ވޮލީ އެސޯސިއޭޝަނުގެ ނިންމުމަށް އިޙްތިރާމްކޮށް، ޤައުމީ މަޖިލީހުން ނިންމީ ސޮފްވާނާ ދެކޮޅަށް

ވީއޭއެމުން ސަސްޕެންޑުކުރި ކޯޗު ސޮފްވާން އަޙްމަދު--

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި ޤައުމީ ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަޤާމަށް އަލުން ޢިއާދަކޮށްދިނުމަށް އެދި ސޮފްވާން އަޙްމަދު ހުށަހެޅުއްވި ހުށަހެޅުމަށް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުން ނޫނެކޭ ބުނެފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކުޅިވަރުގެ ގައުމީ މަޖިލީހުން ވަނީ އެސޯސިއޭޝަނުގެ މެންބަރު ކްލަބުތަކުން އިއްތިފާޤުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރުމުގެ ބާރު އެ މަޖިލީހަށް ލިބިގެންނުވާ ކަމަށް ބުނެ ސޮފްވާނަށް ރައްދު ސިޓީއެއް ފޮނުވާފައެވެ.

ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ރައީސާ އައިޝަތު ސަމާހް ސޮއިކުރައްވައި ސޮފްވާނަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، 15 މާރިޗު 2026 ގައި ބޭއްވި ޖަލްސާއެއްގައި ވޮލީ އެސޯސިއޭޝަނުގެ މެންބަރު ކްލަބުތަކުން ވަނީ އިއްތިފާޤުން ނިންމުންތަކެއް ނިންމާފައެވެ. އެ ޖަލްސާގައި މެންބަރު ކްލަބުތަކުން ނިންމާފައިވަނީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުންނާއި ޤައުމީ ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަޤާމުން ސޮފްވާން ވަކިކުރުމަށާއި، މުޅި ޢުމުރަށް ވޮލީބޯޅައިގެ އެއްވެސް ޙަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށެވެ.

އެސޯސިއޭޝަނުގެ މެންބަރުންގެ އެ ނިންމުންތަކާ ޚިލާފަށް މަޤާމުތަކަށް އަލުން ޢިއާދަކޮށްނުދެވޭނެ ސަބަބު ސާފުކޮށްދެމުން އެ ސިޓީގައި ކުޅިވަރުގެ ގައުމީ މަޖިލީހުން ބުނެފައިވަނީ، އޮލިމްޕިކް ޗާޓަރާއި ބައިނަލްއަޤްވާމީ ކުޅިވަރު ފެޑެރޭޝަންތަކުގެ އަސާސީ ޤަވާޢިދުތަކާއި ކުޅިވަރުގެ މިނިވަންކަމުގެ އުޞޫލު ނުވަތަ "އޮޓޮނަމީ އޮފް ސްޕޯޓްސް" ގެ ދަށުން، އެފަދަ ނިންމުންތައް މުރާޖަޢާކުރުމުގެ ބާރު މަޖިލީހަށް ނޯންނަ ކަމަށެވެ.

"ކުޅިވަރު އެސޯސިއޭޝަންތަކުގެ މެމްބަރުކަމާއި މަގާމުތަކާ ގުޅޭ ނިންމުންތަކާއި އަޅާ ފިޔަވަޅުތަކަކީ އެ އެސޯސިއޭޝަނެއްގެ ހިންގާ ގަވާއިދުގެ ތެރެއިން އެ ފަރާތްތަކުން ޒިންމާދާރުކަމާއެކު ނިންމަންޖެހޭ ކަންކަމެވެ. އެހެންކަމުން، އެސޯސިއޭޝަނެއްގެ މިފަދަ ނިންމުންތައް މުރާޖައާކުރުމަކީ ނުވަތަ އެ ނިންމުމާ ޚިލާފަށް މީހަކު މަގާމަކަށް އިޢާދަކުރުމަކީ ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫނެވެ." ގައުމީ މަޖިލީހުގެ ސިޓީގައިވެއެވެ.

އެހެންކަމުން ސޮފްވާން ކުރިން ފުރުއްވި މަގާމުތަކަށް އަލުން އިއާދަކޮށްދިނުމަށް އެދި ހުށައެޅުއްވި ހުށައެޅުމަށް އިޖާބަދެވެން ނެތްކަމަށް ކުޅިވަރު ގައުމީ މަޖިލީހުގެ ސިޓީގައިވެއެވެ.

މީގެ އިތުރުން، ސޮފްވާންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ކުޅިވަރާބެހޭ ޤައުމީ މަޖިލީހުން ވަކި ތަޙުޤީޤެއް ހިންގާފައި ނުވާނެ ކަމަށާއި، އެ މައްސަލައާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"ތިޔަ ފަރާތުގެ (ސޮފްވާން) ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ކުޅިވަރާބެހޭ ޤައުމީ މަޖިލީހުން ވަކި ތަޙުޤީޤެއް ހިންގާފައި ނުވާނެ ކަމާއި، އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވާނެކަން ފާހަގަކުރަމެވެ،" މަޖިލީހުގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ސޮފްވާން އަޙްމަދާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ފެންމަތިވެ، ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން އޮކްޓޫބަރު 2025 ގައި އެސޯސިއޭޝަނުގެ އެތެރޭގެ ތަޙުޤީޤަކަށް ސޮފްވާން ސަސްޕެންޑުކޮށް، ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗުގެ ޒިންމާތަކުން ދުރުކޮށްފައިވެއެވެ. އަދި ޖަނަވަރީ 2026 ގައި، އަންހެން ކުޅުންތެރިއަކާ ގުޅޭ ޖިންސީ އަނިޔާގެ ތުހުމަތުތަކެއް ސޮފްވާންގެ މައްޗަށް ކުރެވި، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށްފައިވެއެވެ. ނަމަވެސް އޭގެފަހުން ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފައެވެ.

ކުޅިވަރު މަޖިލީހުގެ މި ސިޓީގައިމެންބަރު ކްލަބުތަކުން ނިންމި ނިންމުމަކީ ވޮލީބޯޅައިގެ ދާއިރާއިން އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށާއި، އެ ނިންމުމުގެ ތެރެއަށް ޤައުމީ މަޖިލީހުން ނުވަންނާނެކަން ސާފުކޮށްދީފައެވެ.

comment ކޮމެންޓް