އެމްޓީސީސީ ޢީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ބުރުން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލުގައި ކްލަބު ކާސިންޖީ (ސީކޭ) ބަލިކޮށްގެންނެވެ. އެ މެޗުން ބުރު މޮޅުވީ ސީދާ ދެ ގޭމުންނެވެ.
އެ މެޗު ބުރުން ފެށީ ބޭރުންނެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ގޭމްގައި ބުރުން ކުރި ހޯދީ ފަހު ވަގުތުގައި ދެއްކި ތަފާތާއެކުއެވެ. އެ މެޗުގެ ފުރަތަމަ ގޭމްގައި ސީކޭގެ މައްޗަށް ބުރުން ކުރި ހޯދީ 9-6 އިންނެވެ.
ދެވަނަ ގޭމްގައި އެތެރެއިން ބުރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ސީކޭ އިން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ދެވަނަ ގޭމު ވެސް ބުރުން ކާމިޔާބުކޮށްފައިވަނީ މާބޮޑު އުނދަގުލެއް ނެތި 16-8 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި މިސްޓަ ބައިބަލާއަށް ހޮވުނު ބުރު ސްޕޯޓްސްގެ މުހައްމަދު މިރުސާލް ޔާސިރު -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން
މިއަހަރުގެ ބައިބަލާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މިސްޓަ ބައިބަލާއަކަށް ހޮވިފައިވަނީ ބުރުގެ މުހައްމަދު މިރުސާލް ޔާސިރެވެ. އޭނާ ވަނީ ފައިނަލުގެ މެޗުގެ އިތުރުން ބުރުން ކުޅުނު ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
އެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ބުރުގެ މިރުޝާލާއި އެޓީމުގެ މުހައްމަދު ރިލްވާނާއި ސީކޭގެ އިބްރާހިމް ސަމީމާއި ވިޝާހް އަބްދުލް ލަތީފާއި އަލީ ޝާފިއު އާއި އަލީ ވިޖުހާނާއި ސުމާމް ލަތީފާއި ހަމަ އެ ޓީމުގެ މުހައްމަދު ސަޖަންގެ އިތުރުން ޔުނައިޓެޑް އީސްޓް ކޯސްޓުގެ މުހައްމަދު ނަޒީހު ހަނީފް އަދި ޖޭކޭ ސްޕޯޓްސް ކްލަބުގެ ހުސެއިން ޝިމާޒެވެ. އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ބުރުގެ ކޯޗު މުހައްމަދު ޔާސިރު ހޮވުނު އިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ސީކޭއެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮންމެ ފިތުރު އީދާ ދިމާކޮށް ބާއްވާ ބައިބަލާ ޗެލެންޖުގެ އެންމެ ކާމިޔާބު އެއް ޓީމަކީ ވެސް ބުރު ސްޕޯޓްސްއެވެ. އެޓީމުން ވަނީ މިއަހަރުގެ އިތުރުން 2007 އަދި 2018ގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.