އުނދަގޫ މޮޅަކާއެކު އެމްޓީސީސީ ފައިނަލަށް، ހުރައަށް ލޯ މެޑަލް

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގައި ކުލަބް އެމްޓީސީސީ އާއި ހުރާ ކޮމިއުނިޓީ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ވާދަވެރި މެޗަކަށްފަހު ތިން ސެޓު ދެ ސެޓުން ހުރާ ކޮމިއުނިޓީ ކުލަބް ބަލިކޮށް، ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލަށް ކުލަބް އެމްޓީސީސީ ގޮއްސިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް އެމްޓީސީސީން ކާމިޔާބުކޮށްފައިވަނީ 21-25، 25-20، 22-25، 26-24 އަދި 15-17 އިންނެވެ.

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގައި ކުލަބް އެމްޓީސީސީ އާއި ހުރާ ކޮމިއުނިޓީ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ވެގެންދިޔައީ އެންމެ ފަހު ސިކުންތާ ހަމައަށްވެސް ނޭވާ ހިފަހައްޓާލަން ޖެހުނު މެޗަކަށެވެ. މެޗަށްފަހު، މުބާރާތުގެ ތިންވަނައަށް ހޮވުނު ހުރާ ކޮމިއުނިޓީ ކުލަބަށް މެޑަލް ހަވާލުކޮށްފައިވެއެވެ.

މުބާރާތުގެ ފައިނަލްގައި އެމްޓީސީސީއާ ދެކޮޅަށް ނުކުންނާނީ މުބާރާތުގެ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކުރި ކުލަބް ވެމްކޯއެވެ.

ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުގެ ރޭ، 20:30 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް