ގުރައިދޫ ކަނބަލުންގެ ފުރަތަމަ ކުޅިވަރު މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ތ. ގުރައިދޫ ކަނބަލުންގެ ފުރަތަމަ ކުޅިވަރު މުބާރާތް 2017ގެ ބަށި މުބާރާތް ކާމިޔާބުކުރި ކަނބާ އައިސާ ---

ތ. ގުރައިދޫގެ އަންހެނުންނަށް ހާއްސަކޮށްގެން އެ ރަށުގައި ބޭއްވި "ތ. ގުރައިދޫ ކަނބަލުންގެ ފުރަތަމަ ކުޅިވަރު މުބާރާތް 2017" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކުޅިވަރު މުބާރާތް ނުވަތަ ކުޅިވަރު ފެސްޓިވަލްގައި ޖުމްލަ ދެ ކުޅިވަރެއް ކުރިއަށްދިޔައެވެ. އެއީ ވޮލީބޯޅަ މުބާރާތަކާއި ބަށި މުބާރާތެކެވެ.

ކޮންމެ ކުޅިވަރެއްގެ ވެސް ޗެމްޕިއަންކަން ހޯދި ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1500 ރުފިޔާ ދިނެވެ.

ވޮލީބޯޅަ މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރިއެވެ. އެއީ ކަނބާ އައިސާ، ދާއިން ކަނބާ، އާމިނާ ރަނި އަދި ރެހެންދިއެވެ. އެ މުބާރާތުގެ ފައިނަލުގައި ސީދާ ދެ ސެޓުން ރެހެންދި ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އާމިނާ ރަނިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އާމިނާ ރަނީގެ މަރިޔަމް ސުނައިދާއެވެ.

ވޮލީ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ދާއިން ކަނބާގެ އައިޝަތު ޝާހިނާ ހޮވުނުއިރު، 21 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އާމިނާ ރަނީގެ ފާތިމަތު ޝައިހާއެވެ.

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް އާމިނާ ރަނީގެ މަރިޔަމް ސުނައިދާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އާމިނާ ރަނީގެ ކޯޗު ފަރީޝާ އަބްދުއް ސައްތާރެވެ.

ވޮލީ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރެހެންދިގެ އާމިލާ އިބްރާހީމާއި އެ ޓީމުގެ ފާތިމަތު ޝީޒާއާއި ހަމަ އެ ޓީމުގެ ނަސްމާ ސައީދާއި އާމިނާ ރަނީގެ މަރިޔަމް މޫސާއާއި އެ ޓީމުގެ ޒައިނަބު އިބްރާހީމް އަދި ހަމަ އެ ޓީމުގެ ފާތިމަތު ޝަފާއެވެ.

ބަށި މުބާރާތުގައި ވެސް ހަތަރު ޓީމު ވާދަކުރިއެވެ. އެއީ ކަނބާ އައިސާ، ދާއިން ކަނބާ، އާމިނާ ރަނި އަދި ރެހެންދިއެވެ. އެ މުބާރާތުގެ ފައިނަލުގައި ހަތް ލަނޑުގެ ތަފާތަކުން އާމިނާ ރަނި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކަނބާ އައިސާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަނބާ އައިސާގެ ސައުދިއްޔާ އަލީއެވެ.

ބަށި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ކަނބާ އައިސާގެ ޝަމްހީދާ ހޮވުނުއިރު، އެންމެ މޮޅު ހިފުންތެރިޔަކަށް ހޮވުނީ ކަނބާ އައިސާގެ ސައުދިއްޔާ އަލީއެވެ. އެންމެ ގިނަ ފޯލި ޖެހި ކުޅުންތެރިޔަކަށް ކަނބާ އައިސާގެ ޝިއުނާ އިބްރާހިމް ހޮވުނުއިރު، ބަށި ރާނީއަކަށް ހޮވުނީ ކަނބާ އައިސާގެ ސައުދިއްޔާ އަލީއެވެ. އަދި އެންމެ ރީތިކޮށް ހެދުން އެޅި ޓީމަކަށް ހޮވުނީ ރެހެންދިއެވެ.

ބަށި މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރެހެންދިގެ ޖުވޭރިޔާ މުހައްމަދާއި އާމިނާ ރަނީގެ މަރިޔަމް މޫސާއާއި ކަނބާ އައިސާގެ ފާތިމަތު ފަތާނާއާއި އާމިނާ ރަނީގެ ޒައިނަބު އިބްރާހީމާއި ރެހެންދިގެ ނަސްމާ ސައީދާއި ދާއިން ކަނބާގެ ރީނާ އިސްމާއީލާއި ރެހެންދިގެ ނާޝިދާ ހުސައިންއާއި ދާއިން ކަނބާގެ އަނީސާ މުހައްމަދު އަދި ދާއިން ކަނބާގެ ފިރާޝާ އަބްދުއްރައްޒާގެވެ. އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކަނބާ އައިސާގެ ކޯޗު އިހުސާނާ މުހައްމަދެވެ.

ގުރައިދޫ ކަނބަލުންގެ ފުރަތަމަ ކުޅިވަރު މުބާރާތަކީ އެ ރަށުގެ އަންހެނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހި ކުރުމާއި، ކުޅުންތެރިން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމާއި، ކުޅިވަރުގެ ގަވާއިދާއި އުސޫލުތަކަށް ބޯލަނބަން ދަސްކޮށްދިނުމާއި އަހުލާގު ރަނގަޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި އެ ރަށުގައި ކުރިއަށް ގެންދެވުނު އެފަދަ ފުރަތަމަ މުބާރާތެވެ.

comment ކޮމެންޓް