ސްޕޭންގެ ބާސެލޯނާ ކަޓުވައިލުމަށް ފަހު، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދާފައިވަނީ ކުއާޓާ ފައިނަލްގައި ރޭ އެފްސީ ބާސެލޯނާއާ ބައްދަލުކޮށް ހަ ލަނޑު އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅެ 3-2 އިން ބާސާ ކުރި ހޯދި ނަމަވެސް ރޭ ބާސާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު 4-1 އިން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއެވެ.
މެޗު ފެށިގެން ދިޔައިރު ޕީއެސްޖީގެ ކުޅުންތެރިންގެ ފަރާތުން ކުރިއަށް އަރާ ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ތަން ފެނިގެންދިޔައެވެ. އޭގެ ބަދަލުގައި ބާސާގެ ފަރާތުން ފެނިގެންދިޔައީ ފުރަތަމަ ލެގުން ލިބިފައިވި ލީޑާ އެކު ކޮންމެ ވެސް ވަރަކަށް ހަމަޖެހިލައިގެން ކުޅެން އުޅެވޭތޯ މަސައްކަތްކުރި ތަނެވެ. އަދި، މިގޮތުން ޕީއެސްޖީން ކުރިއަށް އަރާ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައިރު މެޗުގެ 12 ވަނަ މިނެޓުގައި ބާސާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމުގެ އިތުރުން އެގްރިގޭޓް ނަތީޖާގައި ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ލެމިން ޔަމާލްގެ ބުރަ މަސައްކަތުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަފީނިއާއެވެ.
މި ލަނޑާ އެކު މި މެޗު ވެސް ބާސާއިން ކާމިޔާބުކޮށް ސެމީފައިނަލަށް ހިނގައިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް މެޗުގެ އޮއިވަރު ޕީއެސްޖީ ކޮޅަށް ބަދަލު ވެގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ހަމަލާއެއްގައި ބްރެޑްލީ ބާކޯލާ ބޯޅައާ އެކު ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްނަން މަސައްކަތް ކުރުން ހުއްޓުވުމަށް ޑިފެންޑާ ރޮނާލްޑް އަރައުހޯ ކުރި މަސައްކަތުގައި އޭނާއަށް ފައުލް ކުރި ހިސާބުންނެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ކުރި މި ފައުލާ އެކު ޕީއެސްޖީއަށް ހިލޭ ޖެހުމެއް ރެފްރީ ދިންއިރު އަރައުހޯ އަކީ އެންމެ ފަހު ކުޅުންތެރިޔާކަމަށް ބަލާ ރެފްރީވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ. މިއާއެކު މެޗުގައި އޭރު ވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ ޕީއެސްޖީގެ ހަމަލާތައް ދިފާއުކުރުމުގައި ބާސާގެ ކުޅުންތެރިންނަށް މައްސަލަތަކާ ކުރިމަތިވާން ފެށިއެވެ. އަދި، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާގައި ދެ ޓީމުގެ ދެމެދުގައިވި ފަރަގު އެއް ލަނޑަށް ކުޑަކޮށްފައެވެ.
ޕީއެސްޖީން ދެވަނަ ހާފު ފަށާފައިވަނީ ވެސް ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާ އެގްރިގޭޓުން ބާސާއާ އަރާ ހަމަހަމަކޮށްފައެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭއެވެ. މިއާއެކު އެގްރިގޭޓް ނަތީޖާ ޕީއެސްޖީ ކޮޅަށް އެނބުރިގެން ދިޔައެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖަހައިދިނީ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ.
މި ކާމިޔާބީއާ އެކު ޕީއެސްޖީން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި، ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސެމީފައިނަލުން ޖާގަހޯދި ބޮރޫޝިއާ ޑޯޓްމުންޑާއެވެ.