ފުޓްސަލް މެޗެއް ކުޅެން ހުއްޓައި އެމްއޭސީއެލްގެ މުވައްޒަފަކު މަރުވެއްޖެ

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިންޓަ ޔުނިޓް ފުޓްސަލް މުބާރަތް ކުޅެން ހުއްޓައި އެ ކުންފުނީގެ މުވައްޒަފަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އެ ކުންފުނީގެ އެއިރޯޑްރޮމް އެންޑް ގްރައުންޑް އެއިޑްގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޝިޔާންއެވެ.

މަންޒަރު ދުށް މީހާކު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި، މިރޭ ހުޅުލޭގައި ކުރިއަށްދިޔަ އެ މުބާރާތުގެ މެޗެއްގައި އޭނާ ކުޅެން ހުއްޓައި ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނީ ކަމަށާއި ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ޝިޔާން ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް އެ ވަގުތު އެތަނުގައި ހުރި މީހަކު ވަނީ ކިޔައިދީފައެވެ.

ޝިޔާނަކީ އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުންދާ މީހެއްކަން ނުވަތަ ނޫންކަން ވެސް އަދި ވަނީ ކަށަވަރު ވާގޮތް ނުވެފައެވެ.

މި އަހަރުގެ ކުރީ ކޮޅުގައި ވެސް ވަނީ ކ. ތުލުސްދޫގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެފައެވެ.

comment ކޮމެންޓް