އަންމަޑޭ) ކާމިޔާބުކޮށްދިން އިރު، އޭގެ ދިހަ ސިކުންތުގެ ތެރޭގައި އޭދަފުށީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ސެންޓޭއެވެ.
އެ މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އޭގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެ ވުޒާރާގެ އިސް ބޭފުޅުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ގަމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އެޓީމުގެ އަލީ ޝާމިސް (ތޮއްޕެ) އާއި އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އެޓީމުގެ ހައިޝަމް ހަސަން (ބިޑި) އަދި ކ. ގާފަރުގެ އަލީ މާއިސް (މައްޓު) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހުއެވެ.
މިފަހަރުގެ މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓް ނުވަތަ ފުޓްސަލްގެ ރަސްގެފާނަށް ހޮވިފައިވަނީ އޭދަފުށީގެ ސައްޓުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އޭނާއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ގަމުގެ ކޯޗު އިސްމާއިލް ޝަރީފް ހޮވުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އއ. މަތިވެރީގެ 18 އަހަރުގެ ކުޅުންތެރިޔާ އަލީ އަލްސަންއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ފ. ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީއެވެ. އޭނާ ވަނީ ޖުމުލަ 18 ގޯލު ޖަހައިފައެވެ.