ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ބޮރޫޝިއާ ޑޯޓްމަންޑް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޑޯޓްމަންޑް ޖާގަހޯދައިފައި ވަނީ ކުއާޓާ ފައިނަލްގައި އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް ފަސް ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެޓްލެޓިކޯގެ ދަނޑުގައި ކުޅެ ދެ ލަނޑުން އެއް ލަނޑުން އެޓްލެޓިކޯ ކާމިޔާބު ކުރި ނަމަވެސް ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބު ކުރީ ޑޯޓްމަންޑްއެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޑޯޓްމަންޑްއެވެ. މި މެޗުގައި ޑޯޓްމަންޑް ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔަ ތަނެވެ. އޭގެ ބަދަލުގައި އެޓްލެޓިކޯ ފެނުނީ ލިބިފައިވި އެއް ލަނޑުގެ ލީޑު ދެމަހެއްޓުމަށްޓަކައި ދިފާއަށް އިސްކަންދީ ނަމަވެސް ލިބޭ ފުރުސަތު ތަކުގައި ހަމަލާ ދިނުމަށް ވިސްނައިގެން ކުޅުނު ތަނެވެ.
ނަމަވެސް ޑޯޓްމަންޑްގެ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރާއެކު ކުޅެމުންދިޔަ ޑޯޓްމަންޑްއިން ވަނީ މެޗުގެ 34 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާއިން އެޓްލެޓިކޯ އާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޫލިއަން ބްރަންޓްއެވެ. އަދި މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ޑޯޓްމަންޑްގެ އިއާން މާޓްސެން ކާމިޔާބު ކޮށްދިން ލަނޑާއެކު ޑޯޓްމަންޑްއިން އެ ޓީމުގެ ލީޑު ފުޅާކޮށް އެގްރިގޭޓުން ވެސް ކުރި ހޯދިއެވެ.
މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމިގެންދިޔަ އިރު ދެވަނަ ހާފަށް އެޓްލެޓިކޯއިން ނިކުތީ ފުރަތަމަ ހާފަށް ވުރެ ފޯރީގައި މި މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ހަމަލާއެއްގައި ލަނޑެއް ޖަހާ އެ ޓީމުގެ ދެމެދުގައި ފަރަގު އެއް ލަނޑަށް ކުޑަކޮށް އެގްރިގޭޓް ނަތީޖާއިން ޑޯޓްމަންޑް އާ ހަމަހަމަ ކުރުމެވެ.
އަދި މެޗުގެ 64 ވަނަ މިނެޓުގައި އެންޖެލް ކޯރެއާ ޖަހައިދިން ލަނޑާއެކު އެޓްލެޓިކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށް އަނެއްކާ ވެސް މެޗު ފެށިއިރު އޮތް ގޮތަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދިއެވެ. ނަމަވެސް އެޓްލެޓިކޯއަށް މި ނަތީޖާގައި އޮވެވޭވަރުވީ ހަތް މިނެޓު ވަންދެނެވެ. މިގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ނިކްލަސް ފުލްކްރޫގް ޖަހައިދިން ލަނޑާއެކު ޑޯޓްމަންޑްއިން ތިންވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. އަދި މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން މާސެލް ސަބިޓްޒާ ޖަހައިދިން ލަނޑާއެކު މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގުމުގެ އިތުރުން އެގްރިގޭޓް ނަތީޖާއިން ވެސް އަނެއްކާ ޑޯޓްމަންޑް އެއް ލަނޑުގެ ލީޑެއް ނެގިއެވެ.
މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެ ޓީމަށް ލިބިގެން ދިޔަ ނަމަވެސް މެޗު ނިމިގެންދިޔައީ މި ނަތީޖާގައި އޮވެގެންނެވެ.
މި ކާމިޔާބީ އާއެކު ޑޯޓްމަންޑަށް މި ވަނީ 2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަ ހޯދިިފައެވެ. ސެމީފައިނަލްގައި ޑޯޓްމަންޑް ބައްދަލުކުރާނީ އެފްސީ ބާސެލޯނާގެ މައްޗަށް ކުރި ހޯދި ޕެރިސް ސެއިންޓް ޖާމެއިން އާއެވެ.