ފެލްކަން ޔުނައިޓެޑުން ޗެމްޕިއަންކަން ނެގުމުގެ ފުރުސަތު ފަހިކޮށްފި

ދަރަވަންދޫ ފުޓްސަލް --

ފަހަތުން އަރައި ސުޕާ ކިންގްސް ބަލިކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމަށް އޮތް ފުރުސަތު ފެލްކަން ޔުނައިޓެޑުން އިތުރަށް ފުޅާކޮށްފިއެވެ.

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލް މެޗުގައި ރޭ ސުޕާ ކިންގްސް އާ ބައްދަލުކުރި މެޗު އެންމެ ފަހުގެ ޗެމްޕިއަން ފެލްކަންއިން ކާމިޔާބުކުރީ 2-1 ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސުޕާ ކިންގްސްއެވެ.

ފުރަތަމަ ހާފް ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް ސުޕާ ކިންގްސްއަށް ލީޑު ނަގައިދިނީ މުހައްމަދު ފާސިރު (ފާއްޓޭ)އެވެ. މި ލަނޑަކީ ސެންޓާ ސާކަލް ކައިރީގައި ހުރެ ޖެހި ބޯޅައަކުން ފާއްޓޭ ކާމިޔާބުކުރި ލަނޑެކެވެ.

ދަރަވަންދޫ ފުޓްސަލް --

މެޗުގެ ނަތީޖާ ފެލްކަން ޔުނައިޓެޑްއަށް ހަމަހަމަކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އިބްރާހިމް ސިމާޙް (ތަޑޭ)އެވެ. އަދި މެޗުން މޮޅުކޮށްދީ ފައިނަލްގެ ޖާގައެއް ފެލްކަންއަށް ޔަގީންކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ މުބާރާތުގެ އެންމެ ގިނަ ގޯލު މިހާތަނަށް ޖަހާފައިވާ ފެލްކަން ޓީމުގެ މުހައްމަދު ސިމާން (ޝިމަޅޭ)އެވެ. މިއީ މިމުބާރާތުގައި ޝިމަޅޭ ޖެހި 19 ވަނަ ލަނޑެވެ.

މި މެޗުގައި ސުޕާ ކިންގްސްގެ ގޯލް ކީޕަރު ސާމީ ބަޝީރުވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ސޭވްތަކެއް ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ފެލްކަންގެ ފުރަތަމަ ލަނޑު ޖަހައި މެޗުގައި މޮޅު ކުޅުމެއްދެކި ތަޑޭއެވެ.

މުބާރާތުގެ ފައިނަލްގައި ފެލްކަން މި ފަހަރު ވެސް ނިކުންނާނީ މިދިޔަ އަހަރުގެ ވެސް ފައިނަލްގައި ކުޅުނު ކިންގްސް ޔުނައިޓެޑް އާއި ދެކޮޅަށެވެ. ކިންގްސް ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ އެއްވަނަ ހޯދައިގެންނެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެ ރޭ 08:30 ގައެވެ.
ދަރަވަންދޫ ޒުވާނުންނަށް އަމާޒުކޮށް ކޮންމެ އަހަރަކު ވެސް ދަރަވަންދޫ ކައުންސިލުން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ދެވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ރަށު ކައުންސިލްގެ ފަރާތުން ވަނީ ދިނުމަށް ނިންމައިފައެވެ.

comment ކޮމެންޓް